ނަސްލީ ތަފާތު ކުރުން ނުގެންގުޅޭނެ ކަމަށް ބުނަމުން ޓްރަމްޕް ގިނަ ވައުދުތަކެއް ވެއްޖެ

ޖެނުއަރީ 20، 2017: އެމެރިކާގެ 45 ވަނަ ރައީސްގެ ގޮތުގައި ޑޮނަލްޑް ޓްރަމްޕް މަގާމުގެ ހުވާކުރެއްވުމަށް ބޭއްވި ރަސްމީ ދަރުބާރުގެ ތެރެއިން -- ފޮޓޯ/ އޭޕީ

އެމެރިކާގެ 45 ވަނަ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް އެގައުމުގެ ރައްޔިތުންނަށް ގިނަ ވައުދުތަކެއް ވެއްޖެ އެވެ. ކެމްޕޭންގައި ވީ ވައުދުތައް ޓްރަމްޕް ވަނީ ތަކުރާރު ކުރައްވާފަ އެވެ.

ރައީސް ކަމުގެ ހުވާ ކުރެއްވުމަށް ފަހު ދެއްވި ފުރަތަމަ ސްޕީޗްގައި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ ވޮޝިންގްޓަނުން ބާރުތައް ނެގުމަށް ފަހު އެ ބާރުތައް ހަވާލު ކުރަނީ އެމެރިކާގެ ރައްޔިތުންނަށް ކަމަށެވެ. ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށާއި އެހެންކަމުން އެއީ ވަކި ބައެއްގެ ހައްގެއް ނޫން ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

މިއަދުން ފެށިގެން އެމެރިކާގެ ރައްޔިތުންގެ ދިރިއުޅުން ބަދަހިވެ ބަދަލުވެގެން ދާނެ ކަމަށް ވިދާޅުވެ ޓްރަމްޕްވަނީ ވަޒީފާތައް ގައުމުން ބޭރު ފަރާތްތަކުގެ އަތުން ނަގައި އެމެރިކާގެ ރައްޔިތުންނަށް އަނބުރާ ހޯދައިދޭނެ ކަމަށެވެ.

"މިއީ އެމެރިކާގެ ރައްޔިތުންގެ ދުވަހެއް. ރައްޔިތުން ފާހަގަކުރަން ޖެހޭ ދުވަހެއް. އެމެރިކާއަކީ ރައްޔިތުންގެ ގައުމެއް" ޓްރަމްޕް ވިދާޅުވި އެވެ.

އެމެރިކާގެ ދިފާއުގައި ކުރީ ސަފަށް ނުކުމެ ގޮންޖެހުންތަކާ ކުރިމަތިލާނެ ކަމަށް ވިދާޅުވަމުން ޓްރަމްޕް ވަނީ ރައްޔިތުންގެ އުންމީދުތައް ފެނަށް ނުހަދާނެ ކަމަށް ވައުދުވެފަ އެވެ.

ނަސްލީ ތަފާތުކުރުންތައްގ ގައުމުން ފުހެލާނެ ކަމަށް ޓްރަމްޕަ ވިދާޅުވި އެވެ. އަދި ވިދާޅުވީ "ކަޅަސް، ހުދަސް، އެމެރިކާ ރައްޔިތުން ވަނީ ހަމަ ހަމަ" ކަމަށެވެ.

މީގެެ ކުރިން ޓްރަމްޕްގެ ކެމްޕޭނުގައިވެސް ވައުދުވެފައިވާ ގިނަ ކަންކަން ވަނީ ޓްރަމްޕް ތަކުރާރު ކުރައްވާފަ އެވެ. އެގޮތުން އިސްލާމީ ޓެރަރިޒަމް ދުނިޔޭން ފުހެލާނެ ކަމަށް މިއަދުވެސް ވިދާޅުވި އެވެ.

ޓްރަމްޕް ވަނީ ކުރީގެ ރައީސް ބަރަކް އޮބާމާ އަދި ފަސްޓް ލޭޑީ މިޝޭލްއަށް ޝުކުރު އަދާކޮށްފަ އެވެ. އަދި އެމެރިކާގެ ރައްޔިތުންނަށްވެސް ޓްރަމްޕްގެ ހާއްސް ޝުކުރެއް ވަނީ ފޮނުވާފަ އެވެ.

comment ކޮމެންޓް