ރޮހިންޔާއާ ދެކޮޅަށް ހިންގާ ޖަރީމާތައް ހުއްޓާލަން މިޔަންމާއަށް ރާއްޖެއިން ގޮވާލައިފި

އޯއައިސީ ފޮރިން މިނިސްޓަރުންގެ ކުއްލި ބައްދަލުވުމުގައި ފޮރިން މިނިސްޓަރ ޑރ. އާސިމް ވާހަކަ ދައްކަވަނީ -- ފޮޓޯ/ ފޮރިން މިނިސްޓްރީ

މިޔަންމާގެ ރޮހިންޔާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް އެގައުމުގައި ހިންގަމުން އަންނަ ލާއިންސާނީ ޖަރީމާތައް ހުއްޓާލައި، އެފަދަ ޖަރީމާތަކުގެ ޝިކާރައަކަށް ވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މިޔަންމާއަށް ދިވެހި ސަރުކާރުން ގޮވާލައިފި އެވެ.

ރޮހިންޔާ ދަރިކޮޅުގެ ރައްޔިތުންގެ ހާލަތާ ބެހޭ ގޮތުން މެލޭޝިއާގެ ކުއަލަ ލަމްޕޫރުގައި މިހާރު ކުރިޔަށްދާ، އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯއޮޕަރޭޝަން (އޯއައިސީ)ގެ ފޮރިން މިނިސްޓަރުންގެ ކުއްލި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ވިދާޅުވީ، ރޮހިންޔާ މުސްލިމުންގެ އާބާދީއަށް، މެދުކެނޑުމެއް ނެތި އެތައް އަހަރެއް ވަންދެން އަނިޔާތަކެއް ލިބެމުންދާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، އެމީހުންގެ އިންސާނީ ހައްގުތަކަށް އަރައިގަތުމާއި، އެމީހުން ދިރިހުރުމުގެ ހައްގާއި، އިންސާނީ ކަރާމާތަށް އަރައިގަނެ، ހިންގަމުންދާ ޖަރީމާތަކަކީ މައާފު ނުކުރެވޭ ވަރުގެ ކަންކަން ކަމަށާއި، ރޮހިންޔާ ދަރިކޮޅުގެ މުސްލިމުން ކުރިމަތިލާން ޖެހިފައިވާ ކަންކަމާ މެދު ދިވެހި ސަރުކާރުން އިންތިހާއަށް ކަންބޮޑުވާ ކަމަށެވެ.

"ކޮންމެ އިންސާނެއްގެ ދިރިހުރުމަކީ ކަރާމާތްތެރި، އިހްތިރާމު ލިބިގެންވާ އެއްޗެއްކަމަށާއި ކޮންމެ މީހަކީ ވެސް ލާއިންސާނީ ޖަރީމާތަކާއި އަނިޔާއިން އެއްކިބާވެގެންވާ މީހެއް ކަމަށް ރާއްޖެއިން ގަބޫލުކުރަން،" ފޮރިން މިނިސްޓަރ އާސިމް ވިދާޅުވި އެވެ.

ފޮރިން މިނސިްޓަރު ވިދާޅުވީ ދިރިހުރުމާއި، އިންސާނީ ކަރާމާތް ހިމާޔަތް ކުރުމާއި އަދި އަނިޔާއިން އެއްކިބާވެ ހުރުމުގެ ހައްގަކީ، ވަކި މީހަކަށް، ނަސްލަކަށް ނުވަތަ ދީނީ އަގީދާއަކަށް ބެލުމެއް ނެތި، ހުރިހާ އިންސާނަކަށް ވެސް ހަމަހަމައަށް ލިބެން ޖެހޭ ހައްގުތަކެއް ކަމަށާއި، ވަކިން ޚާއްސަކޮށް މައިނޯރިޓީ ގްރޫޕުތަކުގެ ހައްގުތައް ހިމާޔަތް ކުރުމަށް، ބައިނަލްއަގުވާމީ މުއާހަދާތަކުން ދައުލަތްތަކަށް ގޮވާލާ ކަމަށެވެ.

ފޮރިން މިނިސްޓަރު އާސިމް ވަނީމ މިޔަންމާގައި ރޮހިންޔާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓުވުމަށް މިޔަންމާ ސަރުކާރަށް ގޮވާލައިފަ އެވެ.

"މިކަމުގެ އަސަރު ކޮށްފައިވާ ފަރާތްތަކަށް ވީހާ ވެސް އަވަހަށް އެހީތެރިވެދިނުމަށް ރާއްޖެއިން ގޮވާލަން. އަދި މި ހާލަތުން ބަރީއަވެ، ހަމަނުޖެހުން ބޮޑު ސަރަހައްދުތައް ދޫކޮށް ދިއުމަށް މަސައްކަތް ކުރާ ރޮހިންޔާ ދަރިކޮޅުގެ މީހުން ރައްކާތެރި ހިސާބުތަކަށް ދިއުމަށް އެހީތެރިވުމަށް، އަވަށްޓެރި ގައުމުތަކަށް ގޮވާލަން،" ރާއްޖޭގެ ފަރާތުން ފޮރިން މިނިސްޓަރު ޑރ. އާސިމް ވިދާޅުވި އެވެ.

މީގެ އިތުރުން ފޮރިން މިނިސްޓަރު ވަނީ، އިސްރާއީލުން ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލު ރައްޔިތުން އަބާދުކުރަމުންދާ ދިއުމާ ދެކޮޅަށް އދ.އިން ފާސްކުރި ގަރާރަށް ތަކުރާރުކޮށް މަރުހަބާ ވިދާޅުވެފަ އެވެ.

އާސިމް ވިދާޅުވީ، ރޮހިންޔާ ދަރިކޮޅުގެ މީހުންގެ ހާލަތާ މެދު ކަންބޮޑުވުން މިއަދު ފާޅުކުރާ އިރު، ދުނިޔޭގެ ހުރިހާ ހިސާބެއްގައި ތިބި މުސްލިމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މިއަދު އަޒުމު ކަނޑައަޅަންވެއްޖެ ކަމަށެވެ.

comment ކޮމެންޓް