ސައުދީގެ ބަޖެޓު އެއާލައިނަކުން އެއާބަސްގެ 80 ބޯޓަށް އޯޑަރު ދީފި

ފްލައިނާސްގެ މަތިންދާބޯޓެއްގެ މޮޑެލްއެއް، އެއާބަސްގެ އޮފީހެއްގައި -- ފޮޓޯ/ އޭއެފްޕީ

ސައުދީ އަރަބިއްޔާގެ ބަޖެޓު އެއާލައިން "ފްލައިނާސް"އިން، އެއާބަސް އޭ320 ނިއޯ މަރުކާގެ 80 ބޯޓަށް އޯޑަރު ދީފިއެވެ. މިއީ 8.6 ބިލިޔަނަށް ވުރެ ގިނަ ޑޮލަރުގެ އަގުހުރި ވިޔަފާރި މުއާމަލާތެކެވެ.

ފްލައިނާސްއަކީ ސައުދީ އަރަބިއްޔާގެ ހަމައެކަނި ބަޖެޓު އެއާލައިނެވެ.

ހޯމަ ދުވަހު، މި ވިޔަފާރީގެ އެގްރިމެންޓުގައި އެއާބަސްއާ އެކު ފްލައިނާސްއިން ވަނީ ސޮއިކޮށްފައެވެ. އެއާބަސް އޭ320 ނިއޯ މަރުކާގެ 80 މަތިންދާބޯޓުގެ ތެރޭގައި، މީގެ ކުރިން އެއާބަސްއަށް ދީފައިވާ 20 އޭ320 ސިއޯ މަރުކާއިން އޭ320 ނިއޯއަށް އަޕްގްރޭޑުކުރެވޭ 20 ބޯޓުވެސް ހިމެނެއެވެ.

ހޯމަ ދުވަހު ސޮއިކުރި އެއްބަސްވުމުގައި އަލަށް އޯޑަރުދެވުނު 60 މަތިންދާބޯޓުގެ އަގުގައި އެކަނިވެސް 6.4 ބިލިޔަނަށް ވުރެ ގިނަ ޑޮލަރު ހުންނާނެއެވެ. އެހެން ނަަމަވެސް މިފަދަ ބޮޑެތި އޯޑަރުތަކަށް ޑިސްކައުންޓް އަގުތައް ކަނޑައެޅުމަކީ އާންމުކަމެކެވެ.

މި 80 މަތިންދާބޯޓުތައް 2018 ގައި ފްލައިނާސްއަށް ފޯރުކޮށްދޭން ފަށާނެ ކަމަށާޢި، 2026 ގެ ނިޔަލަށް ހުރިހާ ބޯޓެއް ޑެލިވަރކޮށްދީ ނިންމާނެ ކަމަށް އެއާބަސްއިން ބުނެއެވެ.

ފްލައިނާސްގެ ފްލީޓުގައި މިހާރު އޮންނަނީ އެއާބަސް 200-320އޭ މަރުކާގެ 37 ބޯޓެވެ.

މި އެއާލައިން ދަތުރުކުރާ މަންޒިލުތަކުގެ ތެރޭގައި ސައުދީގެ ޑޮމެސްޓިކް އެއާޕޯޓުތަކާއި، ޔޫއޭއީގެ ބައެއް ސިޓީތަކާއި، ތުރުކީއާއި، މިސްރު، އުރުދުން، ބަހްރައިން، ލުބުނާނު، ސޫދާން އަދި ކުވައިތުގެ ބައެއް ސިޓީތައް ހިމެނެއެވެ.

ފްލައިނާސް އެއާލައިންސްގެ 34 ޕަސަންޓު ހިއްސާގެ ބެލެނިވެރި ފަރާތަކީ، ސައުދީ އަރަބިއްޔާގެ ބިލިޔަނަރު، އަމީރު އަލް ވަލީދު ބިން ތޮލާލް ކިންގްޑަމް ހޯލްޑިންގް ކޮމްޕެނީއެވެ.

comment ކޮމެންޓް