ކޮސްޓާގެ ލަނޑާއެކު ޗެލްސީން އަށް ޕޮއިންޓުގެ ލީޑެއް، އާސެނަލް ދެވަނައަށް

އިނގިރޭސި ޕްރިމިއާ ލީގުގައި، ހަލް ސިޓީ ކޮޅަަށް ލަނޑު ޖެހުމަށް ފަހު ޗެލްސީގެ ފޯވާޑް ޑިއެގޯ ކޮސްޓާ (ކ) އެ ޓީމުގެ ކުޅުންތެރީންނާއެކު އުފާ ފާޅުކުރަނީ -- ފޮޓޯ: ބީބީސީ

ޗެލްސީގެ ސްޕެއިން ފޯވާޑް ޑިއެގޯ ކޮސްޓާ އަނިޔާއިން ސަލާމަތްވެ، އެނބުރި ޓީމާ ގުޅުނު ފަހުން ކުޅުނު ފުރަތަމަ މެޗުގައި ހަލް ސިޓީކޮޅަށް އޭނާ ކާމިޔާބުކުރި ލަނޑާއެކު 2-0ގެ ނަތީނާއަކުން މޮޅުވެ، އިނގިރޭސި ލީގު ތާވަލުގެ އެއްވަނައިގައި އަށް ޕޮއިންޓުގެ ލީޑެއް އެޓީމުން ނަގައިފިއެވެ.

ޕްރިމިއާ ލީގުގެ ކޮންމެ ކްލަބަކުންވެސް މިހާތަނަށް 22 މެޗު ކުޅެފައިވާއިރު، ހަލްއަތުން މިރޭ ޗެލްސީ މޮޅުވުމުން އެޓީމަށް ވަނީ، 55 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި އަށް ޕޮއިންޓުގެ ލީޑެއް ލިބިފައެވެ. ބާންލީއާ ދެކޮޅަށް އާސެނަލް މިރޭ ކުޅުނު މެޗުން 2-1 ލަނޑުގެ ނަތީޖާއަކުން މޮޅުވެ އެޓީމު ވަނީ، 47 ޕޮއިންޓާއެކު ތާވަލުގެ ދެވަނައަށް ކުރިއަށް ޖެހިލައިފައެވެ.

ޗެލްސީން މިދިޔަ ހަފްތާގައި، ޗެމްޕިއަން ލެސްޓާ އަތުން 3-0 ލަނޑުން މޮޅުވި މެޗުގައި، އަނިޔާގެ ސަބަބުން ކޮސްޓާ ބައިވެރިއެއް ނުވެއެވެ. އަދި އެ ދުވަސްވަރު، އޭނާ ޗައިނީސް ސުޕަ ލީގުގެ ކްލަބަކަށް ބަދަލުވާން އުޅުނު ވާހަކަތަކެއްވެސް މީޑިއާއަށް ތިލަވެގެން ދިޔައެވެ.

ސްޓެމްޕޯޑް ބްރިޖްގައި މިރޭ ކުޅުނު މެޗުގެ 10 ވަނަ ސިކުންތުގައި ކޮސްޓާވަނީ، ހަލްގެ ގޯލަށް ނުރަށްކާވާގޮތަށް ބާރު ހަމަލާއެއް ފޮނުވާލައިފައެވެ. އެހެން ނަމަވެސް 16 ޕޮއިންޓާއެކު ލީގު ތާވަލުގެ ފަހަތުން ދެވަނައިގައި އޮތް ހަލްއިން ވަނީ ފުރަތަމަ ހާފްގެ އިތުރު ވަގުތާ ޖެހެންދެން ޗެލްސީން ލަނޑެއް ޖެހިޔަނުދީ ހިފަހައްޓައިފައެވެ.

ޗެލްސީއަށް ހަލްގެ ގޯލް ހުޅުވާލަދިން ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ހަތް ވަނަ މިނިޓްގައި ކޮސްޓާ ކާމިޔާބުކޮށްދިނީ ވިކްޓާ މޮސަސް، ހަލްގެ ގޯލް ކުރިމައްޗަށް ހުރަސްކޮށްލި ބޯޅައެއް ވަރަށް ރީތިކޮށް ގޯލްތެރެއަށް ފޮނުވާލައިގެންނެވެ.

