Last Updated: 7 year 2 month ago

ޓްރަމްޕް އެމެރިކާގެ ރައީސްކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު

  • ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ ރައީސްކަމުގެ ހުވާކުރައްވައިފި
  • ޓްރަމްޕަކީ އެމެރިކާގެ 45 ވަނަ ރައީސް
  • ރަސްމިއްޔާތުގައި ހިލަރީ އާއި ކުރީގެ ރައީސުން ބައިވެރިވެވަޑައިގެންނެވި
ބުލޮގު ޚުލާސާ

ދުނިޔޭގެ އެންމެ ބާރުގަދަ ގައުމު ނުވަތަ ސުޕަރ ޕަވަރުގެ ގޮތުގައި މަޝްހޫރުވެފައިވާ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ (ޔޫއެސްއޭ)ގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގެންފައިވާ ޑޮނަލްޑް ޓްރަމްޕް އެގައުމުގެ 45 ވަނަ ރައީސްކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ ލައިވް ކަވަރޭޖަށް މަރުހަބާ.

22:17

22:01

ޑޮނަލްޑް ޓްރަމްޕް ރައީސްކަމުގެ ހުވާ ކުރައްވައިފި، ހުވާލައިދެއްވަނީ އެމެރިކާގެ ޗީފް އޮފް ޖަސްޓިސް ޖޯން ރޮބާޓް.

21:55

މައިކް ޕޭންސް ނައިބު ރއީސް ކަމުގެ ހުވާ ކުރައްވައިފި. ޕޭންސްއަށް ހުވާލައިދެއްވީ އެމެރިކާގެ ޗީފް އޮފް ޖަސްޓިސް ޖޯން ރޮބާޓް.

އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސް --- ފޮޓޯ// އޭޕީ

21:22 ފާތިމަތު ސައީދު

ޓްރަމްޕްގެ ދަރިކަނބަލުން އިވާންކާ ޓްރަމްޕާއި، ޓިފަނީ ޓްރަމްޕް އަދި ބެރޮން ޓްރަމްޕާއި، އެރިކް ޓްރަމްޕް ރަސްމިއްޔާތައް ވަޑައިގެންފި. މިހާރު ޓްރަމްޕްގެ އަނބިކަނަބަލުން އަދި ފަސްޓްލޭޑީކަން ކުރައްވާ މެލެނިއާ ޓްރަމްޕްވެސް ވަނީ ރަސްމިއްޔާތައް ވަޑައިގެންފައި

21:19 އަޙްމަދު މުޖްތަބާ

ރައީސް ބަރަކް އޮބާމާގެ "ވައިޓްހައުސް"އިން ފޮނުވި އެންމެ ފަހުގެ ޓްވީޓް.

އެމެރިކާގެ މިހާރުގެ ރައީސް ބަރަކް އޮބާމާގެ ޒައާމަތުގައި ރިޔާސީ ގަނޑުވަރު ވައިޓްހައުސްއިން ފޮނުވި އެންމެ ފަހުގެ ޓްވީޓްގައި ބުނެފައި ވަނީ "އަހަރެމެންނަށް ކުރެވޭނެ. އަހަރެމެން ކޮށްފިން" ކަމަށް. އަދި ފާއިތުވެދިޔަ އަށް އަހަރު ދުވަހު އެކުގައިވީތީ ޝުކުރު އަދާކުރާ ކަމަށް.

21:06

21:06

ހުވާކުރުމުގެ ރަސްމިއްޔާތައް ޓްރަމްޕް އަދި އޮބާމާ ވަޑައިގެންފި، ކުޑަ އިރުކޮޅެއްގެ ތެރޭގައި ރަސްމިއްޔާތު ފެށިގެންދާނެ.

21:00

ޓްރަމްޕް ހުވާ ކުރުމަށް ހަމަޖެހިފައިވާ ކެޕިޓޯލް ހިލް އަދި ނެޝަނަލް މޯލްއަށް ވަނީ އެތައް ހާސް ބަޔަކު ޖަމާވެފައި. މިހާރު އެސަރަހައްދަށް ހިލަރީ ކްލިންޓަނާއި ފިރިކަލުން އަދި ކުރީގެ ރައީސް ބިލް ކްލިންޓަނާއި، ކުރީގެ ރައީސް ޖޯޖް ޑަބްލިއު ބުޝްގެ ދެކަނބަލުންވެސް ވަނީ ވަޑައިގެންފައި

20:52 ފާތިމަތު ސައީދު

ވައިޓް ހައުސްގައި އޮބާމާ އަދި ޓްރަމްޕް ކުރިއަށް ގެންދިޔަ ބައްދަލުވުން ނިންމަވާ ލައްވައިފި، މިހާރު އެބޭފުޅުން ދަތުރު ކުރައްވަމުން ގެންދަވަނީ ހުވާކުރުމުގެ ރަސްމިއްޔާތަށް ތައްޔާރު ކޮށްފައިވާ ކެޕިޓޯލް ހިލްއާ ދިމާލަށް.

