ދުނިޔޭގެ 16 ގައުމެއްގައި ބޭނުންކުރާ ކާގޯ އޮޕަރޭޝަންސް ސިސްޓަމް ވެލާނާ އެއާޕޯޓަށް

އެމްއޭސީއެލްއާއި ސެޓްސްއާ ދެމެދު ސޮއިކުރުން --

ސިންގަޕޫރުގެ ސެޓްސް ކުންފުންޏާ ގުޅިގެން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ކާގޯ ހެންޑްލިންގް ނިޒާމު އޮޓޮމޭޓު ކުރުމަށް އެއްބަސްވެއްޖެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު އެމްއޭސީއެލުން ވަނީ، ސެޓްސްއާ އެކު އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

ސެޓްސްއާއި އިންޑިއާގެ އެންއައިއައިޓީ ޓެކްނޮލޮޖީސް ގުޅިގެން އުފައްދާފައިވާ ކާގޯ އޮޕަރޭޝަންސް ސިސްޓަމް (ކޮސިސް)އަކީ ހަލުވި، އަދި މިހާރަށް ވުރެ ރަނގަޅަށް ކާގޯ ހެންޑްލް ކުރެވޭނެ، ފުލީ އޮޓޮމޭޓެޑް ސިސްޓަމެކެވެ. އެމްއޭސީއެލްއިން މައުލޫމާތު ދޭ ގޮތުގައި އެ ސިސްޓަމަކީ އެއާލައިންތަކާއި ކަސްޓަމްސްގެ ސިސްޓަމްތަކާ ވެސް އިންޓަގްރޭޓުވެ، އެ ނިޒާމުތަކުގެ މަސައްކަތަށް ވެސް ފަސޭހަކަމެއް ގެނެސްދޭނެ އެއްޗެކެވެ.

ކޮސިސް ނިޒާމުގެ ދަށުން އީ-އެއާވޭ ބިލް ހެންޑްލް ކުރުމާއި، ފްރައިޓް ފޯވަޑަރުންނާއި އޭޖެންޓުންނަށް، ރިއަލްޓައިމްކޮށް ކާގޯ ޓްރެކް ކުރެވެއެވެ. އެގޮތުން، އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް އެއާ ސާވިސްގައި އިމްޕޯޓު އެކްސްޕޯޓުން ފެށިގެން އިލެކްޓްރޯނިކް ޑޭޓާ އިންޓަޗޭންޖު ކަންކަން ރިއަލްޓައިމްކޮށް ޗެކު ކުރެވެއެވެ.

އެ ނިޒާމަކީ އޭޝިއާ އަދި ދެކުނު އެމެރިކާގެ 16 ގައުމެއްގައި މިހާރުވެސް ބޭނުން ކުރަމުން އަންނަ ނިޒާމެކެވެ.

ސިންގަޕޫރުގެ ސެޓްސް ކުންފުންޏަކީ މިހާރުވެސް ރާއްޖޭގެ އޭވިއޭޝަން ދާއިރާގައި ހަރަކާތްތެރިވަމުން އަންނަ ކުންފުންޏެކެވެ. އެގޮތުން، ރާއްޖެއިން އެއާލައިންތަކަށް ކާނާ ސަޕްލައިކޮށް ދޭ މޯލްޑިވްސް އިންފްލައިޓު ކޭޓަރިންގަކީ އެމްއޭސީއެލާއި ސެޓްސްއާ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާއެކެވެ.

comment ކޮމެންޓް