'ކާބިލް' ރިލީޒް ކުރުން އަވަސްކޮށްފި

އަންނަ ބުދަ ދުވަހަކީ ހިންދީ ފިލްމުތަކަށް ލޯބިކުރާ ފަރާތްތަކަށް ބޮޑު ދުވަހަކަށް ވާނެ އެވެ. އެ ދުވަހަކީ ބޮޑު އުންމީދުތަކެއް ކުރެވޭ ދެ ފިލްމު ކަމުގައިވާ ޝާހު ރުކް ޚާންގެ 'ރައީސް' އަދި ކާމިޔާބު އެކްޓަރު ރިތިކް ރޯޝަންގެ 'ކާބިލް' ރިލީޒް ކުރާ ދުވަހެވެ.

ފިލްމު ރިލީޒް ކުރާ ތާރީޚު ކައިރި ވަމުން އަންނަ ވަރަކަށް، ދެ ފިލްމުގެ ވާދަވެރިކަން ވެސް އަންނަނީ އިތުރު ވަމުންނެވެ. މިއީ ބޮލީވުޑުގެ މި އަހަރުގެ އެންމެ ބޮޑު ކުރިމަތިލުމަށް ވާނެ އެވެ. އެހެންކަމުން ދެ ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ވެސް އަންނަނީ ކުރި ހޯދާ ފިލްމަށް ވުމަށް މަސައްކަތް ކުރަމުންނެވެ.

އެންމެ ފަހުން ރިތިކްގެ 'ކާބިލް' ރިލީޒް ކުރުން ވެސް މިވަނީ އަވަސް ކޮށްފަ އެވެ. ކުރިން ފިލްމު ރިލީޒް ކުރަން ހަމަޖެހިފައި އޮތީ އިރުއޮށްސި 6 ޖަހާއިރު އެވެ. ނަމަވެސް މިހާރު މިވަނީ ހެނދުނު ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފަ އެވެ.

ކާބިލް ގައި ރިތިކް އާއެކު ދެން ފެނިގެން ދާނީ ޔަމީ ގޯތަމް އެވެ. އެ ފިލްމަކީ ލޯފަން ދެ މީހުންގެ ލޯބީގެ މައްޗަށް، ސަންޖޭ ގުޕްތާ ޑައިރެކްޓުކޮށް އުފައްދާފައިވާ ފިލްމެކެވެ.

ޝާހުގެ 'ރައީސް' އަކީ ރާހުލް ޑޯލަކިއާ ޑައިރެކްޓް ކޮށްފައިވާ ކްރައިމް ޑްރާމާ އެކެވެ. އެ ފިލްމުގައި ޝާހުގެ އިތުރުން ދެން މުހިންމު ރޯލުތަކުން ފެނިގެންދާނީ ޕާކިސްތާނުގެ އެކްޓްރެސް މާހިރާ ޚާން އަދި ނަވާޒުއްދީން ސިއްދީގީ އެވެ.

comment ކޮމެންޓް