20:45

ޓްރަމްޕް ހުވާ ކުރުމުގެ ރަސްމިއްޔާތަށް އިންތިހާބުގައި ނާކާމިޔާބުވެ ވަޑައިގެން ހިލަރީ ކްލިންޓަނާއި އެކަމަނާގެ ފިރިކަލުން، އަދި ކުރީގެ ރައީސް ބިލް ކްލިންޓަންވެސް ވަނީ ވަޑައިގެންފައި

20:29 ފާތިމަތު ސައީދު

ވެރިކަމާ ހަވާލެ ވަޑައިގަންނަވާތާ ދެތިން ދުވަހުގެ ތެރޭގައި މުހިއްމު ނިންމުންތަކެއް ނިންމަވާނެ ކަމަށް ޓްރަމްޕްވަނީ ވިދާޅުވެފަ. ޓްރަމްޕް ނިންމަވާ ނިންމެވުންތަކުގެ ތެރޭގައި އޮބާމާގެ ސަރުކާރުން ފާއިތުވި އަހަރު ނިންމާފައިވާ ގިނަ ނިންމުންތައް މުޅިން އެކޮޅުކޮޅުން ޖަހާލާ ވަރުގެ ނިންމުންތައް ހިމެނޭނެ ކަމަށް ޓްރަމްޕްގެ ޓީމުންވަނީ ހާމަކޮށްފަ.

20:21

ޓްރަމްޕާ އިދިކޮޅު ފަރާތްތަކުން، އޭނާއަކީ ނުބައިމީހެއްކަމަށް ސިފަކޮށް އޭނާ ހުވައިކުރުމުގެ ރަސްމިއްޔާތަށް ހުރަސްއެޅުމަށްޓަކައި މުޒާހަރާތައް ކުރަމުންގެންދާއިރު މި މުޒާހަރާތައް ހަމަނުޖެހުންތަކަކަށް ބަދަލުވެ ތަންތަނުގައި ހުޅުޖަހާ ހިސާބަށް ކަންތައްތައް ހިނގައިދާނެކަމުގެ ބިރު އެބައޮތްކަމަށް އާންމުންގެ އިތުރުން އެމެރިކާގެ ސަލާމަތާބެހޭ އިދާރާތަކުންވެސް ދެކޭ. މިއާއެކު އެ އިދާރާތަކުންވަނީ ހިނގައިފާނެ ކޮންމެ ހަމަނުޖެހުމަކާ ކުރިމަތިލުމަށް ތައްޔާރަށް އޮތްކަންވެސް ހާމަކޮށްފަ.

20:13

ވައިޓްހައުސްގައި މިހާރު ކުރިއަށްދާ ބައްދަލުވުމުގައި އެމެރިކާގެ ރައީސް ކަމުގެ ހުވާ ކުރައްވަން ތައްޔާރުވެ ވަޑައިގެން ހުންނެވި ޑޮނަލްޑް ޓްރަމްޕާއި ރައީސް ކަމުގެ ފަހު ވަގުތުތައް ގުނަމުން ގެންދަވާ ބަރަކް އޮބާ ބައިވެރިވެ ވަޑައިގަންވާ.

19:54 ފާތިމަތު ސައީދު

ހުވާ ކުރުމުގެ ރަސްމިއްޔާތު ކުޑަ އިރުކޮޅެއްގެ ތެރޭގައި ފެށުމަށް ތައްޔާރުވެފައިވާއިރު ނައިބު ރައީސް ކަމުގެ ހުވާ ކުރައްވާ މައިކް ޕެންސް އަދި އަނބިކަނބަލުން ކަރެން ޕެނެސްވެސް މިހާރު ވަނީ ވައިޓްހައުސްއަށް ވަޑައިގެންފައެވެ.

