ގެންނަން ބޭނުންވަނީ މުޅިން އާ، ޒަމާނީ ދިވެހިރާއްޖެއެއް: ރައީސް

ރައީސް ޔާމީން: މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތުގައި ފެއިލް ނުވާނެ ކަމަށް ވިދާޅުވި-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެ ބަދަލުކޮށްލަން ބޭނުންފުޅު ވަނީ މުޅިން އާ ޒަމާނީ ދިވެހިރާއްޖެއަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.

"މަވެސް ޕީޕީއެމް" މި ނަމުގައި ދަރުބާރުގޭގައި މިރޭ ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ދެކެން ބޭނުންފުޅު ވަނީ ދިވެހިރާއްޖެއަކީ ދުނިޔޭގެ އެހެން ތަންތަނުގައި ހުންނަ އިންފްރާސްޓްރަކްޗާ އެކުލެވިގެންވާ ގައުމަކަށްވުމަށް ކަމަށެވެ.

"އަޅުގަނޑުމެން ގެންނަން ބޭނުންވަނީ ދިވެހިރާއްޖެއަށް ފާގަތި، މުޅިން އާ މިޒަމާނުގެ ދިވެހިރާއްޖެއެއް. އަޅުގަނޑުމެން ދެކެން ބޭނުންވާ ދިވެހިރާއްޖެއަކީ ދުނިޔޭގެ އެހެން ތަންތަނުގައި ހުންނަ އިންފްރާސްޓްރަކްޗާ އެކުލެވިގެންވާ، އަދި އެ އިންފްރާސްޓްރަކްޗަކުން ރައްޔިތުންނަށް ފަސޭހަތަކެއް ލިބި ސަރުކަރުން އެއަށް މަންފާތަކެއް ލިބޭ އިންފްރާސްޓްރަކްޗަރެއް،" ރައީސް ޔާމީން ވިދާޅުވި އެވެ.

"މަވެސް ޕީޕީއެމް" މި ނަމުގައި ބޭއްވި ހަފްލާގައި ވަނީ މ. ދިއްގަރާއި އަދި އެ އަތޮޅު މަޑުއްވަރީ އަދި މުލަކުން ޕީޕީއެމާ ގުޅުނު މެމްބަރުންނަށް މަރުހަބާ ވިދާޅުވަމުން ރައީސް ޔާމީން ވިދާޅުވީ އެ ޕާޓީއާއި ގުޅިވަޑައިގަތް ބޭފުޅުން އިތުރު މަސައްކަތެއް ކޮށްދެއްވަން ޖެހޭ ކަމަށެވެ. އެ ގޮތުން އަލަށް ގުޅުނު މެމްބަރުން އިތުރު 10 މެމްބަރުން ޕީޕީއެމަށް ހޯއްދަވައި ދެއްވުމަށް ރައީސް ޔާމީން އެދިވަޑައިގެންނެވި އެވެ.

"އަޅުގަނޑު އެދެނީ ތިއިން ކޮންމެ ބޭފުޅަކުވެސް އިތުރު މަސައްކަތެއް ކޮށްލަ ދެއްވަން. ކޮންމެ ބޭފުޅަކު ވެސް އަޒުމު ކަނޑައަޅުއްވާ އިތުރު ދިހަ މީހުން ޕާޓީއަށް ވައްދަން. ދެން ހަމަ އެކުދިންނަށް ވެސް ނަސޭހަތްދެއްވާ ކޮންމެ ކުއްޖަކު ދިހަވަރަކަށް ދުވަހުގެ ތެރޭގައި، ދެ ހަފްތާ ތެރޭގައި އިތުރު ދިހަ މީހުން ވައްދަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ އެ މަސައްކަތް ކުރެވިއްޖެނަމަ އެ ޕާޓީއަކީ ބޮޑު ޕާޓީއަކަށް ވާނެ ކަމަށާއި، ޕީޕީއެމުން ކުރަމުންދާ މަސައްކަތަކީ ރައްޔިތުންނަށް ކަންތައްތަކެއް ފޯރުކޮށްދިނުން ކަމަށެވެ. އަދި އެކަމުގައި ފެއިލް ނުވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިކުރާ މަސައްކަތަކީ ޕާޓީގެ ތެރެއިން، ސަރުކާރުގެ ތެރެއިން ރައްޔިތުންނަށް ކަންތައްތައް ފޯރުކޮށް ދިނުމަށް ކުރާ މަސައްކަތް. އިރާދަކުރެއްވިއްޔާ އެކަމުގައި އަޅުގަނޑުމެން ފެއިލެއް ނުވާނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.

މަވެސް ޕީޕީއެމްގެ ނަމުގައި ބޭއްވި ޖަލްސާގައި ވަނީ ޕީޕީއެމާ އަލަށް ގުޅިވަޑައިގެންނެވި 413 މެމްބަރުންގެ ފޯމް ރައީސްގެ އަތްޕުޅަށް އަރުއްވާފަ އެވެ.

comment ކޮމެންޓް