ކަނޑުމަތިން ފެނުނީ ޗައިނާ ދެ ފަތުރުވެރިންގެ ހަށިގަނޑު: ފުލުހުން

ޓޫރިސްޓެއް ރާއްޖޭގައި މޫދު ކުޅިވަރު ކުޅެނީ --- ފޮޓޯ/ މުހައްމަދު އަފްރާހް

ކަނޑުމަތިން މިއަދު ހެނދުނުގެ ވަގުތެއްގައި ނެގި މަރުވެފައި ތިބި ދެ މީހުންނަކީ މީރު ފެންފުށީ ރިސޯޓުން ގެއްލިގެން ހޯދަމުންދިޔަ ދެ ފަތުރުވެރިން ކަމަށް ފުލުހުން ކަށަވަރު ކޮށްދީފި އެވެ.

މީރު ފެންފުށީ ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުންދިޔަ ދެ ފަތުރުވެރިން ގެއްލިގެން ހޯދަން ފަށާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރެއިން ފެށިގެންނެވެ. އެ މީހުން ގެއްލުނީ މޫދަށް އެރި އުޅެނިކޮށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "ސަން"އަށް ދެންމެ ވިދާޅުވީ، މިއަދު ހެނދުނުގެ ވަގުތެއްގައި ފެނުނު އެ މީހުންނަކީ އެ ރިސޯޓުން ގެއްލިގެން ހޯދަމުންދާ ދެ މީހުން ކަމަށެވެ. ޗައިނާއަށް ނިސްބަތްވާ އެ ދެ މީހުންނަކީ 30 އަހަރުގެ އަންހެނަކާއި 34 އަހަރުގެ ފިރިހެނެއް ކަމަށް ވެސް އޮފިޝަލު ވިދާޅުވިއެވެ.

އެ ދެ ހަށިގަނޑު ވެސް ފެނުނީ ދެ ސަރަހައްދަކުންނެވެ. އެއް ހަށިގަނޑު ބަރޮސް ކައިރިން 7:30 އެހާއިރު ފެނުނުއިރު އަނެކަކުގެ ހަށިގަނޑު ފެނުނީ ތުޅާގިރި ރިސޯޓު ކައިރިން 8:00 ހާއިރު އެވެ. ބަރޮހާއި ތުޅާގިރި އޮންނަނީ ޓޫރިސްޓުން ގެއްލުން މީރު ފެންފުށި ރިސޯޓާ ގާތްގަނޑަކަށް ވިއްސަކަށް މޭލު ދުރުގަ އެވެ.

ފުލުހުންގެ އޮފިޝަލު ވިދާޅުވި ގޮތުގައި، އެ ދެމީހުންގެ ހަށިގަނޑު މިހާރު ވަނީ މާލެ ގެނެސްފައެވެ.

comment ކޮމެންޓް