އެއް ކިލޯގެ މަސްތުވާތަކެތި އެތެރެކުރި ދެ މީހަކު 10 އަހަރަށް ޖަލަށް

ކުރިމިނަލް ނޯޓް ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ---ސަން ފޮޓޯ: މުހައްމަދު އަފްރާހް

ރާއްޖެ އަށް އެއް ކިލޯގެ މަސްތުވާތަކެތި އެތެރެ ކުރި ދެ މީހަކު 10 އަހަރަށް ޖަލަށްލުމާ އެކު 50،000 ރުފިޔާ އިން ޖޫރިމަނާކޮށްފި އެވެ.

އެ މައްސަލާގައި ހުކުމް އިއްވާފައި ވަނީ ގދ. ރަތަފަންދޫ، ނޫމާގޭ ސަފާ އަހުމަދާއި މާލޭ މުނިސިޕަލްޓީގެ ޚާއްސަ ދަފްތަރު 2109 އަބްދުﷲ ޝުއައިބުގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުން އާދީއްތަ ދުވަހު ކުރި ހުކުމްގައި ބުނެފައި ވަނީ 2015 ވަނަ އަހަރުގެ ފެބްރުއަރީ 10 ވަނަ ދުވަހުގެ މެންދުރު 1:03 އެހާކަންހާއިރު ބެންގަލޫރުން ރާއްޖެ އައި ފުލައިޓުން އެ ދެ މީހުން ފޭބުމާއެކު އެ ދެ މީހުން ޗެކު ކުރި އިރު މަސްތުވާތަކެތި ފެނިފައިވާކަން ހެކީންގެ ހެކިބަހުން އެނގެން އޮންނަ ކަމަށެވެ.

އެ ދެ މީހުންގެ ތެރެއިން ސަފާގެ ފޮށިތެރޭގައި އޮތް ހަތަރު ޕްލާސްޓިކް ފުޅީގައި އޮތް ހަތަރު ކޮތަޅުގައި 598.2000 ގްރާމް އަލްޕްރޮޒޯލަމް ފެނިފައިވާ ތަހުލީލު ރިޕޯޓުން އެނގެން އޮންނަ ކަމަށް އެ ހުކުމްގައި ވެއެވެ. އަދި ޝުއައިބު އަތުގައި އޮތް ޕްލާސްޓިކް ކޮތަޅެއްގެ ތެރޭގައި އޮތް ހަތަރު ފުޅީގައި 601.7681 ގްރާމް އަލްޕްރޮޒޯލަމް ހުރިކަން ވެސް ތަހުލީލު ރިޕޯޓުން އެނގޭ ކަމަށް އެ ހުކުމްގައިވެ އެވެ.

ޖޫރިމަނާގެ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް ދައްކައި ޚަލާސްކުރުމަށް އެ ހުކުމްގައި އެ ދެ މީހުންނަށް ވަނީ އަންގައިފަ އެވެ.

comment ކޮމެންޓް