އުސޫލަށް ބަދަލު ގެނެސް، ހުޅުމީދޫ ފްލެޓުތަކަށް ކުރިމަތިލާން އަލުން ހުޅުވާލައިފި

އައްޑޫ ސިޓީގެ ހުޅުމީދޫ: ޕާޓީއަކުން ކައިގެން އެރަށުގައި 20 މީހަކު ވަނީ ކާނާ ވިހަވެފައި

އައްޑޫ ސިޓީގެ ހުޅުމީދޫގައި ސަރުކާރުން އަޅާ 48 ފްލެޓު ދޫކުރާ އުސޫލަށް ބަދަލު ގެނެސް، އެ ފްލެޓުތަކަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައިފި އެވެ.

ސަރުކާރުގެ ގެދޮރުވެރިކަމުގެ ޕްރޮގްރާމުގެ ދަށުން ހުޅުމީދޫގައި އަޅާ 48 ފްލެޓަށް ކުރިމަތިލުމަށް ފުރަތަމަ ހުޅުވާލީ 2016 މޭ 31 ގަ އެވެ. އެހެން ނަމަވެސް އެފަހަރު އެކަށީގެންވާ އަދަދަށް މީހުން ކުރިމަތިލާފައެއް ނުވެ އެވެ.

މިއަދު ހައުސިންގް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ، މީގެ ކުރިން ދެ ކެޓަގަރީއަކަށް ކުރިމަތިލުމަށް ހުޅުވާލި ނަމަވެސް، މިހާރު ތިން ވަނަ ކެޓަގަރީއެއް އިތުރުކޮށްފައިވާ ކަމަށެވެ.

އާ އުސޫލުގެ ދަށުން، ހުޅުމީދޫގައި އަޅާ 48 ފްލެޓުގެ ތެރެއިން 23 ފްލެޓު ދޫކުރާނީ ހުޅުމީދު އަށް ނިސްބަތްވާ، އަދި ފްލެޓު ބޭނުންވެފައިވާ ފަރާތްތަކަށެވެ. މި ފްލެޓުތައް ދޫކުރާނީ، ދިގު މުއްދަތަކަށް ބަހާލައިގެން ފައިސާ ދައްކާ ގޮތަށެވެ.

ފްލެޓުތަކުގެ ތެރެއިން 10 ފްލެޓު، ރިއަލް އެސްޓޭޓު އުސޫލުން ވިއްކާ އިރު، އަލަށް އިތުރުކުރި "ސީ ކެޓަގަރީ"ގެ ދަށުން 15 ފްލެޓެއް ދޫކުރާނީ ހުޅުމީދު އަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް، ދިގު މުއްދަތަކަށް ބަހާލައިގެން ފައިސާ ދައްކާ ގޮތަށެވެ.

ހައުސިންގް މިނިސްޓްރީ އިން މައުލޫމާތުދޭ ގޮތުގައި ފްލެޓުލިބޭ ފަރާތްތަކުން އެޑްވާންސްގެ ގޮތުގައި ދައްކަންޖެހެނީ 25،000 ރުފިޔާ އެވެ. އަދި ކޮންމެ މަހަކު ކުލީގެ ގޮތުގައި ދައްކަންޖެހެނީ 3،000 ރުފިޔާ އެވެ.

ހައުސިންގް މިނިސްޓްރީން ބުނީ، ފްލެޓަށް އެދޭ ފޯމު، އަންނަ އާދީއްތަ ދުވަހުން ފެށިގެން، އައްޑޫ ސިޓީގެ ހުޅުމީދޫގައި ހުންނަ ހައުސިންގް މިނިސްޓްރީގެ ލޭންޑް، ބިލްޑިންގް އެންޑް މުނިސިޕަލް ސަވިސަސް ޑިޕާޓްމަންޓުންނާއި ހައުސިންގް މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެ ކަމަށެވެ.

އަދި ފޯމް ބަލައިގަންނާނީ އަންނަ އާދީއްތަ ދުވަހުން ފެށިގެން، އަންނަ މާޗު މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް، ހުޅުމީދޫގައި ހުންނަ ހައުސިންގް މިނިސްޓްރީގެ މުނިސިޕަލް ސާވިސެސް ޑިޕާޓްމެންޓުން ކަމަށެވެ.

comment ކޮމެންޓް