ރޮމްބަސް އަށް ތިން ލައްކައަށް ވުރެ ގިނަ ޑޮލަރު ދިނުމަށް ކުންފުންޏެއްގެ މައްޗަށް ހުކުމް ކޮށްފި

ސިވިލް ކޯޓު ހިންގާ ޖަސްޓިސް ބިލްޑިގ --- ސަން ފޮޓޯ// މުހައްމަދު އަފްރާހް

ރޮމްބަސް ޕްރައިވެޓް ލިމިޓެޑަށް 334,530.00 އެމެރިކާ ޑޮލަރު ދިނުމަށް ކުންފުންޏެއްގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.

ސިވިލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައި ވަނީ އިބްރާހީމް އަހުމަދު ނަމަކަށް ކިޔާ ވެލިދޫ މީހަކު ޝާނީޒް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖަރެއްގެ ވަޒީފާގައި ހުރި އިރު، އެކުންފުނީގެ މެނޭޖަރުގެ ހައިސިއްޔަތުން ޑޮލަރު ވިއްކުމުގެ މުއާމަލާތެއް ރޮމްބަސްއާއެކު ކޮށްފައިވާ ކަމަށެވެ.

އެ މުއާމަލާތާ ގުޅިގެން ރޮމްބަސްގެ އެކައުންޓުން ފައިސާ ނެގޭގޮތަށް ދޫކޮށްފައިވާ ހަތަރު ޗެކަށް ލިބެންޖެހޭ ފައިސާގެ އެއްވެސް މިންވަރެއް މިހާތަނަށް ލިބިފައިނުވާކަމަށް ލިޔުންތަކަށް ބެލުމުން އެނގެން އޮންނަ ކަމަށް އެ ހުކުމްގައި ވެއެވެ.

އެ ޗެކްތަކުގައިވާ ޖުމްލަ 118،0000 ޑޮލަރާއި އެ ފައިސާ ދެއްކުމަށް އެއްބަސްވެފައިވާ މުއްދަތުގައި ދައްކާފައިނުވާތީ ޖޫރިމަނާގެ ގޮތުގައި ނެގުމަށް ދެ ފަރާތުން އެއްބަސްވެފައިވާ ގޮތުގެމަތިން 0.5 ޕަސެންޓް ރޭޓުން 10 ޖުލައި 2014 ވަނަ ދުވަހުން ފެށިގެންް 12 ޖުލައި 2015 ވަނަ ދުވަހުގެ ނިޔަލަށް ޖޫރިމަނާގެ ގޮތުގައި 216،530 ޑޮލަރު ދައްކަންޖެހޭ ކަމަށް އެ ހުކުމްގައި ވެއެވެ.

އެހެންކަމުން އެކުންފުނިން ރޮމްބަސް އަށް ދައްކަންޖެހޭ 334،530 ޑޮލަރު ކޮންމެ މަހަކު ވެސް އެމަހަކަށް ދައްކަންޖެހޭ ވަރު ދައްކައި ހަތަރު މަސް ތެރޭގައި ދަރަނި ޚަލާސް ކުރުމަށް ސިވިލް ކޯޓުން ވަނީ އަންގާފައެވެ.

comment ކޮމެންޓް