ވިސާމް ހައްޔަރުކުރި ސަރަހައްދު އޮތީ ބަންދުކޮށްފައެއް ނޫން: ހެކި

ރާއްޖެ ޓީވީގެ ޖާނަލިސްޓު މުހައްމަދު ވިސާމް

ދެހާސް ފަނަރަ ވަނަ އަހަރުގެ މާޗް މަހުގެ 25 ވަނަ ދުވަހުގެ ރޭ މާލޭގައި ބޭއްވި މުޒާހަރާގައި ރާއްޖެ ޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމް ހައްޔަރުކުރި ސަރަހައްދުގައި ބެރިކޭޑު ޖަހައި ބަންދުކޮށްފައި ނެތް ކަމަށް އޭނާގެ ދިފާއީ ހެކީން ބުނެފިއެވެ.

ވިސާމްގެ މައްޗަށް ދައުލަތުން އުފުލި ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރުމުގެ ދައުވާގައި ބުނެފައި ވަނީ ދެހާސް ފަނަރަ ވަނަ އަހަރުގެ މާޗު މަހުގެ 25 ވަނަ ދުވަހުގެ ރޭ މާލޭގައި ބަޔަކު މުޒާހަރާ ކުރިއިރު ބޮޑުތަކުރުފާނު މަގާއި މުހައްމަދު އިސްމާއިލް ދީދީ ގޯޅި ގުޅުނު ކަންމަތި ބެރިކޭޑް ޖަހައި ބަންދުކޮށްފައިވަނިކޮށް، އެ ސަރަހައްދުން މީހަކު ހައްޔަރުކުރުމުން އެ މީހާ ހައްޔަރު ކުރި ސަބަބުން ހޯދުމަށް ކަމަށް ބުނެ ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަށް ގަދަކަމުން ވަދެ ފުލުހުންގެ ދައުރު އަދާކުރުމަށް ވިސާމް ދަތިކޮށްފައިވާ ކަމަށެވެ.

ވިސާމްގެ ދިފާއުގައި ހެކިބަސްދިން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލް ކަރީމާއި ރާއްޖެ ޓީވީގެ ކެމެރާމަން އާދަމް ޒަރީރުގެ އިތުރުން ހދ. ހަންޏާމީދޫ، ކަނދުގަސްދޮށުގެ އަހުމަދު އަންވަރު ބުނީ އެރޭ ޒަރީރު ހައްޔަރުކުރީ ކީއްވެތޯ ވިސާމް ސުވާލުކުރުމުން އެތަނުގައި ހުރި ފުލުހުސް މީހަކު ބޭއަދަބީ ބަހުން އޭނާ ހައްޔަރުކުރަން އެންގި ކަމަށެވެ. އެވަގުތު އެ ސަރަހައްދު ވަނީ ބެރިކޭޑުޖަހައި ބަންދުކޮށްފައިނޫން ކަމަށް ވެސް އެ ތިން މީހުން ބުންޏެވެ.

ނަމަވެސް މިއަދު ހެކިބަސްދިން ފުލުސް މީހާ ބުނީ އެރޭ ފުލުހުން މީހަކު ހައްޔަރުކުރުމުން އެމީހާ ހައްޔަރުކުރީ ކީއްވެތޯ ސުވާލުކޮށް ގަދަ ހަދައި ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަށް ވިސާމް ވަދެފައިވާ ކަމަށެވެ.

މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ މި މަހުގެ 31 ވަނަ ދުވަހު އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށާއި އެދުވަހު އޮންނާނީ ދައުލަތުން ހުށަހެޅި ވީޑިއޯ ފްޓޭޖްތަކާ ބެހޭގޮތުން ވާހަކަދެއްކުން ކަމަށެވެ.

comment ކޮމެންޓް