'ދަންގަލް'ގެ ތަރި ޒާއިރާ އާ ދެކޮޅަށް މުޒާހަރާކޮށް، މަރުގެ އިންޒާރު ދީފި

އުމުރުން އެންމެ 16 އަހަރުގެ ޒާއިރާ އާދެކޮޅަށް މުޒާހަރާ ކޮށްފައި ވަނީ، ދާދި ފަހުން އޭނާ ޖައްމު ކަޝްމީރުގެ ޗީފް މިނިސްޓަރު މެހެބޫބާ މުފްތީ އާ ބައްދަލުކުރި މައްސަލައިގައި -- ފޮޓޯ: ޕީޓީއައި

މިދިޔަ އަހަރު އަދި ބޮލީވުޑުގެ ތާރީހުގައި ވެސް ނުކުތް އެންމެ ކާމިޔާބު ފިލްމު، 'ދަންގަލް'ގައި ގީތާގެ ކުޑައިރުގެ ރޯލު އަދާކުރި ޒާއިރާ ވަސީމް އާދެކޮޅަށް ކަޝްމީރުގައި މުޒާހަރާކޮށްފި އެވެ.

އުމުރުން އެންމެ 16 އަހަރުގެ ޒާއިރާ އާދެކޮޅަށް މުޒާހަރާ ކޮށްފައި ވަނީ، ހުކުރު ނަމާދަށް ފަހު މިސްކިތެއް ކައިރީގަ އެވެ.

މުޒާހަރާގައި ޒާއިރާގެ ފޮޓޯ ޖަހާފައިވާ ބޯޑު ތަކުގައި އަލިފާން ރޯކޮށް، ޒާއިރާއަށް މަރުގެ އިންޒާރު ވަނީ ދީފަ އެވެ.

ޒާއިރާ އާދެކޮޅަށް މުޒާހަރާ ކޮށްފައި ވަނީ، ދާދި ފަހުން އޭނާ ޖައްމު ކަޝްމީރުގެ ޗީފް މިނިސްޓަރު މެހެބޫބާ މުފްތީ އާ ބައްދަލުކުރި މައްސަލައިގަ އެވެ.

ޒާއިރާ، މެހެބޫބާ އާ ބައްދަލު ކުރުމުގެ ސަބަބުން ސޯޝަލް މީޑިއާގައި އޭނާއަށް ވަރަށް ބޮޑަށް ފުރައްސާރަކޮށްފައިވެ އެވެ. ޒާއިރާ ވަނީ އެކަމުގެ ސަބަބުން މަޢާފަށް އެދި ސިޓީއެއް ލިޔެ ސޯޝަލް މީޑިއާގައި އާންމު ކޮށްފަ އެވެ. ނަމަވެސް ފަހުން ވަނީ އެ ޕޯސްޓް ޑިލީޓް ކޮށްލާފަ އެވެ.

އެ މައްސަލާގައި ގިނަ އަދަދެއްގެ ބޮލީވުޑް ފަންނާނުން ވަނީ ޒާއިރާ ދިފާއުކޮށްފަ އެވެ. އޭގެ ތެރޭގައި 'ދަންގަލް' ގެ ލީޑު އެކްޓަރު އާމިރު ޚާން ވެސް ހިމެނެ އެވެ.

މި މައްސަލައިގައި އިންޑިއާގެ ޔޫނިއަން މިނިސްޓަރ އޮފް ސްޓޭޓް ފޯ ހޯމް އެފެއަރޒް ކިރެން ރިޖިޖޫ ވިދާޅުވީ، ޒާރިއާއަށް ސެކިއުރިޓީ ފޯރުކޮށްދިނުމަށް ޖަންމޫ އެންޑް ކަޝްމީރުގެ ސަރުކާރުން އެދިއްޖެ ނަމަ އެކަން ކޮށްދޭނޭ ކަމަށެވެ.

"ސަލާމަތީ ކަންކަން ފޯރުކޮށްދިނުމަށް އަހަރެމެން އަމިއްލައަކަށް ނުނިންމަން. އެކަމަކު ސްޓޭޓް ސަރުކާރުން އެގޮތަށް އެދިއްޖެ ނަމަ ނުވަތަ ކޮންމެހެންވެސް ސެކިއުރިޓީ ފޯރުކޮށްދޭން ޖެހިއްޖެ ނަމަ، އެހީތެރިވާނަން،" ކިރެން ރިޖިޖޫ ވިދާޅުވި އެވެ.

comment ކޮމެންޓް