ދެވަނަ ހާފް ފަށައިގެން، ހަލްއިން ވެސް ޗެލްސީގެ ގޯލަށް ނުރައްކާ ހަމަލާތަކެއް ފޮނުވާލާފައި ވާއިރު، ޗެލްސީން އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކުރީ، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 9 މިނިޓަށް ވެފައި ވަނިކޮށެވެ. ހަލްގެ ޕެނަލްޓީ އޭރިޔާގެ އަރިމަތިން ޗެލްސީއަށް ލިބުނު ހިލޭ ޖެހުމަކުން އެޓީމުގެ ސެސް ފަބްރިގާސް ނަގައިދިން ހުރަހެއް ބޮލުން ޖަހައި ބޯޅަ ގޯލްތެރެއަށް ފޮނުވާލީ، ޑިފެންޑަރު ގެރީ ކޭހިލްއެވެ.

މިއީ މިފަހަރުގެ ލީގު ޓައިޓަލްއާ އެންމެ ގާތުގައި އޮތް ޗެލްސީ އެންމެ ފަހުން ކުޅުނު 16 މެޗުގެ ތެރޭން އެޓީމު މޮޅުވި 15 ވަނަ މެޗެވެ.

އާސެނަލުން އެޓީމުގެ އެމިރޭޓްސް ސްޓޭޑިއަމްގައި މިރޭ ބާންލީއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފްގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައި ނުވާއިރު، ދެވަނަ ހާފް ފަށައިގެން 14 ވަނަ މިނިޓްގައި އާސެނަލްގެ ޝްކޮޑްރަން މުސްތަފީ ވަނީ، ލަނޑެއް ކާމިޔާބުކޮށް ބާންލީގެ ގޯލް ހުޅުވާލައިފައެވެ.

މެޗުގައި އާސެނަލް ރަނގަޅަށް ކުޅެމުން ދިޔަ ނަމަވެސް އެޓީމަށް އުނދަގޫތަކެއް ކުރިމަތިލާން ޖެހުނީ، ބާންލީގެ ސްޓީވަން ޑިފޯއަށް ގްރެނިޓް ޒަކާ ކުރި ނުރައްކާތެރި ފައުލަކާއެކު އޭނާއަށް ރަތްކާޑެއް ދައްކައި ދަނޑުން ފޮނުވާލުމާ ގުޅިގެންނެވެ. މިއީ މި ސީޒަންގައި ޒަކާއަށް ރަތްކާޑު ދެެއްކި ދެވަނަ ފަހަރެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރު ވަގުތުގެ ގޮތުގައި ދެއްކި 9 މިނިޓްގެ ތިން ވަނަ މިނިޓްގައި ބާންލީން ނަތީޖާ ހަމަހަމަކުރިއެވެ. އާސެނަލްގެ ޕެނަލްޓީ އޭރިޔާ ތެރޭން ބާލީގެ އެޝްލީ ބާނެސްއަށް ފްރެންސިސް ކޮކުއެލިން ކުރި ފައުލަކާ ގުޅިގެން ބާންލީއަށް ލިބުނު ޕެނަލްޓީ އެޓީމަށް ކާމިޔާބުކޮށްދިނީ، އެންޑްރޭ ގްރޭއެވެ.

އާސެނަލުން 10 ކުޅުންތެރީންނާ އެކު ބާންލީން އަތުން އެއްވަރުވާން ދަނިކޮށް އެޓީމަށް، 98 ވަނަ މިނިޓްގައި ދެވަނަ ފަހަރަަށް މެޗުގެ ކުރި ހޯދައިދީ 3 ޕޮއިންޓް ކަށަވަރުކޮށްދިނީ އެލެކްސް ސަންޗޭޒެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ، ބާންލީގެ ގޯލް އޭރިޔާ ތެރޭން އެޓީމުގެ ބެން މީ، އާސެނަލްގެ ލޮރެންޓް ކޮސިލްނީއަށް ކުރި ފައުލަކާ ގުޅިގެންނެވެ.

ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެ ރޭ ދެން ކުޅުނު މެޗުގައި ބައްދަލުކުރީ، ޗެމްޕިއަން ލެސްޓާ ސިޓީއާއި ސައުތުހެމްޓަންއެވެ. ސައުތުހެމްޓަންގެ އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗުން އެޓީމު ވަނީ 3-0ގެ ނަތީޖާއަކުން މޮޅުވެފައެވެ.

comment ކޮމެންޓް