އިންޑިއާގައި 'ރައީސް' ޕްރޮމޯޓް ނުކުރެވޭތީ ދެރަވޭ: މާހިރާ

ޕާކިސްތާންގެ އެކްޓްރެސް، މާހިރާ ޚާންގެ ފުރަތަމަ ބޮލީވުޑް ފިލްމު 'ރައީސް' ރިލީޒް ވުމާ ކައިރިވަމުން އަންނަ އިރު، އޭނާ އަށް އިންޑިއާ ގައި ފިލްމު ޕްރޮމޯޓް ނުކުރެވޭތީ ދެރަވާ ކަމަށް މާހިރާ ބުނެފި އެވެ.

މިދިޔަ އަހަރު ކަޝްމީރުގެ އިންޑިއާ އާ ވީ ފަޅީގައި ދިން ޓެރަރިސްޓު ހަމަލާ އެއްގައި އިންޑިއާގެ ގިނަ އަދަދެއްގެ ސިފައިން މަރުވި މައްސަލައިގައި ދެ ގައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ. އެއާއެކު ބޮލީވުޑުގައި ޕާކިސްތާނު ފަންނާނުން މަސައްކަތް ކުރުން މަނާކޮށް، އިންޑިއާގައި ތިބި ޕާކިސްތާނު ފަންނާނުން ވަނީ އިންޑިއާ އިން ބޭރުކޮށްފަ އެވެ.

ދެގައުމުގެ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން މާހިރާ އަށް 'ރައީސް' ޕްރޮމޯޓު ކުރުމަށް އިންޑިއާ އަކަށް ނުދެވޭނެ އެވެ.

'ރައީސް' އަކީ މާހިރާގެ ފުރަތަމަ ބޮލީވުޑް ފިލްމެވެ. އަދި އެ ފިލްމުގައި އޭނާ ފެނިގެން ދާނީ ބޮލީވުޑުގެ ރަސްގެފާނު ޝާހް ރުކް ޚާން އާއެކު އެވެ.

ބީބީސީ އުރުދޫ އަށް ދިން އިންޓަވިއު އެއްގައި މާހިރާ ބުނެފައި ވަނީ 'ރައީސް' އަކީ އޭނާ އެންމެ ބުރަކޮށް މަސައްކަތް ކުރި ފިލްމު ކަމަށާއި އަދި އެއީ އޭނާ އަށް ވަރަށް ޚާއްސަ ފިލްމެއް ކަމަށެވެ.

"ވަރަށް ދެރަވޭ. ވަރަށް ބުރަކޮށް މަސައްކަތް ކޮށްގެން މަސައްކަތެއް ނިންމާ އިރު، ނަތީޖާ އަކީ ކޮބައިކަން ނުބެލޭތީ ދެރަވާނެ. އަހަރެން ކޮންމެ ޕްރޮޖެކްޓަކަށް ވެސް އަހަރެންގެ ބެސްޓް ދެން. އެކަމަކު ރައީސް އަކީ އަހަންނަށް ވަރަށް ޚާއްސަ ފިލްމެއް" މާހިރާ ބުންޏެވެ.

ރައީސްގައި ޝާހު އަދި މާހިރާގެ އިތުރުން ކުޅަދާނަ އެކްޓަރު ނަވާޒުއްދީން ސިއްދީގީގެ މުހިންމު ރޯލެއް ވެސް ފެނިގެން ދާނެ އެވެ.

ރާހުލް ޑޯލަކިއާ ޑައިރެކްޓު ކޮށްފައިވާ އެ ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ ބުދަ ދުވަހު އެވެ.

comment ކޮމެންޓް