ދުނިޔޭގެ އެންމެ ބޮޑު ވޯޓާސްޕޯޓްސް އަދި ބޯޓު ޝޯގައި ދިވެހިރާއްޖެ

ޑަސަލްޑޯފް ބޫޓް ފެއާގައި ރާއްޖޭގެ ސްޓޯލު -- ފޮޓޯ/އެމްއެމްޕީއާރުސީ

ޖަރުމަނުގެ ޑަސަލްޑޯފްގައި ކުރިޔަށްދާ، ދުނިޔޭގެ އެންމެ ބޮޑު ވޯޓާސްޕޯޓްސް އެންޑް ބޯޓުޝޯގައި ދިވެހިރާއްޖެއިން ބައިވެރިވަމުން އެބަ ދެ އެވެ.

ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރާ މޯލްޑިވްސް މާކެޓިންގް އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އިން ބުނީ، އިއްޔެ އިން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިޔަށްދާ މި މައުރަޒުގައި ދިވެހިރާއްޖެ އިޝްތިހާރުކުރަނީ "ދަ ކަލަރފުލް ސައިޑް އޮފް ލައިފް"ގެ ޝިއާރުގެެ ދަށުން ކަމަށެވެ.

މި އަހަރުގެ ޑަސަލްޑޯފް ބޯޓު ފެއާގައި ރާއްޖޭގެ ފަރާތުން ހަ ކުންފުންޏަކުން 14 ބައިވެރިއަކު ބައިވެރިވެ އެވެ. ރާއްޖޭގެ ވަފުދުގެ އިސްވެރިއެއްގެ ގޮތުގައި ޖަރުމަނަށް ވަޑައިގަތީ އެމްއެމްޕީއާރުސީގެ އެކްޓިންގް މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދެވެ.

މި ފެއާއަކީ ވޯޓާސްޕޯޓްސް އަދި ޑައިވިން ފަދަ ހަރަކާތްތަކަށް ޝައުގުވެރިވާ ފަރާތްތަކަށް އަމާޒުކޮށް ކޮންމެ އަހަރަކު ވެސް ބާއްވާ ފެއާއެކެވެ. މި ފެއާގައި ލަގްޒަރީ ޔޮޓު، ޑައިވް އިކުއިޕްމެންޓް، ވޯޓާސްޕޯޓްސް އިކުއިޕްމެންޓް އަދި ދުނިޔޭގެ މަޝްހޫރު ޑައިވް ޑެސްޓިނޭޝަންތަކުން ބައިވެރިވެ އެވެ.

މިއަހަރުގެ ޑަސަލްޑޯފް ބޯޓު ފެއާގައި، މީހުންގެ ޝައުގުވެރިކަން ދަމައިގަންނާނެ ފަދަ އެގްޒިބިޓްތަކެއް ހުންނާނެއެވެ. އޭގެ ތެރޭގައި އިންޑޯ ޑީޕްވޯޓާ ވޭވަކާއި، ބީޗެއްގައި ކުރެވޭނެ އިހްސާސް އިތުރުކުރެވޭނެ ގޮތްތައް ހެދުމުގެ އިތުރުން، ޖަރުމަނާއި ވިލާތުގެ ގިނަ ގައުމުތަކެއްގައި އޮންނަ ރައިން ކޯރުގައި ބޯޓެއްގައި ދުއްވާފައި ދެވޭ ފަދަ މަންޒަރެއް ފެންނަ ވާޗުއަލް ސިމިއުލޭޓަރެއްވެސް ހިމެނެ އެވެ.

comment ކޮމެންޓް