ލިވަޕޫލްގެ ޑިފެންޑަރެއް ރީޑިންއަށް ސޮއިކޮށްފި

ރީޑިންއަށް ސޮއިކޮށްފައިވާ ޕޯޗުގަލް ޑިފެންޑަރު އިލޯރީ ---

ލިވަޕޫލްގެ ޑިފެންޑަރު ޓިއާގޯ އިލޯރީ ރީޑިންއަށް ސޮއިކޮށްފިއެވެ.

ޗެމްޕިއަންޝިޕުން އިނގިރޭސި ޕްރިމިއާ ލީގަށް ޕްރޮމޯޓްވުމަށް މަސައްކަތްކުރަމުންދާ ރީޑިންއަށް އިލޯރީ ސޮއިކޮށްފައި ވަނީ 3.75 މިލިއަން ޕައުންޑްގެ އަގަކަށެވެ. ކުރިން ޕޯޗުގަލްގެ ސްޕޯޓިންއަށް ކުޅުނު ޑިފެންޑަރު ރީޑިންއާ ގުޅުނީ ތިން އަހަރާއި ބައިގެ އެއްބަސްވުމެއްގެ ދަށުންނެވެ.

ޕޯޗުގަލްގެ 21 އަހަރުންދަށުގެ ގައުމީ ޓީމަށް ކުޅެފައިވާ އިލޯރީ، ލިވަޕޫލްއާ ގުޅުނީ 2013 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ހަ މިލިއަން ޕައުންޑްގެ އަގަކަށެވެ. ލިވަޕޫލްއާ ގުޅުމަށްފަހު އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވެސް މެޗަކުން ފެނިފައެއް ނުވެއެވެ.

ލިވަޕޫލްއާއެކު އިލޯރީ ވަނީ އެފްއޭ ކަޕްގެ ތިން މެޗެއްގައި ކުޅެފައެވެ. ލޯނުގެ ދަށުން މިސިޔަ ސީޒަނުގައި އެސްޓަން ވިލާގައި ހޭދަކުރި ނަމަވެސް، އެޓީމު ކުޅުނު އެއްވެސް މެޗެއްގައި އޭނާ ފެނިފައެއް ނުވެއެވެ.

ލިވަޕޫލްގައި ނާކާމިޔާބު ދުވަސްތަކެއް ހޭދަކުރި ނަމަވެސް، އުމުރުން 23 އަހަރުގެ އިލޯރީއަށް ރީޑިންއާއެކު ކާމިޔާބު ދުވަސްތަކެއް ހޭދަކުރާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް އެކްލަބުގެ ކޯޗު ޖާޕް ސްޓެމް ގަބޫލުކުރެއެވެ.

"އިލޯރީއަކީ ގިނަ ބަޔަކު ލޯބިކުރާނެ ފަދަ ޑިފެންޑަރެއް. އޭނާގެ ހުނަރު އަދި ފެންވަރު ރަނގަޅު. އަހަރެމެންގެ ސްކޮޑަށް ބޭނުންވަނީ ވެސް އެފަދަ ކުޅުންތެރިން. މި ލީގުގައި އަހަރެމެން ކުޅެން ޖެހޭ މެޗުތަކަށް ބަލާއިރު، ކުރިއަށްވާނެ ގޮތެއް ނޭނގޭނެ. ސަސްޕެންޝަންތަކާއި އަނިޔާތައް އަންނާނެ. އެހެންވެ ސްކޮޑު ބަދަލުކުރެވޭނެ ފެންވަރުހުރި ކުޅުންތެރިން ގެންނަން އެބަޖެހޭ،" ރީޑިންގެ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި އެކްލަބުގެ ކޯޗު ބުންޏެވެ.

އިނގިރޭސި ދެވަނަ ޑިވިޝަންގެ ލީގު ޗެމްޕިއަންޝިޕްގައި ރީޑިން މިވަގުތު އޮތީ ހަތަރުވަނައިގަ އެވެ. ރީޑިން އާއި އެއްވަނައިގައި އޮތް ނިއުކާސަލް ޔުނައިޓެޑްއާ ދެމެދު ނުވަ ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ.

comment ކޮމެންޓް