ބެޑްމިންޓަން ގައުމީ ކޯޗަކަށް އިންޑޮނޭޝިއާގެ ކޯޗެއް

ގައުމީ ބެޑްމިންޓަން ޓީމުގެ ކޯޗަކަށް ހަމަޖެއްސި އިންޑޮނޭޝިއާގެ ކޯޗު ފައިޒަލް ރަހުމާން --- ފޮޓޯ/ ބެޑްމިންޓަން އެސޯސިއޭޝަން

ރާއްޖޭގެ ގައުމީ ބެޑްމިންޓަން ޓީމުގެ ކޯޗަކަށް އިންޑިއޮނޭޝިއާގެ ކޯޗެއް ހަމަޖައްސައިފިއެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުން ބުނީ، ގައުމީ ބެޑްމިންޓަން ޓީމުގެ ކޯޗަކަށް އިންޑޮނޭޝިއާގެ ފައިޒަލް ރަހުމާން ހަމަޖައްސާފައިވާ ކަމަށެވެ.

ކޯޗު ފައިޒަލް ރާއްޖެ އައިސްފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ. އޭނާގެ އިރުޝާދުގެ ދަށުން ގައުމީ ބެޑްމިންޓަން ޓީމުގެ ފަރިތަކުރުންތައް މާދަމާ ހެނދުނު ފަށާގޮތަށް ވަނީ ހަމަޖެހިފައެވެ.

ކޯޗު ފައިޒަލް އެންމެ ފަހުން މަސައްކަތްކޮށްފައިވަނީ އިންޑިއާގެ ޓޮމްސް އެންޑް ބެޑްމިންޓަން އެކެޑަމީގައެވެ. އެ އެކެޑަމީއަކީ އިނގިރޭސި ގައުމީ ބެޑްމިންޓަން ޓީމަށް ހަތް އަހަރަށްވުރެ ދިގު މުއްދަތަކަށް އިރުޝާދުދިން ކާމިޔާބު ކޯޗު ޓޮމް ޖޯން ހިންގާ އެކެޑަމީއެކެވެ.

ރާއްޖޭގެ ގައުމީ ކޯޗަކަށް ހަމަޖެއްސި ކޯޗު ފައިޒަލް 2005 އިން 2006އަށް ކުޅުންތެރިއެއްގެ ގޮތުންނާއި އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ތައިލެންޑްގެ ޓްރިލާޓް ބެޑްމިންޓަން ޓީމުގައި ފުރަތަމަ މަސައްކަތްކުރިއިރު، 2006 އިން 2007ގެ ނިޔަލަށް އޭނާ ވަނީ އިންޑޮނޭޝިއާގެ ވިމާ ބެޑްމިންޓަން ކްލަބު ސުރަބަޔާގެ ކޯޗުކަން އަދާކޮށްފައެވެ. މެލޭޝިއާގެ މައިކަލްސް ބެޑްމިންޓަން އެކެޑަމީއަށް 2007 އިން 2009ގެ ނިޔަލަށް ކޯޗުކޮށްދިންއިރު، 2010 ވަނަ އަހަރު އޭނާ ވަނީ އިންޑޮނޭޝިއާގެ ރޫޑީސް ބެޑްމިންޓަން ކްލަބު މަތަރަމްއަށް އިރުޝާދުދީފައެވެ.

ބެޑްމިންޓަން ގައުމީ ޓީމުގެ ފަރިތަކުރުންތައް ކުރިއަށްގެންދިއުމަށް ބެޑްމިންޓަން އެސޯސިއޭޝަނުން ނިންމާފައިވަނީ ބޮޑު އަމާޒެއް ހާސިލުކުރުމުގެ މަގްސަދުގައެވެ. އެއީ 2019 ވަނަ އަހަރު ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)އިން ބެޑްމިންޓަނުން ރާއްޖެއަށް ރަން މެޑެލް ހޯދުމެވެ.

ރިޔޫނިއަންގައި 2015 ވަނަ އަހަރު ބޭއްވި އައިއޯއައިޖީގައި ވެސް ރާއްޖޭގެ ބެޑްމިންޓަން ޓީމުން ވަނީ ކާމިޔާބީތަކެއް ހޯދައިފައެވެ. އެ ގޭމްސްގެ ޓީމް އިވެންޓުގައި ވާދަކޮށް، ރާއްޖޭގެ ފިރިހެން ޓީމުން ވަނީ ރިހި މެޑެއްޔެއް ހޯދައިފައެވެ. ފިރިހެނުންގެ ސިންގަލްސް އިވެންޓުން ރާއްޖޭގެ މުހައްމަދު އަޖްފާން ރަޝީދު ލޯ މެޑެއްޔެއް ހޯދިއިރު، އަންހެނުންގެ ޓީމް އިވެންޓުން ރާއްޖޭގެ އަންހެން ޓީމު ވަނީ ލޯ މެޑެއްޔެއް ހޯދައިފައެވެ.

comment ކޮމެންޓް