ހެކި ނެތިގެން، ސެމްސަންގްގެ ވެރިޔާ ހައްޔަރުކުރަން އަމުރެއް ނުނެރުނު

ސެމްސަންގްގެ ވައިސް ޗެއާމަން ލީ ޖައެ ޔޮންގް -- ފޮޓޯ/ ރޮއިޓާސް

ރިޝްވަތާއި ވައްކަމުގެ ތުހުމަތުކޮށް، ސެމްސަންގްގެ އިސްވެރިއެއްގެ ގޮތުގައި މިވަގުތު ހުންނެވި އެކުންފުނީގެ ވައިސް ޗެއާމަން ލީ ޖައެ ޔޮންގް (ޖޭ ލީ) ހައްޔަރުކުރުމަށް ޓަކައި، ދެކުނު ކޮރެއާގެ މިނިވަން ތަހުގީގީ ޓީމަކުން އެދުނު އަމުރު ނެރެދިނުމަށް ކޯޓުން ދެކޮޅު ހަދައިފި އެވެ.

ދެކުނު ކޮރެއާގެ ރައީސާ ޕާކް ގުން ހޭގެ ރުހުން ހޯދުމަށް ސެމްސަންގްގެ ވައިސް ޗެއާމަން ޖޭ ލީ، އެކަމަނާއަށާއި ގާތް އެކުވެރިޔާ ޗޮއި ސޫން ސިލްއަށް ރިޝްވަތު ދިންކަމުގެ މައްސަލައެއް ދެކުނު ކޮރެއާގެ ސަރުކާރުން ބަލަމުން އާދެ އެވެ.

އެ މައްސަލަ، މިނިވަން ތަހުގީގީ ޓީމަކުން ވެސް ތަހުގީގުކުރަމުންދާ އިރު، އެ ޓީމުން ވަނީ ޖޭ ލީ ހައްޔަރުކުރުމަށް ކޯޓު އަމުރަކަށް އެދިފަ އެވެ.

އެހެން ނަމަވެސް ކޯޓުން މިއަދު ނިންމީ، ޖޭ ލީ ހައްޔަރުކުރުމަށް ޓަކައިގެ މައްޗަށް ކުރާ ތުހުމަތުތަކަށް ބާރުދޭ ވަރަށް ހެކި ނެތް ކަމުން، އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.

ތަހުގީގީ ކައުންސެލްގެ ތަރުޖަމާނު ލީ ކްޔޫ ޗުލް ވިދާޅުވި ގޮތުގައި، ގައުމީ އިގްތިސާދު މުހިންމުވި ނަމަވެސް، އަދާލަތު ގާއިމުކުރުމަކީ މާ މުހިންމު ކަމެކެވެ.

ޕްރޮސިކިއުޓަރުން ބުނި ގޮތުގައި ހިޔާލު ތަފާތުވުންތައް އުފެދިފައިވާ މައްސަލައެއްގައި ރައީސާ ޕާކުގެ ތާއިދު ހޯދުމަށް ސެމްސަންގުން ވަނީ ޕާކްގެ ގާތް އެކުވެރިޔާ ޗޮއި ސޫން ސިލްގެ ފައުންޑޭޝަންތަކަކަށް 18 މިލިޔަނަށް ވުރެ ގިނަ ޑޮލަރު ހަދިޔާކޮށްފަ އެވެ.

މިދިޔަ މަހު ދެކުނު ކޮރެއާގެ ގާނޫނު ހަދާ މަޖިލީހުގައި ކުރިޔަށް ގެންދިޔަ ތަހުގީގެއްގައި، ސެމްސަންގްގެ ވައިސް ޗެއާމަން ވަނީ، ރިޝްވަތުގެ އެއްވެސް މައްސަލައެއްގައި ބައިވެރިވެވަޑައިގެންފައި ނުވާނެ ކަމަށް ވިދާޅުވެފަ އެވެ. އެހެން ނަމަވެސް، ރައީސާ ޕާކް ގުން ހޭގެ އެކުވެެރިޔާ ޗޮއި ސޫން ސިލްގެ ދަރިކަނބަލުން، ޖަރުމަނުގައި އެކެސްޓްރިއަން (އަސް ދުއްވުމުގެ) ތަމްރީނުތައް ހެދުމަށް ޓަކައި ސެމްސަންގްގެ ފަރާތުން އޭނާ އަށް 900،000 ޑޮލަރުގެ އަގުބޮޑު އަހެއް ގަނެދީފައިވާ ކަމަށް ޖޭ ލީ އިއުތިރާފުވެވަޑައިގަތެވެ.

އުމުރުން 48 އަހަރުގެ ޖޭ ލީއަކީ ސެމްސަންގްގެ ވައިސް ޗެއާމަން ނަމަވެސް، އެކުންފުނީގެ ޗެއާމަންގެ ރޯލު ވެސް އަދާކުރަމުން ދަނީ އޭނާ އެވެ. ސަބަބަކީ، މީގެ ތިން އަހަރު ކުރިން، އޭނާގެ ބައްޕަ އަދި ޗެއާމަން ލީ ކުން ހީއަށް ހާޓް އެޓޭކެއް ޖެހިވަޑައިގެން، ހޮސްޕިޓަލުގައި އޮންނަވަން ޖެހިވަޑައިގަތުމުންނެވެ. ޗެއާމަން ލީ ކުން ހީ އަދިވެސް އޮންނެވީ ހޮސްޕިޓަލުގައި، ހޭ ނާރަ އެވެ.

comment ކޮމެންޓް