"ޕާޓީގައި ހަމަޖެހުން އޮންނާނީ އިސް މީހަކަށް ނުވިސްނައި، އުސޫލަށް ތަބާވެގެން"

ރިޔާސީ އިންތިހާބު ކާމިޔާބުވި ދުވަހު ބޭއްވި ހްފަލާގައި ރައީސް މާއުމޫނާއި ރައީސް ޔާމީން ބައްދާލައްވަނީ: ރައީސް ޔާމީންގެ ބަހުގެ ހަމަލާ ރައްދު ކުރެއްވީ ރައީސް މައުމޫނަށް-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމްގައި ހަމަޖެހުން އޮންނާނީ އިސް މީހަކަށް ނުވިސްނައި ޕާޓީގެ އުސޫލުތަކަށް ތަބާވެގެން ކަމަށް އެ ޕާޓީގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ޕާޓީގެ ތެރޭގައި ހަމަޖެހުން އޮންނާނީ ޕާޓީގެ ބޮޑެއް ކުޑައެއް، އިސް މީހެއް، އިސް ނޫން މީހަކަށް ނުވިސްނާ އުސޫލަށް ތަބާވާ ޕާޓީއަކަށް އަޅުގަނޑުމެންގެ ޕާޓީ ވެގެން، ރައީސް ޔާމީން

ޕީޕީއެމަށް މެމްބަރުން އިތުރު ކުރުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ޕީޕީއެމްގައި ހަމަޖެހުން އޮންނަން ބޭނުންވެވަޑައިގަންނަވާ ކަމަށާއި އެ ހަމަޖެހުން އޮންނާނީ ޑިމޮކްރަސީގެ އަސާސްތަކަށް ތަބާވެގެން ކަމަށެވެ.

"އަޅުގަނޑުމެން ޕާޓީގެ ތެރޭގައި ހަމަޖެހުން އޮންނާނީ ޕާޓީގެ ބޮޑެއް ކުޑައެއް، އިސް މީހެއް، އިސް ނޫން މީހަކަށް ނުވިސްނާ އުސޫލަށް ތަބާވާ ޕާޓީއަކަށް އަޅުގަނޑުމެންގެ ޕާޓީ ވެގެން،" ކޯޓު ހުކުމެއްގެ ދަށުން ޕީޕީއެމްގެ ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން މިރޭ ވިދާޅުވީ ޕާޓީ ކުރިއަށްދާނެ ގޮތަކާމެދު ހިޔާލު ހޯދަން ޖެހޭނީ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ. އަދި ޕީޕީއެމްގެ ތެރޭގައި "އިސްތިސްނާތަކެއް އޮވެގެން ނުވާނެ" ކަމަށް ރައީސް ވިދާޅުވި އެވެ.

"ޕާޓީ ކުރިއަށްދާނެ ގޮތަކާމެދު ހިޔާލު ހޯދަން މަސައްކަތް ކުރާ ކަމުގައިވަންޏާ އެންމެ ފުރަތަމަ ގަބޫލު ކުރަންޖެހެ ކަމަކީ ޕާޓީ ވަރުގަދަ ވާނީ ޕާޓީގެ އުސޫލުތަކާ އެއްގޮތަށް މަސައްކަތް ކުރަން އަޅުގަނޑުމެންނަށް ކެރިގެންކަން،" ރައީސް ޔާމީން މިރޭ ވިދާޅުވި އެވެ.

ޕީޕީއެމްގައި ފެކްޝަން އުފެދިފައިވާ ދަނޑިވަޅެއްގައި ރައީސް ޔާމީން އެގޮތަށް ވިދާޅުވެފައި ވަނީ ޕީޕީއެމްގެ އާންމު މެމްބަރުންގެ ހިޔާލު ހޯދުމަށް އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ރޭ ބާއްވަން އުޅުނު ހަފްލާ ފުލުހުން ހުއްޓުވާފައި ވަނިކޮށެވެ.

ރައީސް ޔާމީން ވިދާޅުވީ ވެރިކަން ކުރާ ޕާޓީގެ މެމްބަރުން މަގުމައްޗަށް ނެރެ މުޒާހަރާ ކުރުމަކީ އުފަލެއް ކަމުގައި އެމަނިކުފާނު ދެކިވަޑައިނުގަންނަވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ސަރުކާރުން އުފަލެއް ކަމުގައި ނުދެކެން، ސަރުކާރު ހިންގަމުން، އަޅުގަނޑުމެންގެ ޕާޓީގެ މީހުން މަގުމައްޗަށް ނެރެގެން މުޒާހަރާ ކުރާކަށް. އަޅުގަނޑުމެން ނުދެކެގެން. ދިވެހިރާއްޖެއަކީ އެ އަށްވުރެ މާ ހަމަޖެހޭ، މާ މަސްލަހަތަށް ލޯބިކުރާ، އެކަކު އަނެކަކަށް އިހްތިރާމު ކުރާ ގައުމަކަށް ވާންޖެހޭ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހަށް އިޝާރާތް ކުރައްވައި ރައީސް ޔާމީން ވިދާޅުވީ "އަޅުގަނޑުމެންނަކީ އެއް ބަޔަކު އަނެއް ބަޔަކަށް ހަނގާ ކުރަންޖެހޭ ބަައެއް ނޫން" ކަމަށެވެ.

ޕީޕީއެމަކީ ވަރަށް ލޯބިވާ ޕާޓީއެއް ކަމަށް ވިދާޅުވެ، ރައީސް ޔާމީން ވިދާޅުވީ އެ ޕާޓީން ރާއްޖެއަށް ގެންނަމުންދާ ތަރައްގީއާ ގުޅިގެން ޕީޕީއެމް ފިޔަވައި އެހެން ޕާޓީއަކާ ރައްޔިތުން ގުޅެންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށް ވިދާޅުވި އެވެ.

ޕީޕީއެމަށް މެމްބަރުން އިތުރު ކުރުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ހަފްލާއަކީ "މަވެސް ޕީޕީއެމް" މި ނަމުގައި ކުރިއަށް ގެންދިޔަ ހަފްލާއެކެވެ. އެ ހަފްލާގައި މ. މުލަކާއި އެ އަތޮޅު ދިއްގަރާއި އަދި މަޑުއްވަރީން ވަނީ ޕީޕީއެމަށް ބަޔަކު ސޮއިކޮށްފަ އެވެ.

comment ކޮމެންޓް