އީވް ގާމެންޓްސް އިން ސްކޫލްތަކަށް ހަދިޔާކުރި ޑަސްބިންތަކާ މިނިސްޓްރީން ހަވާލުވެއްޖެ

ޑަސްޓްބިންތަކާ އެޑިއުކޭޝަން މިނިސްޓްރީން ހަވާލުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

އީވް ގާމެންޓްސް އިން ރާއްޖޭގެ އެކި ސްކޫލްތަކުގައި ބެހެއްޓުމަށް ހަދިޔާކުރި ޑަސްބިންތަކާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ރަސްމީކޮށް ހަވާލުވެއްޖެ އެވެ.

ވެލާނާގޭގައި ހުންނަ ސިވިލް ސާވިސް ކޮމިޝަނުގެ ސެމިނާ ރޫމުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި އެ ޑަސްބިންތަކާ ހަވާލުވެވަޑައިގަތީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް އެވެ. އީވް އިން ހަވާލުކޮށްފައި ވަނީ ޖުމްލަ 240 ޑަސްބިނެވެ.

އީވް ގާމެޓްސްގެ ޑިރެކްޓަރު އަހުމަދު ނުސާއިދު ވިދާޅުވީ ޑަސްބިންތައް ހަދިޔާކުރުމުގެ ބޭނުމަކީ، ދަރިވަރުން އުޅޭ މާހައުލު ސާފުތާހިރުކޮށް ބެލެހެއްޓުމުގެ އާދަ ދަރިވަރުންގެ ކިބައިގައި އަށަގެންނެވުމަށް އެޑިއުކޭޝަން މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތްތަކަށް އެއްބާރުލުން ދިނުން ކަމަށެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ ދަރިވަރުން އުޅޭ މާހައުލު ސާފުތާހިރުކޮށް ބެލެހެއްޓުމުގެ އާދަ ދަރިވަރުންގެ ކިބައިގައި އަށަގެންނެވުމަކީ މުހިންމު ކަމެއް ކަމަށެވެ. އެގޮތުން ދުޅަހެޔޮ ސިއްހަތަކަށް ފައިދާ ހުރި ރަނގަޅު ކާނާއާ އެކ،ު އެމީހެއްގެ ވަށައިގެންވާ މާހައުލު ސާފުތާހިރުކޮށް ބޭއްވުމަކީ ވެސް ދުޅަހެޔޮ ސިއްހަތަކަށް މުހިންމުކަމެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ސްކޫލް މަހައުލު ސާފުތާހިރުކޮށް ބޭއްވުމުގައި ދަރުވަރުންގެ ހިއްސާ އިތުރުކުރަންޖެހޭކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ދަރިވަރުންނަށް އެ ދަރިވަރުންގެ ސްކޫލް މާހައުލުގައި އުފެދޭ ކުނި މެނޭޖްކޮށްދޭން ވެސް ދަސްކޮށްދޭން ޖެހޭ ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ދަރިވަރުންނަށް ތައުލީމު ފޯރުކޮށްދިނުމުގައި އަމިއްލަ ފަރާތްތަކުގެ ހިއްސާ ވަރަށް ބޮޑެވެ. އެގޮތުން އީވް ގާމަންޓުގެ ފަރާތުން ހަދިޔާކުރެއްވި ޑަސްޓްބިންތަކަކީ ދަރިވަރުންގެ ތަރުބިއްޔަތުގައި އެދަރިވަރުންގެ އުޅުން ވަކި ގޮތަކަށް ބައްޓަންކުރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާނެ އެއްޗެއްކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

comment ކޮމެންޓް