ޕެންޝަން އޮފީހުގެ ބޯޑުން ހުސްވެފައިވާ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި

ޕެންޝަން އޮފީހުގެ ސީއީއޯ މުހައްމަދު ހުސައިން މަނިކު -- ސަން ފޮޓޯ: އަލީ ނަސީރު

ޕެންޝަން އޮފީހުގެ ބޯޑުން، ޕްރައިވެޓް ސެކްޓާ ތަމްސީލުކުރައްވާ ހަތަރު މެންބަރުންގެ ތެރެއިން އެއް މެމްބަރުގެ މަގާމް ހުސްވެފައިވާތީ އެ މަގާމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެ އޮފީހުގެ ބޯޑުގައި ޖުމްލަ އަށް މެމްބަރު ތިބެއެވެ. އެއީ ބޯޑުގެ ޗެއާޕާސަން އާއި ސެކިއުރިޓީސް މާކެޓް ރެގިއުލޭޓާގެ އިސް މުވައްޒަފަކާއި، ފިނޭންސް މިނިސްޓްރީގެ ސިވިލް ސާވިސްގައި ހިމެނޭ އިސް މުވައްޒަފަކާއި، ސޯޝަލް ސެކިއުރިޓީއާ ބެހޭ ކަންތައްތައް ބަލަހައްޓާ މިނިސްޓްރީގެ ސިވިލް ސާވިސްގައި ހިމެނޭ އިސް މުވައްޒަފަކާއި، އަދި ދައުލަތުގެ ވަޒީފާއެއް އަދާނުކުރާ، ސަރުކާރުގެ ވަޒީފާއެއްގައި ނޫޅޭ، ޕްރައިވެޓް ސެކްޓާ ތަމްސީލުކުރާ ހަތަރު ބޭފުޅުންނެވެ.

ޕެންޝަން އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ބޯޑުގައި ހިމެނޭ ސަރުކާރުގެ ވަޒީފާއެއްގައި ނޫޅޭ، ޕްރައިވެޓް ސެކްޓާ ތަމްސީލުކުރާ ހަތަރު ބޭފުޅުންގެ ތެރެއިން އެއް ބޭފުޅެއްގެ މަގާމް ހުސްވެފައިވާ ކަމަށެވެ. އެހެން ކަމުން އެމަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ ނިޔަލަށް ހުޅުވާފައިވާ ކަމަށް އިއުލާނުގައި ވެއެވެ.

އެ މަގާމަށް ކުރިމަތިލެވޭނީ ދައުލަތުގެ ނުވަތަ ސަރުކާރުގެ އެއްވެސް ވަޒީފާއެއް އަދާކުރަމުން ނުދާ، ވިޔަފާރީގެ ރޮނގުން ނުވަތަ އިގްތިސާދީ ރޮނގުން ނުވަތަ ޤާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ފެންވަރަށް ތައުލީމު ހާސިލްކޮށްފައިވާ ފަރާތްތަކަށެވެ. މީގެ އިތުރުން މި މަގާމަށް ކުރިމަތިލާ ފަރާތަކީ މާލީ ނުވަތަ ޕެންޝަން ނުވަތަ އިންވެސްޓްމަންޓްގެ ދާއިރާގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ ފަރާތެއް ކަމުގައި ވާން ޖެހެއެވެ.

comment ކޮމެންޓް