ސާރާ ބޮލީވުޑަށް ނުކުންނަށް ތައްޔާރު، ބައްޕަ ސައިފް ހާސްކަމުގައި!

ކަރަން ޖޯހަރުގެ ކުރިއަށް އޮތް ފިލްމުން، ބޮލީވުޑުގެ އެކްޓަރު ސައިފް އަލީ ޚާންގެ އަންހެން ދަރިފުޅު ސާރާ އަލީ ޚާން ބޮލީވުޑަށް ނުކުންނާނެ ކަން ޔަގީންވެއްޖެ އެވެ. ސައިފް ވަނީ އެކަން ކަށަވަރުކޮށްދީފައެވެ.

ސައިފް އަކީ ފިލްމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވެފައިވާ ކާމިޔާބު އެކްޓަރެކެވެ. އަދި އޭނާގެ ކުރީގެ އަންހެނުންނާއި މިހާރުގެ އަންހެނުންނަކީ ވެސް ބޮލީވުޑުގެ އެކްޓަރުންނެވެ.

ނަމަވެސް، ސައިފްގެ ދަރިން ފިލްމީ ދާއިރާއަށް ނުކުތުމަށް އޭނާ ބޭނުމެއް ނޫނެވެ. ސަބަބަކީ ފިލްމީ ދާއިރާ އަކީ ކާމިޔާބު މީހަކަށް ތިމާ ވާނެ ކަމުގެ އެއްވެސް ޔަގީން ކަމެއް ނެތް ދާއިރާ އަކަށް ވާތީ ކަމަށް ސައިފް ބުނެ އެވެ.

އެހެން ކަމުން ސާރާ ފިލްމީ ދާއިރާއަށް ނުކުތުމަށް ތައްޔާރުވެފައި ވީނަމަވެސް، ސައިފް ހުރީ ހާސްކަމެއްގެ ތެރޭގައެވެ. ދަރިފުޅުގެ ހުވަފެންތަކަށް ހުރަސް އަޅަން ވެސް ސައިފް ބޭނުމެއް ނުވެ އެވެ.

"އެއީ އޭނާގެ ލޭގައި ހުރި ކަމެއް. މީހަކަށް ކުރެވޭނެ ކަމެއް ނެތް. އަހަރެން އަދިވެސް ހަނދާން ހުރޭ ސާރާ ގޮވައިގެން ފުރަތަމަ ދިޔަ ޓުއާގެ މަތިން. ސްޓޭޖް ފުރަގަހުގައި އިނދެގެން ސްޓޭޖް މަތީގައި ފަންނާނުން ނަށާތައް ބަލާނެ. އެއީ ފިލްމީ ދާއިރާ އަށް ނުކުތުމަށް ސާރާ ނިންމި ދުވަސް،" އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި ސައިފް ބުނެފައިވެ އެވެ.

ސާރާ ބޮލީވުޑަށް ނުކުންނަނީ، ފިލްމުފެއާގެ އެންމެ މޮޅު އެކްޓްރެސްގެ އެވޯޑު ހޯދި އާލިއާ ބަޓް، އަދި ކާމިޔާބު އެކްޓަރުން ކަމުގައިވާ ސިދާރްތު މަލޯތުރާ އާއި ވަރުން ދަވާން ވެސް ބޮލީވުޑަށް ނެރެދިން ކާމިޔާބު ޑައިރެކްޓަރު ކަރަން ޖޯހަރުގެ ބެލުމުގެ ދަށުންނެވެ. އެއީ ހާސްކަމުގައި ހުރި ސައިފަށް ލިބޭ ހިތްހަމަ ޖެހުމެކެވެ.

"ކަރަން އަކީ ދާއިރާއަށް އަލަށް ނުކުންނަ ކުދިންނަށް އެންމެ ރަނގަޅު ޑައިރެކްޓަރު،" ސައިފް ބުންޏެވެ.

ސައިފް ބުނީ ސާރާގެ އިތުރުން، އޭނާގެ ފިރިހެން ދަރިފުޅުވެސް ބޭނުންވަނީ ފިލްމީ ދާއިރާއަށް ނުކުންނަން ކަމަށެވެ.

comment ކޮމެންޓް