އެމްއެންޔޫގެ ކޯސްތަކަށް އޮންލައިންކޮށް ފީ ދެއްކޭނެ ނިޒާމެއް ގާއިމް ކުރަނީ

ގައުމީ ޔުނިވާސިޓީގެ އިދާރާ ---- ސަން ފައިލް ފޮޓޯ: ފަޔާޒު މޫސާ

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ދަރިވަރުންގެ ކޯހުގެ ފީ އޮންލައިންކޮށް ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. އަލީ ފަވާޒު ޝަރީފް ވިދާޅުވެއްޖެ އެވެ.

ގދ. ތިނަދު އާއި ހދ. ކުޅުދުއްފުށީގެ ކެމްޕަހަށް މެނޭޖަރުން އައްޔަން ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ފަވާޒު ވިދާޅުވީ، އެ ހިދުމަތް އަންނަ ސެމިސްޓާގައި ދަރިވަރުންނަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން އޮންލައިކޮށް ކޯސްތަކުގެ ފީ ދެއްކޭނެ ނިޒާމު ގާއިމް ކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ އެކު ވާހަކަ ދެކެވެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ތިނަދޫ އާއި ކުޅުދުއްފުށީ ކެމްޕަހަށް މެނޭޖަރުން އައްޔަން ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްއެންޔޫގެ ވައިސް ޗާންސެލާ އަލީ ފަވާޒު ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

"އެކަމުގައި އަޅުގަނޑުމެން ބޭންކް އޮފް މޯލްޑިވްސް އާ ވާހަކަ ދެކެވެމުން މިދަނީ. އަދި އަޅުގަނޑުމެންނަށް މުޅިން ފީ އަކަށް އެއްބަސް ނުވެވޭ. އެހެން ނަމަވެސް އިރާދަ ކުރެއްވިއްޔާ މި ސެމިސްޓާ ނިންމައި މިއަންނަ ސެމިސްޓާ ފެށެންވާ އިރަށް އަޅުގަނޑުމެންނަށް ދަރިވަރުންނަށް އޮންލައިންކޮށް ޕޭ ކުރެވޭނެ ނިޒާމެއް ގެނެވޭނެ ކަމަށް އަޅުގަނޑުމެންނަށް ގަބޫލު ކުރެވެނީ،" ފަވާޒް ވިދާޅުވި އެވެ.

އެމްއެންޔޫގެ ދަރިވަރުން މިހާރު ފީ ދައްކަން ޖެހެނީ ކޮންމެ ކުއްޖަކު ކިޔަވާ ކެމްޕަހަކަށް ގޮސްގެންނެވެ.

މިއަދުގެ ރަސްމިއްޔާތުގައި ފަވާޒް ވިދާޅުވީ، ޔުނިވާސިޓީގެ ދަރިވަރުންނަށް ކުޅިވަރުގެ ކަންކަން އިތުރު ކުރުމަށް ވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ތިނަދޫ ކެމްޕަހުގައި ފުޓްސަލް ދަނޑެއް އެޅުމަށް ސަރުކާރުގައި ނުރަސްމީކޮށް އެދިފައިވާނެ ކަމަށާއި އެކަމަށް އަދި ފެހި ސިގުނަލެއް ނުލިބުނު ކަމުގައި ވިޔަސް އުއްމީދު ކުރެވެނީ ފެހި ސިގްނަލެއް ލިބޭނެ ކަމަށް ފަވާޒު ވިދާޅުވި އެވެ. އަދި އެ ފުޓްސަލް ދަނޑު ތިނަދޫ ކެމްޕަހުގައި އެޅިކަމުގައި ވިޔަސް އެތަނުގެ ބޭނުން ކޮމިއުނިޓީ އަށް ވެސް ކުރެވޭނެ ގޮތަށް ކަންތައްތައް ހަމަޖައްސާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފުޓްސަލް ދަނޑެއް ތިނަދޫ ކެމްޕަސްގައި އެޅި ކަމުގައި ވިޔަސް ކޮމިއުނިޓީ އަށް ބޭނުން ކުރެވޭނެ ގޮތަކަށޭ އަޅުގަނޑުމެން އެކަން ކުރަން ވާނީ. އިރާދަކުރެއްވިއްޔާ އެކަން ވެސް އަޅުގަނޑުމެންނަށް ހާސިލް ވެގެންދާނެ. މިކަންކަމަކީ ކޮންމެހެން މި ކެމްޕަސްތަކަށް އެކަނި ހާއްސަވާ ކަމެއް ނޫން. މުޅި ޔުނިވާސިޓީ އަށް ވެސް ހާއްސަ ވާ ކަމެއް،" ފަވާޒު ވިދާޅުވި އެވެ.

comment ކޮމެންޓް