ކަރަން ސިންގް ގްރޯވަރު ލަވަކިޔުމުގެ ދާއިރާއަށް!

އެކްޓަރު ކަރަން ސިންގް ގްރޯވަރު، އެކްޓު ކުރުމުން ކުޑަ ބްރޭކެއް ނެގުމަށް ފަހު ލަވަކިޔުމުގެ ދާއިރާއަށް މިސްރާބު ޖަހައިފި އެވެ.

ޓީވީ ޑްރާމާތަކުން ބޮޑު މަގުބޫލު ކަމެއް ހޯދުމަށް ފަހު ކަރަން، ބޮލީވުޑަށް ނުކުތީ 2015 ވަނަ އަހަރު އެވެ. ދެ ފިލްމަށް ފަހު ކަރަން ވަނީ ބޮލީވުޑްގެ ބަތަލާ ބިޕާޝާ ބާސޫ އާ ކައިވެނި ކޮށްފައެވެ. އަދި ކައިވެންޏަށް ފަހު އެކްޓު ކުރުމުން އޭނާ ވަނީ ކުޑަ ބްރޭކެއް ނަގައިފައެވެ.

މިހާރު ކަރަން ގިނައިން ފެންނަނީ އޭނާ ސޯޝަލް މީޑިއާ ގައި އާންމު ކުރާ ވީޑިއޯ ތަކުންނެވެ. އެ ވީޑިއޯ ތަކުން ކަރަންގެ އިތުރު ހުނަރެއް ވެސް ވަނީ ފެނިގެން ގޮސްފަ އެވެ. ކަރަންގެ ލަވަކިޔުމުގެ ހުނަރެވެ.

އަނބިމީހާ ބިޕާޝާއަށް އޭނާގެ އަޑުން ލަވަކިޔައިދިނުމަށް ފަހު، ސީރިއަސް ކޮށް ލަވަކިޔުމަށް ކަރަން މިހާރު އަންނަނީ ވިސްނަމުންނެވެ.

އެގޮތުން، ވަރަށް ކައިރި މުސްތަގުބަލެއްގައި ކަރަންގެ އަމިއްލަ އަލްބަމެއް ނެރުމުގެ މަސައްކަތް މިހާރު އޭނާ ވަނީ ފަށައިފައެވެ.

"އަހަންނަކީ މިޔުޒިކަށް ވަރަށް ލޯބިކުރާ މީހެއް. ޅެން ހެދުމަށް އަހަންނަށް އެންމެ ބޮޑު އެއްބާރުލުމެއް ދިނީ ބިޕާޝާ. ފުރަތަމަ ލަވައެއް ލިޔެވުނު ދުވަސް އެއީ ވަރަށް ބޮޑު ކާމިޔާބެއް ކަމަށް ގަބޫލު ކުރަނީ. ވަރަށް އަވަހަށް އަމިއްލަ ލަވަތަކެއް ރިލީޒް ކުރާނަން،" ކަރަން ބުނެފައިވެ އެވެ.

އޭނާގެ އަމިއްލަ ލަވަ އަލްބަމެއް ރިލީޒް ކުރުމަށް ތައްޔާރުވަމުން އަންނަ އިރު، އެ އަލްބަމްގައި ހިމެނޭ ހުރިހާ ލަވައެއްގެ ޅެން ވެސް ހަދާފައި ވަނީ ކަރަން އެވެ.

އެ އަލްބަމްގައި ލޯބީގެ މަޑުމައިތިރި ލަވަތަކުގެ އިތުރުން، ރޮކް ލަވަތައް ވެސް ހިމެނޭނެ ކަމަށް ކަރަން ވަނީ ބުނެފައެވެ.

comment ކޮމެންޓް