ދަންގަލް އަދިވެސް ބާރަށް ކުރިއަށް، އާމްދަނީ 375 ކުރޯޑަށް އަރައިފި

އާމިރު ޚާންގެ ފިލްމު 'ދަންގަލް' ރިލީޒް ކުރި ފަހުން މަހެއް ހަމަވާން ދާއިރު، އެ ފިލްމަށް މިހާތަނަށް 375 ކުރޯޑު ރުޕީޒް ލިބިފައިވާ ކަމަށް ޓްރޭޑް އެނަލިސްޓުން ހާމަކޮށްފި އެވެ.

'ދަންގަލް' ވަނީ 350 ކުރޯޑު ހޯދައިގެން، 340 ކުރޯޑާ އެކު އެންމެ ބޮޑު އާމްދަނީ އެއް ލިބުނު ފިލްމުގެ މަގާމުގައި އޮތް 'ޕީކޭ' ފަހަތަށް ޖައްސާލައިފަ އެވެ.

ހުކުރު ދުވަހާ ހަމައަށް ފިލްމަށް 375 ކުރޯޑު ރުޕީޒް ލިބިފައިވާ އިރު، ދަންގަލަށް ލިބެމުން އަންނަ ތަރުހީބު އަދިވެސް ކުޑައެއް ނުވެ އެވެ. އިންޑިއާގެ އިތުރުން އިންޑިއާ އިން ބޭރުގައި ވެސް ދަންގަލް އަންނަނީ ބޮޑު އާމްދަނީއެއް ހޯދަމުންނެވެ. އެގޮތުން އިންޑިއާ އިން ބޭރުގައި ފިލްމަށް 195 ކުރޯޑު ރުޕީޒް ވަނީ ހޯދައިފަ އެވެ.

'ދަންގަލް' އަކީ ފައިސާގެ ދަތިކަމުގެ ސަބަބުން، ރެސްލިންގައި އިންޑިއާ އަށް ރަން މެޑައްޔެއް ހޯދައި ދިނުމަށް ދެކެމުން އައި ހުވަފެން ދޫކޮށްލަން ޖެހުނު ކުރީގެ ރެސްލިން ކުޅުންތެރިޔާ މަހާވީރު ސިންގްގެ ހަޔާތުގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ.

އެ ފިލްމުގައި ފެނިގެން ދާނީ މަހާވީރު (އާމިރު)ގެ ހުވަފެން ހަގީގަތަކަށް ހަދައި އިންޑިއާ އަށް ރެސްލިންގައި ފުރަތަމަ، ރަން މެޑަލް ހޯދައިދިން އޭނާގެ އަންހެން ދަރިފުޅު ގީތާ އާއި ރެސްލިންގައި ރަން ވަނަތަކެއް ހޯދައިފައިވާ އޭނާގެ ދެވަނަ އަންހެން ދަރިފުޅު ބަބީތާގެ ހަޔާތުގެ ވާހަކަތަކެެވެ.

comment ކޮމެންޓް