އިނގިރޭސި ވިލާތުގެ މުވާސަލާތީ ކުންފުނި އީއީ 2.7 މިލިއަން ޕައުންޑުން ޖޫރިމަނާކޮށްފި

ކަސްޓަމަރުން އަތުން މާ ބޮޑު އެއްޗެއް ޗާޖު ކުރި މައްސަލައެއްގައި އިނގިރޭސި ވިލާތުގައި އެންމެ ފުޅާ ދާއިރާގައި މޯބައިލް ނެޓް ވޯކްގެ ޚިދުމަތްދޭ ކުންފުނިކަމުގައިވާ އީއީ ކުންފުނި 2.7 މިލިއަން ޕައުންޑުން ޖޫރިމަނާކޮށްފި އެވެ.

އެ ކުންފުނި ޖޫރިމަނާކުރީ، އެ ގައުމުގެ ދެ ބިލިން ރޫލެއް މުގުރާލިކަން ސާބިތުވުމާ ގުޅިގެން ޓެލެކޮމް ރެގިއުލޭޓަރެއް ކަމަށްވާ އޮފްކޮމް އިންނެވެ.

މި މައްސަލަ ފެންމަތިވެފައި ވަނީ، ޔޫރަޕްގައި ތިބި އެ ކުންފުނީގެ ކަސްޓަމަރުން ރޯމިން މެދުވެރިކޮށް އެކުންފުނީގެ ކަސްޓަމާ ސާވިސް ސެންޓަރަށް ގުޅުމުން އެމެރިކާގައި ހުރެ ގުޅުމުން ޗާޖް ކުރާ މިންވަރަށް ޗާޖު ކޮށްފައިވުމާ ގުޅިގެންނެވެ. އެގޮތުން މިނެޓަކަށް 0.19 ޕައުންޑް ޗާޖުކުރަން ޖެހޭ އިރު، ވަނީ މިނެޓަކަށް 1.20 ޕައުންޑް ޗާޖުކޮށްފަ އެވެ.

މި މައްސަލަ ފެންމަތިވި އިރު އެކުންފުނިން ވަނީ، އެކުންފުނީގެ 32،145 ކަސްޓަމަރުންގެ އަތުން ޗާޖު ކުރަން ނުޖެހޭ މިންވަރަށް ޗާޖުކޮށް ޖުމްލަ 245،000 ޕައުންޑް އަތުލައިފަ އެވެ.

ޔޫރަޕްގައި ހުރެގެން އީއީ ކުންފުނީގެ ކަސްޓަމާ ސާވިސް ނަމްބަރު 150 އަށް ގުޅުން ވަނީ 2015 ވަނަ އަހަރުން ފެށިގެން ފްރީކޮށްފަ އެވެ.

comment ކޮމެންޓް