ގިނަ ގައުމުތަކުން ޓްރަމްޕަށް ފިނި ތަރްހީބެއް!

ޓްރަމްޕް ވެރިކަމުގެ ހުވާ ކުރައްވަނީ

ވޮޝިންޓަން (ޖަނަވަރީ 21) : އެމެރިކާގެ ރައީސްކަމުގެ ހުވާ ޑޮނަލްޑް ޓްރަމްޕް ކުރެއްވުމާ ގުޅިގެން ދުނިޔޭގެ ގައުމުތަކުން ޓްރަމްޕް ގެ ސިޔާސަތާ މެދު ދެކޭގޮތް ހާމަ ކުރަން ފަށައިފި އެވެ.

ޓްރަމްޕް ގެ ސިޔާސަތާ ބެހޭ ގޮތުން އެންމެ ފުރަތަމަ ކޮމެންޓެއް އައީ އެމެރިކާގެ އަވަށްޓެރި ކެނެޑާއިންނެވެ. ކެނެޑާގެ ސަރުކާރުން ބުނީ ޓްރަމްޕްގެ ސަރުކާރާ އެކު މަސައްކަތްކުރަން ތައްޔާރަށް އޮތްކަމުގަ އެވެ. ކެނެޑާގެ މަސްއޫލުވެރިއަކު ވިދާޅުވީ އެމެރިކާއާ އެކު ގުޅުންތައް ހަރުދަނާކުރުމަކީ ކެނެޑާގެ އިގްތިސާދަށް މުހިއްމު ކަމެއްކަމުގަ އެވެ.

އެމެރިކާގެ އަވަށްޓެރި މެކްސިކޯ އިން ބުނީ އެމެރިކާއާ އެކު ގުޅުންތައް ރަނގަނޅު ކުރުމަކީ މެކްސިކޯގެ ގައުމީ މަސްލަހަތާ ގުޅިފައިވާ ކަމެއްކަމުގަ އެވެ. ޓްރަމްޕް ވަނީ ކެނެޑާއާއި އެމެރިކާއާއި މެކްސިކޯ ސޮއިކޮށްފައިވާ އުތުރު އެމެރިކާގެ މިނިވަން ވިޔަފާރީގެ އެއްބަސްވުން (ނަފްތާ) އުވާލާނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ. ނަފްތާ އުވާލައިފި ނަމަ ކެނެޑާއާއި މެކްސިކޯ އިން އެމެރިކާއަށް އެކްސްޕޯޓްކުރާ 50 އިންސައްތައިގެ މުދަލަށް ހުރަސްއެޅޭނެ އެވެ.

ޔޫރަޕްގެ ގިނަ ގައުމުތަކުން ޓްރަމްޕަށް ކިޔާފައިވަނީ ފިނި މަރްހަބާއެކެވެ. ޓްރަމްޕް ހުވާކުރުމުގެ ރަސްމިއްޔާތަށް ފަހު ޔޫރަޕްގެ ގިނަ ގައުމުތަކުން ހަމައެކަނި ބުނެފައި ވަނީ އެމެރިކާއާ އެކު ގުޅުންތައް ކުރިޔަށްދާނެ ކަމަށް އުންމީދުކުރާކަމުގެ ވާހަކައެކެވެ.

އަރަބި ގައުމުތަކަށް ބަލާއިރު ގަލްފުގެ ގައުމުތަކުން ވަނީ ޓްރަމްޕަށް މަރްހަބާ ކިޔުމަށް ފަހު އޭނާގެ ސަރުކާރާ އެކު ރަނގަނޅު ގުޅުންތަކެއް ބާއްވޭނެ ކަމުގެ އުންމީދުތައް ފާޅުކޮށް ބަޔާންތައް ނެރެފަ އެވެ. އަދި ގަލްފުގެ ވެރިންވަނީ ޓްރަމްޕަށް ވަކިވަކިން މަރްހަބާގެ މެސެޖްތައް ފޮނުއްވާފަ އެވެ. މިސްރުގެ ރައީސް އަބްދުލްފައްތާޙް އައްސީސީ ވަނީ ޓްރަމްޕަށް މަރްހަބާގެ ޚާއްސަ މެސެޖެއް ފޮނުއްވާފަ އެވެ. މިމެސެޖްގައި ޓްރަމްޕްގެ ސަރުކާރާ އެކު ގުޅުންތައް ބަދަހިކުރަން ބޭނުންވާކަން ހާމަކުރައްވާފައިވެ އެވެ.

ޗައިނާއިން ވެސް ޓްރަމްޕަށް މަރަހްބާގެ މެސެޖް ފޮނުވި އެވެ. ދުނިޔޭގެ އެއްވަނަ އިގްތިސާދީ ބާރުގެ ގޮތުގައި އޮތް ޗައިނާއަކީ ޓްރަމްޕްގެ ވެރިކަމުގައި އެންމެ ބޮޑަށް ކުރިމަތިލާންޖެހޭނެ ގައުމު ކަމަށް ވަނީ ބެލެވިފަ އެވެ. ޗައިނާއާއެކުކުރާ ވިޔަފާރީގައި އެމެރިކާގެ ކުރީގެ ސަރުކާރުތަކުން އެގައުމަށް ދީފައިވާ ލުއިތަކަށް ޓްރަމްޕްގެ ކޭންޕޭންގައި ވަނީ ފާޑުވިދާޅުވެ އެވެ. ޓްރަމްޕް ވިދާޅުވެފައިވާ ގޮތުން އޭނާ ބޭނުންވަނީ އެމެރިކާގެ ބޮޑެތި ކުންފުނިތަކުން ޗައިނާގައި ކުރާ އިންވެސްޓްމެންޓްތައް މަދުކޮށް އެއިންވެސްޓްމަންޓްތައް އެމެރިކާގެ ސްޓޭޓްތަކަށް އަމާޒު ކުރުމަށެވެ.

އެމެރިކާގެ ބޮޑެތި އެތައް ކުންފުންޏެއްގެ ފެކްޓްރީތައް ހުންނަނީ ޗައިނާގަ އެވެ. އެއީ ޗައިނާގައި ލޭބަރކޯސްޓް ނުވަތަ މަސައްކަތްތެރިންގެ އަގުތައް ހެޔޮކަމުންނެވެ. މީގެ އިތުރުން ޗައިނާގެ އުފެއްދުންތަކާއި ތަކެތި އެމެރިކާ އަށް އެކްސްޕޯޓް ކުރުމަށް އެމެރިކާއިން ދީފައިވާ ލުއިތައް ނިމުމަކަށް ގެންނަން ވެސް ޓްރަމްޕް ބޭނުންވެ އެވެ. މިއީ ޗައިނާއާއި އެމެރިކާއާ ދެމެދު އަރާރުންތައް އުފެދޭނެ ކަމެކެވެ.

ޓްރަމްޕަށް އެންމެ ހޫނު މަރްހަބާއެއް ދަންނަވާފައި ވަނީ ރަޝިޔާގެ ރައީސް ޕޫޓިންއެވެ. ޕޫޓިންވަނީ އޮބާމާގެ ވެރިކަމުގައި އެމެރިކާއިން ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ޓްރަމްޕްގެ ވެރިކަމުގައި އުވާލާނެކަމުގެ އުންމީދު އައު ކުރައްވާފަ އެވެ. ހުވާ ކުރެއްވުމުގެ ކުރިން ޓްރަމްޕް ވަނީ އެމެރިކާ އިން ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާނެ ކަމުގެ އިޝާރާތެއް ދެއްވާފައެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް