ދިގު މުއްދަތެއްގައި ބާސާގައި މަޑުކުރެވޭނެ ކަމަށް އުންމީދުކުރަން: ރަކިޓިޗް

ބާސާގެ ކްރޮއޭޝިއާ މިޑްފީލްޑަރު އިވާން ރަކިޓިޗް: އެކްލަބާއެކު ހަދާފައިވާ އެއްބަސްވުން އާކުރަން ބޭނުންވާކަމަށް ރަކިޓިޗް ވަނީ ބުނެފައި ---

ދިގު މުއްދަތެއްވަންދެން ސްޕެއިންގެ ބާސެލޯނާގައި މަޑުކުރެވޭނެ ކަމަށް އުންމީދުކުރާ ކަމުގައި އެކްލަބުގެ ކްރޮއޭޝިއާ މިޑްފީލްޑަރު އިވާން ރަކިޓިޗް ބުނެފިއެވެ.

ފަހަކަށްއައިސް ރަކިޓިޗަށް ވަނީ ބާސާގެ ފުރަތަމަ 11އިން ޖާގަ ހޯދުމަށް ހުރަސްތަކަކާ ކުރިމަތިލާން ޖެހިފައެވެ. އެހެންކަމުން އޭނާ އެހެން ކްލަބަކަށް ބަދަލުވެދާނެ ކަމަށް ވެސް ހަބަރުތައް ދަނީ ފެތުރެމުންނެވެ.

އުމުރުން 28 އަހަރުގެ ރަކިޓިޗް، ބާސާއާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2019 ވަނަ އަހަރުގެ ތެރޭގައެވެ. އޭނާ ބާސާއާ ގުޅުނީ 2014 ވަނަ އަހަރު ސެވިއްޔާއަށް ކުޅުމަށްފަހުއެވެ.

"އަހަރެން އުންމީދުކުރަން ދިގު މުއްދަތެއްގައި މިކްލަބުގައި މަޑުކުރެވޭނެ ކަމަށް. އަހަރެން ބޭނުން ބާސާއާއެކު ހަދާފައިވާ އެއްބަސްވުން އާކުރަން. އަހަރެން ކަންކަމާ ކަންބޮޑުވަނީ އަހަރެން ކުޅެން ބޭނުންވާވަރުން. އެކަމަކު އަހަރެންނަށް ކޯޗާމެދު ފުރިހަމަ އިތުބާރު އެބައޮތް. އަހަރެން ހިތްވަރާއެކު މަސައްކަތްކުރާނަން،" ރަކިޓިޗް ބުންޏެވެ.

މިސީޒަނުގައި ބާސާގެ ފުރަތަމަ 11އިން ރަކިޓިޗް ފެނިފައިވަނީ ސްޕެނިޝް ލަލީގަގެ ދިހަ މެޗެއްގެވެ. އެ މެޗުތަކުން އޭނާއަށް ކާމިޔާބުކުރެވިފައިވަނީ ދެ ލަނޑެވެ.

comment ކޮމެންޓް