އިންޑިއާ ކަނޑުގެ ހަމަޖެހުމަށްޓަކައި، ރާއްޖޭގެ އިގްތިސާދު ވަރުގަދަވާންޖެހޭ: ޝައިނީ

އިންޑިއާގެ ނިއުދިއްލީގައި އޮތް ރައިސީނާ ޑައިލޮގްގައި މިނިސްޓަރ ޝައިނީ --

އިންޑިއާ ކަނޑު ސަރަހައްދާއި ދެކުނު އޭޝިއާގެ ހަމަޖެހުން ދެމެހެއްޓުމަށްޓަކައި، ދިވެހިރާއްޖޭގެ އިގްތިސާދު ވަރުގަދަ ކުރަންޖެހޭ ކަމަށް ރާއްޖޭގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.

ސިޔާސަތާއި އިގްތިދާސާ ގުޅޭގޮތުން އިންޑިއާއިން ބާއްވާ ބައިނަލްއަގުވާމީ ބައްދަލުވުން "ރައިސީނާ ޑައިލޮގް"ގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަންނަވަމުން ގެންދަވަނީ ފިޝަރީޒް މިނިސްޓަރ ޑރ. ޝައިނީއެވެ.

އެ ބައްދަލުވުމުގައި މިނިސްޓަރު ޝައިނީ ވިދާޅުވީ، މިދިޔަ 30 އަހަރެއްހާ ދުވަސް ތެރޭގައި ރާއްޖެ އިގްތިސާދީ ގޮތުން ކުރިއެރި ކުރިއެރުމުގައި، އިންޑިއާގެ އިންވެސްޓްމެންޓްތަކުގެ ހިއްސާ ބޮޑު ކަމަށެވެ.

ޝައިނީ ވިދާޅުވީ، ބައެއް ބޮޑެތި އިންފްރާސްޓްރަކްޗާ މަޝްރޫއުތައް ރާއްޖޭގައި ކުރިޔަށްދާ ކަމަށާއި، އަދި ބައެއް މަޝްރޫއުތައް އޮތީ، ފައިސާ ހަމަޖެއްސުމާއި ތަކެތި ހޯދުމުގެ ހިސާބުގައި މަޑުޖެހިފައި ކަމަށެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި މިއީ އިންޑިއާ ކަނޑު ސަރަހައްދުގެ ހަމަޖެހުން ދެމެހެއްޓުމަށް ރާއްޖެއަށް ބޮޑު ދައުރެއް އަދާކުރެވޭނެފަދަ މަޝްރޫއުތަކެކެވެ.

ރައިސީނާގައި ޑރ. ޝައިނީ ވިދާޅުވީ އިގްތިދާސީ ގޮތުން ވަރުގަދަ އަދި ހަމަޖެހުން އޮތް ދިވެހިރާއްޖެއަކީ އިންޑިއާ ކަނޑަށް އޮތް ފައިދާއެއް ކަމަށެވެ.

"އިގްތިސާދީ ގޮތުން ވަރު ދެރަ ދިވެހިރާއްޖެއަކީ ސިޔާސީ ގޮތުން ވެސް އެއްވެސް ވަރެއް ނެތް ތަނަކަށް ވާނީ. އެއީ އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާއި ހަމަޖެހުމަށް އޮންނާނެ ނުރައްކަލެއް،" ޝައިނީ ވިދާޅުވިއެވެ.

އަދި ސަރަހައްދީ ރައްކާތެރިކަމާއި ސުލްހައަށް، ރާއްޖޭގެ އިތުރުން އިންޑިއާ ކަނޑު ސަރަހައްދުގެ އެހެނިހެން ކުދި ގައުމުތައް ވެސް އިގްތިސާދީ ގޮތުން ވަރުދަގަވާން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ޝައިނި ވިދާޅުވީ، ރާއްޖެއަށް އިގްތިދާސީ ތަރައްގީގެ އާ ހަރުފަތަކަށް އެރޭނީ ހަމައެކަނި ބޭރުގެ އިންވެސްޓްމެންޓް ލިބިގެން ކަމަށެވެ.

"އަވަށްޓެރި ގައުމުތަކުންނާއި ދުރު ގައުމުތަކުން ވެސް އިންވެސްޓަރުން ރާއްޖެ އާދޭ. އެމީހުން އަންނަނީ އިންވެސްޓްމެންޓްގެ ރިޓާން ބޮޑުވެ، އިންވެސްޓްމެންޓް ރިކަވަރީއަށް ހޭދަވާ ވަގުތު ކުޑަވެ، އަދި އިންވެސްޓްމެންޓަށް އޮތް ޔަގީންކަން ކަށަވަރުވާތީ،" ޝައިނީ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ މައްސަލައެއް ފެންމަތިވެއްޖެ ނަމަ، ބައިނަލްއަގުވަމީ ފަރާތްތަކުގެ ބެލުމުގެ ދަށުން، އަދި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެކަމެއް ހައްލުކުރެވޭނެ ކަމަށެވެ. އަދި ގައުމަކުން އިންވެސްޓްކުރުމަކީ އެ އިންވެސްޓަރާއެކު ގުޅުން އުފެއްދޭ ކަމެއް އެކަނި ނޫން ކަމަށާއި، އެއީ ސަރުކާރުގެ ފެންވަރުގައި ވެސް ގުޅުން އިތުރުވާ ކަމެއް ކަމަށް ޑރ. ޝައިނީ ވިދާޅުވިއެވެ.

އިންޑިއާ ކަނޑު ސަރަހައްދުގެ ގައުމުތަކުގެ މެދުގައި އޮންނަނީ އެއްގޮތް ޚިޔާލުތަކެއް ކަމަށާއި، އެ ޚިޔާލުތައް އަށަގެންނެވުމަށް ގައުމުތަކުގެ ގުޅުން އިސް ދައުރެއް އަދާކުރެއްވި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް