ތިމާވެށި ޕެނަލެއްގައި ބައިވެެރިވުމަށް ނަޝީދު އެމެރިކާގައި

ކުރީގެ ރައީސް މުހައްމަދު ނަޝީދު: ސަން ފައިލް ފޮޓޯ

އެމެރިކާގެ ކުރީގެ ނައިބު ރައީސް އަލް ގޯ ހެއްދެވި ތިމާވެށި ޑޮކިއުމެންޓްރީއެއް ނެރުމުގެ ހަފްލާގައި ތިމާވެއްޓާއި މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުން ވާހަކަދައްކާ ޕެނަލެއްގައި ބައިވެރިވެވަޑައިގަތުމަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމެރިކާއަށް މިއަދު ވަޑައިގެންފި އެވެ.

ޖަލުގައި ހުންނަވަނިކޮށް، ބޭސްފަރުވާއަށް ކަމަށް ވިދާޅުވެ އިނގިރޭސިވިލާތަށް ވަޑައިގެން ހުންނެވި، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިދިޔަ އަހަރުގެ ތެރޭގައި ވަނީ، އެގައުމުގެ ސިޔާސީ ހިމާޔަތް ހޯއްދަވައިފަ އެވެ.

ރައީސް ނަޝީދުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، އެ ހަފްލާގައި ބައިވެރިވެވަޑައިގަތުމަށް އެމަނިކުފާނު މިއަދު އެމެރިކާއަށް ވަޑައިގެންނެވި ކަމަށެވެ.

އެމެރިކާގެ ކުރީގެ ނައިބު ރައީސް އަލް ގޯ ރިލީޒްކުރައްވާ ޑޮކިއުމެންޓަރީއަކީ، މީގެ ކުރިން ހެއްދެވި ތިމާވެށި ޑޮކިއުމެންޓަރީ "ދަ އިންކޮންވީނިއެންޓް ޓްރުތު"ގެ ދެވަނަ ބައި "އެން އިންކޮންވީނިއެންޓް ސީކުއެލް"އެވެ. މި ޑޮކިއުމެންޓްރީ ނެރެނީ އެމެރިކާގެ ޔޫޓާގައި އޮންނަ ސަންޑާންސް ފިލްމް ފެސްޓިވަލްގަ އެވެ.

ރައީސް ނަޝީދު އޮފީހުން މައުލޫމާތުދޭ ގޮތުގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާ ޕެނަލްގައި، އެމަނިކުފާނުގެ އިތުރުން ބައިވެރިވެވަޑައިގަންނަވަނީ އަލް ގޯއާއި ކެނެޑާގެ ފިލްމް ޕްރޮޑިއުސަރު ޖެފްރީ ސްކޮލް، އެމެރިކާގެ ފިލްމް ޕްރޮޑިއުސަރު އަދި ފިލްމް ޑިރެކްޓަރު ހެދަ ރޭ، އަދި މަޝްހޫރު ތިމާވެށި ސައިންސްވެރިޔާ ޑރ. ޑޭވިޑް ސުޒުކީ އެވެ.

މިއަހަރުގެ ސަންޑާންސް ފިލްމު ފެސްޓިވަލުގައި، ތިމާވެއްޓާއި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ 14 ފިލްމެއް އިފްތިތާހު ކުރާނެ އެވެ.

comment ކޮމެންޓް