ޕްރައިމަރީ ދަނީ އުސޫލާ އެއްގޮތަށް، މައުމޫންގެ ވާހަކަތައް ދޮގު: ޕީޕީއެމް

ޑރ.އަބްޑުﷲ ހަލީލް

ރައީސް މައުމޫން އަބްދުލް ގައްޔޫމް ނެރުއްވި ބަޔާން ދޮގުކޮށް އެއީ ޕާޓީ ކުރިއެރުމާ ދެކޮޅަށް ކުރާކަމެއްގެ ގޮތުގައި އެ ޕާޓީގެ ސެކެޓްރީ ޖެނަރަލް އަދި މަޖިލިސް މެމްބަރު ޑރ.އަބްޑުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.

ރައީސް މައުމޫން ނެރުއްވި ބަޔާނުގައި ބުނެފައި ވަނީ ކައުންސިލް އިންތިހާބަށް ޕީޕީއެމްގެ ޕްރައިމަރީ މިމަހު 27ގައި ބާއްވާއިރު އެކަން އެޕާޓީގެ އިންތިހާބީ ކޮމެޓީއަށް ނޭނގޭ ކަމަށެވެ. ޕީޕީއެމްގެ އަސާސީ ގަވައިދު ބުނާ ގޮތުން ޕާޓީގެ އިންތިހާބުކަންކަމުގެ އިސްވެރިއަކީ ޕާޓީގެ ރައީސް ކަމަށް ބުނެފައިވާ އިރު މިހާރު އިއުލާންކޮށްފައިވާ ޕްރައިމަރީއަކީ އެއާ ހިލާފަށް ކުރާކަމެއް ކަމަށް މައުމޫން ފެކްޝަނުން ނެރުނު ބަޔާނުގައި ބުންޏެވެ.

ޕީޕީއެމް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހަލީލް ވިދާޅުވީ މިހާރު އެ ޕާޓީ އިން ބަލައިގަންނަނީ އެ ޕާޓީ ކައުންސިލުން އެކުލަވާލި އިންތިހާބު ކޮމެޓީ ކަމަށާއި ޕްރައިމަރީގެ ކަންކަން ކުރިއަށްދަނީ އެކޮމެޓީގެ ބެލުމުގެ ދަށުން ކަމަށެވެ.

"ޕާޓީގެ ނަމުގައި ބޭފުޅުން އައްޔަން ކުރުމާއި ތަމްސީލް ކުރުމަށް ޓަކައި އެކިއެކި ފަރާތްތަކަށް ފޮނުވުމަކީ ޕާޓީ މުސްތަޝާރުގެ ޒިންމާއެއްގެ ގޮތުގައި މިހާރު މިއޮތީ،" ހަލީލް ވިދާޅުވި އެވެ.

ރައީސް މައުމޫންގެ ބަޔާން ދޮގުކުރައްވައި ހަލީލް ވިދާޅުވީ އެފަދަ ގޮތަށް ވާހަކަ ފެތުރުމަކީ އެ ޕާޓީގެ ކުރިއެރުމުގެ ރޫހާ ހިލާފް ކަންތައްތަކެއް ކަމަށެވެ.

"އަޅުގަނޑަށް ސިފަކުރެވެނީ މިއީ ޕާޓީގެ އަސާސީ ގަވައިދުގައި ބަޔާންކުރާ އެއްބައިވަންތަ ކަމާއި ޕާޓީގެ ކުރިއެރުމަށް މަސައްކަތްކުރަން ޖެހޭ ރޫހާއި މިކަންކަމާ ހިލާފަށް ކުރެވޭ މަސައްކަތެއްގެ ގޮތުގައި،" ހަލީލް ވިދާޅުވި އެވެ.

ރައީސް މައުމޫން އާއި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އާއި ދޭތެރޭ ވަނީ ވަރަށް ބޮޑަށް ޚިޔާލު ތަފާތުވުން އުފެދިފަ އެވެ. ކޯޓުން ނިންމާފައި ވަނީ ރައީސް ޔާމީނަށް ޕާޓީ ހަވާލުކުރުމަށެވެ.

comment ކޮމެންޓް