އަންނަ މަހުން ފެށިގެން ކޮތަޅު އެލުވާލައިގެން ކުނި އުފުއްލުން މަނާ

ބިދޭސީއަކު ބައިސްކަލަށް އަރުވައިގެން ކުނި އުކާލަން ދަނީ: ސަން ފައިލް ފޮޓޯ

ބިދޭސީން ބައިސްކަލް ފަދަ ތަކެތީގައި މިހާރު ކުނި އުފުއްލާ ގޮތަށް އަންނަ މަހުން ފެށިގެން ކުނި އުފުއްލުން މަނާކޮށްފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ގެޒެޓްކޮށްފައިވާ އެއްގަމު އުޅަނދުގައި މުދާ އުފުލުމުގެ ގަވައިދަށް އަންނަ މަހުން ފެށިގެން އަމަލުކުރަން ފަށާ އިރު ދެން ކުނި އުފުލަން ޖެހޭނީ އެތަކެތި ނުފެންނަ ގޮތަށް އަދި ވަސް ވެސް ނުދުވާ ގޮތަށް ބަންދުކޮށްގެންނެވެ.

"ބައިސްކަލުގައި ކުނި އުފުލަންވާނީ ބައިސްކަލުގެ ފަހަތުގައި ކުނިއަޅާނެ ފޮށިގަނޑެއް ހަރުކޮށް، ކުނީގައި ހުރި ވަހާއި، ކުނި މާހައުލަށް ނުފެތުރޭނެގޮތަށް ބަންދުކޮށްގެން،" ގަވައިދުގައި ބުނެފައިވެ އެވެ.

އެފޮށިގަނޑު ހުންނަންޖެހެނީ ބައިސްކަލު ހުންގާނަށް ވުރެ ފުޅާވުނާހެން ބައިސްކަލު ދުއްވަން އިންނަ މީހާއާއި ބައިސްކަލު ފަހަތު ފުރޮޅަށް ވުރެ ބޭރަށް ނުނިކުންނަގޮތަށެވެ.

އެގަވައިދާ ހިލާފަށް އަމަލުކުރާ ނަމަ 750 ރުފިޔާ އިން ޖޫރިމަނާކުރެވޭނެ ކަމަށް ގަވައިދުގައި ބުނެފައިވެ އެވެ.

މާލޭގެ ގެތަކުން ކުނި އުކާލަ ދިނުމުގެ މަސައްކަތް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ވަނީ ފަށައިފަ އެވެ. ކުނި އުކާލުމަށް ހާއްސަ އުޅަނދުތަކެއް ވެމްކޯއިން ގެންގުޅެ އެވެ.

އާންމު ގޭގޭގެ ކުނި ވެމްކޯ އިން އުކާލަދޭ އިރު ގިނަކުނި އުކާލުމަށް ޖެހެނީ ޓެކްސީ ޕިކަޕުތަކަށް ގުޅަންށެވެ. ޕިކަޕުތަކުން ކުނި އުކާލަދޭ އަގު އުޅެނީ 300 ރުފިޔާ އިން މަތީގަ އެވެ.

comment ކޮމެންޓް