19:48 ފާތިމަތު ސައީދު

މިހާރު ޑޮނަލްޑް ޓްރަމްޕާއި އެމަނިކުފާނުގެ އަނބި ކަނބަލުން މެލެނިއާ ޓްރަމްޕް ވަނީ ވައިޓް ހައުސްއަށް ވަޑައިގެންފަ އެވެ. ވައިޓް ހައުސްއިން ޓްރަމްޕްގެ ދެކަނބަލުންނަށް މަރުހަބާ ކީ އެމެރިކާގެ މިހާރުގެ ރައީސް ބަރަކް އޮބާމާ އަދި އަނބިކަނބަލުން މިޝޭލް އޮބާމާ އެވެ.

19:45 ފާތިމަތު ސައީދު

ހުވާކުރުމުގެ ރަސްމިއްޔާތުގެ ކުރިން ޓްރަމްޕާއި އަނބިކަނބަލުން އަދި އާއިލާ ވަނީ ޗާޗަށް ގޮސް ގިނަ އިރުތަކެއް ހޭދަކުރައްވާފައެވެ. ޗާޗުގައި ޓްރަމްޕްގެ އަނބިކަނބަލުން މަލާނިއާ ޓްރަމްޕް އަދި ދަރިކަނބަލުން އިވާންކާ ޓްރަމްޕާއި އާއިލާގެ އެހެން މެމްބަރުންވެސް ވަގުތު ހޭދަ ކުރެއްވިއެވެ.

19:44 އަޙްމަދު މުޖްތަބާ

ޓްރަމްޕް ވަނީ، އެމެރިކާގެ ރައީސްކަމުގެ މަސައްކަތް މިއަދު ރަސްމީކޮށް ފައްޓަވައި އެމެރިކާއަށް ހަމަޖެހުމާއި އުފާވެރިކަން ގެނެސްދެއްވާނޭކަމަށް ވައުދުވެވަޑައިގެންފައި. އެގޮތުން ހުވާކުރެއްވުމުގެ ރަސްމީ މަސައްކަތް ފެއްޓެވިކަން އޭނާ ހާމަކުރެއްވީ، އާދައިގެ މަތީން ކުރައްވާ ހެނދުނުގެ ޓްވީޓަކުން.

19:38 އަޙްމަދު މުޖްތަބާ

އެމެރިކާގެ ރައީސްކަމަށް އިންތިޚާބުވެފައިވާ، ޑޮނަލްޑް ޓްރަމްޕް، ރައީސްކަމުގެ ހުވާކުރެއްވުމުގެ ވަގުތު މިހާރު މިވަނީ ކުޑަތަން ވެފައި. ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވާ އުމުރުފުޅުން 70 އަހަރުގެ ޓްރަމްޕް އެމެރިކާގެ 45 ވަނަ ރައީސްކަމުގެ ހުވާކުރައްވުމުގެ ރަސްމިއްޔާތު އޮންނާނީ އެމެރިކާ ގަޑިން މިއަދު 11:00ގައި.

ރައީސްކަމުގެ ހުވާ ކުރައްވަން ތައްޔާރުވަމުން ގެންދަވާ ޑޮނަލްޑް ޓްރަމްޕުގެ އަނބިކަނބަލަކާއި، ހަަތަރު ދަރިކަލުންނާއި އަށް ކާފަދަރިކަލުން ތިއްބަވާ. އެމެރިކާގެ އެންމެ މުއްސަނދި އާއިލާތަކުގެ ތެރޭގައި ހިމެނޭ ޓްރަމްޕް އާއިލާއަކީ މިހާރު މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓިފައިވާ އެއް އާއިލާކަމަށް ބުނެވިދާނެ.

ސްލޮވީނިއާއަށް އުފަން މެލާނިއާ ޓްރަމްޕަކީ ބޭރު ގައުމަކަށް އުފަން އެމެރިކާގެ ދެވަނަ ފަސްޓް ލޭޑީ އެމަގާމު ފުރަތަމަ ހޯއްދެވި އަންހެން ބޭކަނބަލަކީ 1825ން 1829ށް ވެރިކަން ކުރެއްވި ޖޯން ކުއިންސީ އެޑަމްސްގެ އަނބިކަނބަލުން ލުއިސާ އެޑަމްސް. އެކަމަނާގެ އުފަން ގައުމަކީ އިނގިރޭސިވިލާތް.