ޓްރަމްޕް، އެމެރިކާ ސަރުކާރުގެ ހުރިހާ ފޮރިން އެމްބެސެޑަރުން މަގާމުން ވަކިކޮށްފި

އިއްޔެ އެމެރިކާގެ ރައީސްކަމުގެ ހުވާ ކުރެއްވި ޑޮނަލްޑް ޓްރަމްޕް -- ފޮޓޯ: ގެޓީީ

ވޮޝިންޓަން (ޖެނުއަރީ 21): އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިކަމުގެ ހުވާ ކުރެއްވިތާ މާގިނަ އިރުތަކެއް ނުވަނީސް ސަރުކާރުގެ ހުރިހާ ފޮރިން އެމްބެސަޑަރުން މަގާމުން ވަކި ކުރައްވައިފި އެވެ.

ޓްރަމްޕް ވަނީ ކުރީގެ ރައީސް އޮބާމާގެ ދައުރުގައި އެކި ގައުމުތަކަަށް އައްޔަން ކުރެއްވި ހުރިހާ އެމްބެސެޑަރުން އިއްޔެ މެންދުރުވުމުގެ ކުރިން މަގާމުން އިސްތިއުފާ ދިނުމަށް އަމުރު ކުރައްވައިފަ އެވެ.

މިިދިޔަ މަހު ޓްރަމްޕުގެ އިންތިގާލީ ޓީމުން ވަނީ ޓްރަމްޕް ވެރިކަމަށް ވަޑައިގަތުމުން، އެގައުމުގެ 80 ވަރަކަށް ފޮރިން އެމްބެސެޑަރުން އެއްވެސް އިސްތިސްނާއެއް ނެތި މަގާމު ދޫކޮށް ވަޑައިގަންނަވަން ޖެހޭނެ ކަމަށް ބުނެފަ އެވެ.

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން ސިޔާސީ ދާއިރާ އަށް އެމްބެސެޑަރުން އައްޔަން ކުރުމަކީ ދިގު ދެމިގެންދާ މަރުހަލާއެއް ކަމުން، އާ އެމްބެސެޑަރުން އައްޔަން ކުރުމުގެ ކުރިން މިހާރު ތިއްބެވި އެމްބެސަޑަރުން މަގާމުން ވަކި ކުރުމަކީ ގައުމުގެ ރައީސާއި އެހެން ގައުމުތަކާ އޮންނަ ގުޅުމަށް ބުރޫ އަރާނެ ކަމެއް ކަމަށް ކަމާ ބެހޭ ފަރާތްތަކުން ވިދާޅުވެ އެވެ.

މިހާތަނަށް ޓްރަމްޕުގެ ސަރުކާރުން ހަމަޖައްސާފައިވާ އެމްބެސަޑަރުންގެ ތެރޭގާއި އެމެރިކާ އިން އދ. އަށް ހަމަޖައްސާފައި ހުންނަ އެމްބެސެޑަރާއި، ޗައިނާ އަދި އިސްރާއީލުގެ އެމްބެސެޑަރުން ހިމެނެ އެވެ.

ބައެއް ރިޕޯޓުތަކުގައިވާ ގޮތުން ޓްރަމްޕުގެ ފުރަތަމަ އަނބިކަނބަލުން އިވާނާ ޓްރަމްޕް ވަނީ އެކަމަނާ އުފަން ޗެކް ރިޕަބްލިކުގެ އެމްބެސަޑަރަކަށް ވުމަށް ޝައުގުވެރިކަން ފާޅު ކުރައްވައިފަ އެވެ.

އިއްޔެ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ޓްރަމްޕުގެ ސަރުކާރުގެ ގިނަ މަގާމުތަކަށް އަދިވެސް މީހުން އައްޔަންކޮށްފައި ނުވުމުގެ ސަބަބުން ޓްރަމްޕަށް ގިނަ ބަޔެއްގެ ފާޑު ކިޔުންތައް ވަނީ އަމާޒުވެފަ އެވެ. އެގޮތުން ގައުމީ ސަލާމަތީ ކައުންސިލާއި ސްޓޭޓް ޑިޕާޓްމެންޓް އޮފް ޑިފެންސްގެ ގިނަ މަގާމުތަކަށް މީހުން އައްޔަންކޮށްފައި ނުވާ ކަން ފާޑުކިޔުންތެރިން ފާހަގަ ކުރެ އެވެ. (އިންޑިޕެންޑެންޓް)

comment ކޮމެންޓް