މަތީ ތައުލީމު ހާސިލް ކުރާ ފިރިހެނުންގެ އަދަދު ދަނީ މަދުވަމުން: ޑރ. ފަވާޒު

މާޗް 24، 2016: ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީއިން ހިންގި ކޯސްތަކުން 845 ދަރިވަރުން ދަސްވެނިވުން -- ސަން ފައިލް ފޮޓޯ/ފަޔާޒު މޫސާ

މަތީ ތައުލީމު ހާސިލް ކުރާ ފިރިހެނުންގެ އަދަދު މަދުވަމުންދާ ކަމަށާއި އެއީ ވިސްނަން ޖެހިފައިވާ ކަމެއް ކަމަށް މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. އަލީ ފަވާޒް ޝަރީފު ވިދާޅުވެއްޖެ އެވެ.

ގދ. ތިނަދު އާއި ހދ. ކުޅުދުއްފުށީގެ ކެމްޕަހަށް މެނޭޖަރުން އައްޔަން ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ފަވާޒު ވިދާޅުވީ، މަތީ ތައުލީމު ހާސިލް ކުރާ ފިރިހެން ކުދިންގެ އަދަދު މަދުވުމަކީ އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށާއި، އެކަމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

"އަޅުގަނޑުމެންގެ ތެރޭގައި މިހާރުގެ އެންރޯލް މެންޓަށް ބަލާއިރު ވޭތުވެ ދިޔަ 10 އަހަރު ވިޔަސް، އަދި އެއަށްވުރެ ތަންކޮޅެއް ދުރަށްޖެހިލިޔަސް، އެންރޯލްމެންޓު މިދަނީ ވަރަށް ބޮޑުތަން ފިރިހެން ކުދިން މަދުވަމުން. އަޅުގަނޑުމެންގެ ތެރޭގައި މި ގްރެޖުއޭޝަން އަށް ބަލައިފިއްޔާވެސް 65 ނުވަތަ 70 އިންސައްތައިގެ ގްރެޖުއޭޓުންނަކީ މި އަންހެން ބޭފުޅުން،" ފަވާޒު ވިދާޅުވި އެވެ.

ތިނަދޫ އާއި ކުޅުދުއްފުށީ ކެމްޕަހަށް މެނޭޖަރުން އައްޔަން ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްއެންޔޫގެ ވައިސް ޗާންސެލާ އަލީ ފަވާޒު ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

ފިރިހެނުން މަތީ ތައުލީމު ހާސިލް ނުކުރާ ކަމުގައި ވާނަމަ ބައެއް ފަހަރު ވަޒީފާ ނުލިބި މަސައްކަތް ނުކޮށް ތިބުމުގެ ސަބަބުން ގޯސް މަގަކުންދެވުމުގެ ފުރުސަތު އޮންނާނެ ކަމަށް ފަވާޒު ފާޙަގަ ކުރެއްވި އެވެ. އެގޮތުން ގޭންގުތައް ފުޅާވެ ގޭންގުތަކަށް މީހުން އިތުރުވުން ފަދަ ކަންކަންވެސް ދިމާވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެކަމަށް ހައްލެއް ހޯދަން ޖެހޭ ކަމަށާއި، ފިރިހެން ކުދިން މަތީ ތައުލީމު ހާސިލް ކުރުމަށް އެޓްރެކްޓު ކުރުވަން ޖެހޭ ކަމަށެވެ. އެގޮތުން ޔުނިވާސިޓީން ހިންގަމުންދާ ކޯސްތައް ތަފާތުކޮށްގެން ނަމަވެސް ފިރިހެން ކުދިންގެ އެންރޯލްމަންޓޫ މަތި ކުރަން މަސައްކަތް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވެދާނެ އަޅުގަނޑުމެންނަށް ފަސޭހައިން އޮފާ ކުރެވޭ ކޯސްތަކަކީ މުދައްރިސުންގެ ތައުލީމު ދިނުން ކަމުގައި ވާތީ، ނޫނިއްޔާ ބައެއް ކަހަލަ މެނޭޖްމެންޓު ކޯސްތައް ކަމަށް ވާތީ، އަޅުގަނޑުމެންނަށް އެޓްރެކްޓު ކުރެވޭ ޕޮޕިއުލޭޝަން އަންހެން ކުދިންނަށް ވަނީ ކަމަށް ވެސް. އެހެން ނަމަވެސް ކޮންމެވެސް ވަރެއްގެ ހަރަދެއްކޮށްގެން ނަމަވެސް އަޅުގަނޑުމެން އެބަ ޖެހެޔޭ، ފިރިހެން ކުދިން އެޓްރެކްޓު ކުރާނެ ފޯމިއުލާއެއް އަޅުގަނޑުމެން ނެރެން،" ފަވާޒް ވިދާޅުވި އެވެ.

comment ކޮމެންޓް