މަރުވެފައި ތިބި ދެ މީހަކު ކަނޑުމަތިން ފެނިއްޖެ

ސިފައިންގެ އުޅަނދެއް ބާރު ދުވެލީގައި: ދެ މީހެއްގެ ހަށިގަނޑު ފެނުނީ ދެ މީހަކު ގެއްލިގެން ހޯދަނިކޮށް--- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މަރުވެފައި ތިބި ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "ސަން"އަށް ދެންމެ ވިދާޅުވީ އެ ދެ ހަށިގަނޑު ވެސް ފެނުނީ ދެ ސަރަހައްދަކުން ކަމަށާއި އޭގެ ތެރެއިން އެކެއްގެ ހަށިގަނޑު ފެނުނީ މިއަދު ހެނދުނު 7:00 އެހާކަންހާއިރު ބަރޮސް އައިލެންޑް ރިސޯޓު ކައިރިން ކަމަށެވެ. އަނެކަކުގެ ހަށިގަނޑު ފެނުނީ މިއަދު ހެނދުނު 8:00 އެހާކަންހާއިރު ތުޅާގިރި އައިލެންޑް ރިސޯޓް ކައިރިން ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

މަރުވެފައި ތިބި ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން މިއަދު ފެނުނުއިރު، ދެ ފަތުރުވެރިއަކު ގެއްލިގެން އެމްއެންޑީއެފުން ދަނީ ހޯދަމުންނެވެ.

މީރު ފެންފުށީ ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުންދިޔަ ދެ ފަތުރުވެރިން ގެއްލިގެން ހޯދަން ފަށާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރެއިން ފެށިގެންނެވެ. އެ މީހުން ގެއްލުނީ މޫދަށް އެރި އުޅެނިކޮށެވެ.

ނަމަވެސް ކަނޑުމަތިން ފެނުނު ދެ މީހުންނަކީ ގެއްލިގެން ހޯދާ ފަތުރުވެރިން ކަމެއް އަދި ކަށަވަރެއް ނުވެ އެވެ.

"ކަނޑުމަތިން ފެނުނު ދެ މީހުންނަކި ގެއްލިގެން ހޯދާ ފަތުރުވެރިން ކަމަށް ބެލެވޭ،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ފުލުހުން ދަނީ އެ ދެ މީހުންގެ ހަށިގަނޑު ކަނޑުމަތިން ނެގުމުގެ މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް