ހިޔާގައި އުޅޭ ކުދިންނަށް ވަޒީފާ ހޯދައި ދިނުމަށް އަނަންތަރާއިން ޖެންޑާއާ ގުޅިއްޖެ

މިއަދު އަނަންތަރަ ރިސޯޓުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

ކުޑަކުދިންގެ ހިޔާގައި އުޅޭ ކުޑަކުދިންނަށް ހިޔާގެ ބޭރުން ވަޒީފާ ހޯދައި ދިނުމަށް އަނަންތަރަ ރިސޯޓު ނުވަތަ މައިނާ ހޮޓެލްސް ގްރޫޕް އިން ޖެންޑާ މިނިސްޓްރީއާ ގުޅިއްޖެ އެވެ.

އެކަމުގެ އެއްބަސްވުމެއްގައި މިއަދު އަނަންތަރަ ރިސޯޓުން ވަނީ ޖެންޑާ މިނިސްޓްރީއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެ އެއްބަސްވުމުގެ ދަށުން އަނަންތަރަ އިން ހިޔާގައި އުޅޭ ކުދިންނަށް ތަމްރީނުދީ އެކި ދާއިރާތަކަށް ކުދިން ފައްކާކޮށް ވަޒީފާގެ މާހައުލަށް ނެރެދޭނެ އެވެ.

މިއަދު އަނަންތަރަ ދިގުރަށް ރިސޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި އަނަންތަރަ ރިސޯޓުގެ ފަރާތުން ސޮއި ކުރެއްވީ އެ ރިސޯޓުގެ ޖެނެރަލް މެނޭޖަރު ކޮއެޓްސާ ޑޭސަލް އެވެ. ޖެންޑާ މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު ޑރ. އަތައުﷲ އަހުމަދު ރަޝީދު އެވެ.

މިއަދު އަނަންތަރަ ރިސޯޓުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

ރަސްމިއްޔާތަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވީ، އަނަންތަރަ ރިސޯޓުން މިއަދު ފަށަން ނިންމި ޕްރޮގްރާމްގެ ދަށުން ކުޑަކުދިންގެ ހިޔާގައި އުޅޭ ކުދިންނަށް ވަރަށް މުހިންމު ތަމްރީނުތަކެއް އެކި ދާއިރާތަކުން ލިބިގެންދާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ކުޑަކުދިންގެ ހިޔާއަށް ނުވަތަ ދައުލަތުގެ ބެލުމުގެ ދަށަށް ނަގާ ކުދިން ކޮންމެ އަހަރަކު ވެސް އިތުރުވަމުން އަންނަ ކަމަށެވެ. އެހެންކަމުން އެ ކުދިންނަށް ރަނގަޅު ތައުލީމުދީ، އެކުދިންނަކީ މުޖުތަމައުގައި ބާކީވެފައި ތިބޭ ކުދިންނަށް ނުހަދައި މުޖުތަމައަށް ހަރުދަނާ ކުއްޖެއްގެ ގޮތުގައި ނެރުމަކީ މިނިސްޓްރީން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭ ކަމެއް ކަމަށެވެ.

މިއަދު އަނަންތަރަ ރިސޯޓުގައި ޖެންޑާ މިިނިސްޓަރު ޒެނީޝާ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

އެގޮތުން އެކި ވޯކްޝޮޕްތަކާއި ތަމްރީނު ޕްރޮގްރާމްތަކުގައި އެކުދިން ބައިވެރިކުރަމުން އަންނަ ކަމަށާއި މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން އެ ކުދިންގެ ދެވިގެންދާ ތަމްރީނުތަކަކީ މުހިންމު ތަމްރީނުތަކަކަށް ވާނެ ކަމަށެވެ. އެހެންކަމުން މިނިސްޓަރު ޒެނީޝާ ވަނީ އަނަންތަރަ ރިސޯޓުގެ އިސްވެރިންނާއި މުވައްޒަފުންނަށް އެކަމަނާގެ އަމިއްލަ ނަންފުޅުގައާއި ހިޔާގައި އުޅޭ ކުދިންގެ ނަމުގައި ޝުކުރު އަދާކުރައްވާފަ އެވެ.

އަނަންތަރަ ރިސޯޓުގެ ޖެނެރަލް މެނޭޖަރު ވިދާޅުވީ އެފަދަ ޕްރޮގްރާމެއް ފެށުމުގެ ބޭނުމަކީ އެފަދަ ކުދިންނަށް މުޖުތަމައުގައި ބޭނުން ހިފޭ ހަރުދަނާ މީހަކަށް ވުމުގެ ފުރުސަތު ހޯދައި ދިނުން ކަމަށެވެ.

މިއަދު އަނަންތަރަ ރިސޯޓުގައި އެ ރިސޯޓުގެ ޖެނެރަލް މެނޭޖަރު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

އޭނާ ވިދާޅުވީ ކޮންމެ އަހަރަކު ވެސް އެފަދަ ޕްރޮގްރާމެއް ކުރިއަށްގެންދަން ނިންމާފައިވާ ކަމަށެވެ. އަދި އެ ޕްރޮގްރާމްތަކުގެ ދަށުން ތަމްރީނު ލިބޭ ކުދިންނަށް އަނަންތަރަ އިން ހަތަރު ޑިޕާޓްމަންޓެއްގައި ތަޖުރިބާ ކުރުމުގެ ފުރުސަތު ދޭނެ ކަމަށާއި އެއަށްފަހު އެކުއްޖަކު ބޭނުންވާ ދާއިރާއަކުން ކުރިއަށްދިއުމުގެ ފުރުސަތު އަނަންތަރަ އިން ދޭނެ ކަމަށެވެ.

comment ކޮމެންޓް