އޭއެމްޑީސީން ހަދައިދޭ މެޑިކަލް ރިޕޯޓް ވެސް ބަލައި ގަންނަން ނިންމައިފި

އޭއެމްޑީސީން މީހަކު ފަރުވާ ހޯދަނީ --- ފޮޓޯ/ އޭއެމްޑީސީ

ބިދޭސީންގެ ވިސާއަށް އޭއެމްޑީސީން ހަދައިދޭ މެޑިކަލް ރިޕޯޓް ބަލައިގަތުން ހުއްޓާލާފައި އޮތުމަށްފަހު އަލުން އެ ކުލިނިކުން ހަދާ މެޑިކަލް ރިޕޯޓް ބަލައިގަންނަން އިމިގްރޭޝަނުން ނިންމައިފި އެވެ.

ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ، މިދިޔަ ޑިސެމްބަރު މަހުގެ ފަސް ވަނަ ދުވަހު އޭޑީކޭ އާއި އޭއެމްޑީސީން ހަދާ މެޑިކަލް ރިޕޯޓްތައް ބަލައިގަތުން އިމިގްރޭޝަނުން ހުއްޓާލައި އެ ދެތަން ރިވިއު ކުރަން ފެށި އެވެ.

އިމިގްރޭޝަންގެ އިންފޮމޭޝަން އޮފިސަރު ހަސަން ޚަލީލް "ސަން"އަށް މިރޭ ވިދާޅުވީ، ބިދޭސީންގެ ވިސާ ހަދާއިރު ހުށަހަޅަންޖެހޭ މެޑިކަލް ރިޕޯޓު ހެދުމުގެ ހުއްދަ އަންނަ އާދީއްތަ ދުވަހުން ފެށިގެން އޭއެމްޑީސީއަށް ދޭނެ ކަމަށެވެ.

އަދި ވިދާޅުވީ، މިދިޔަ ޑިސެމްބަރު މަހުގެ ހަތަރެއްގެ ކުރިން އޭއެމްޑީސީން ހަދާފައިވާ މެޑިކަލް ރިޕޯޓްތައް ބަލައިގަންނާނެ ކަމަށާއި އެ ދުވަހުން ފެށިގެން މިމަހުގެ 22 ވަނަ ދުވަހާ ހަމައަށް ހަދާ އެއްވެސް މެޑިކަލް ރިޕޯޓެއް ބަލައި ނުގަންނާނެ ކަމަށެވެ.

އޭއެމްޑީސީން ހަދާ މެޑިކަލް ރިޕޯޓްތައް ބަލައިގަންނަން އިމިގްރޭޝަނުން ނިންމިއިރު، މިދިޔަ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުން ފެށިގެން އޭޑީކޭގެ މެޑިކަލް ރިޕޯޓު ބަލައިގަންނަން ވަނީ ފަށާފައެވެ.

ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މެޑިކަލް ރިޕޯޓް އަހަރަކު އެއްފަހަރު އިމިގްރޭޝަން ޑިޕާޓްމަންޓަށް ހުށަހަޅަން ޖެހެ އެވެ. އަދި ރާއްޖެ އަށް ވަޒީފާ އަށް އަންނަ ބިދޭސީން ވެސް މެޑިކަލް ރިޕޯޓު ހަދަން ޖެހެ އެވެ.

comment ކޮމެންޓް