ރައީސް ޔާމީން އެމެރިކާގެ އާ ރައީސް ޓްރަމްޕަށް ތަހުނިޔާ ފޮނުއްވައިފި

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް --- ސަންފައިލް ފޮޓޯ

އެމެރިކާގެ ރައީސް ކަމުގެ ހުވާ މިއަދު ކުރެއްވި ޑޮނަލްޑް ޖޭ ޓްރަމްޕަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ތަހުނިޔާ ފޮނުއްވައިފި އެވެ.

ރައީސް ފޮނުއްވި ތަހުނިޔާގެ މެސެޖްގައި ވިދާޅުވެފައި ވަނީ ޓްރަމްޕް ހޯއްދެވި ކާމިޔާބީ ދައްކުވައިދެނީ އެމެރިކާގެ ޑިމޮކްރެސީގެ ހަރުދަނާކަން ކަމަށެވެ. އަދި ބައިނަލްއަޤްވާމީ މުޖުތަމަޢު ތަފާތު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއްގައި މިއީ ހަގީގީ ޑިމޮކްރެސީއަކުން ދައްކުވައިދިން މުހިންމު މިސާލެއް ކަމުގައި ރައީސް ވިދާޅުވި އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޒަޢާމަތުގައިވެސް، ދިވެހި ސަރުކާރާއި އެމެރިކާ ސަރުކާރުން ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރައީސް ޔާމީންގެ ތަހުނިޔާގެ މެސެޖްގައި ވިދާޅުވެފައިވެ އެވެ.

ދިވެހިރާއްޖެއާއި އެމެރިކާއާ ދެޤައުމުގެ ދެމެދުގައިވާ ގާތް ރަހުމަތްތެރި ގުޅުން އިތުރަށް ބަދަހިކުރުމަށް ދެ ޤައުމުންވެސް ކުރަމުންދާ މަސައްކަތް ފާހަގަ ކުރައްވައި، އެމެރިކާގެ ރައްޔިތުންނަށް އިތުރު ފާގަތިކަމާއި ކުރިއެރުން ލިބުމަށް އެދިވަޑައިގަންނަވާ ކަމުގައިވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ.

ޓްރަމްޕަކީ އެމެރިކާގެ 45 ވަނަ ރައީސް އެވެ.

comment ކޮމެންޓް