މަނާ ހަތިޔާރު ގެންގުޅުނު ކަމަށް ސަލްމާންގެ މައްޗަށް ސާބިތެއް ނުވި

ސަލްމާން ކޯޓަށް ހާޒިރު ވަނީ -- ފޮޓޯ: ޕީޓީއައި

މަނާ ހަތިޔާރު ގެންގުޅުނު ކަމުގެ ދައުވާގައި ސަލްމާން ހާންއާ ދެކޮޅަށް މީގެ 18 އަހަރު ކުރިން ބަލަން ފެށި މައްސަލާގައި އޭނާ ކުށްވެރި ނުވާ ކަމަށް ކޯޓުން ނިންމައިފި އެވެ.

ސަލްމާންގެ ވަކީލު ބުނި ގޮތުގައި މަނާ ހަތިޔާރު ގެންގުޅުނުކަން ސާބިތުވާ ވަރަށް ކޯޓަށް ޕްރޮސިކިއުޝަނުން ހެކި ހުށަހަޅާފައެއް ނުވެ އެވެ.

އޮކްޓޯބަރު 1998ގައި މަނާ ހަތިޔާރު ގެންގުޅުމާ ބެހޭ ގާނޫނުގެ ދަށުން ސަލްމާނާ ދެކޮޅަށް މައްސަލައެއް ރެޖިސްޓާ ކުރީ މުއްދަތު ހަމަވެފައިވާ ލައިސެންސްއެއް އޮތްވައި، ޖޯދުޕޫރުގެ ރަށްބޭރުގައި އޮންނަ ކަންކަނީ އަވަށުގެ ޖަންގައްޔެއްގައި ދެ ފުއްލާއެއް މެރުމުގެ ދައުވާގަ އެވެ.

އޭރު ސަލްމާން އުޅުނީ ސައިފް އަލީ ހާން އާއި ކަރިޝްމާ ކަޕޫރު ފެނިގެންދާ 'ހަމް ސާތް ސާތް ހޭ'ގެ ޝޫޓިންގަ އެވެ.

ކޯޓުގެ ނިންމުމާ ގުޅިގެން ސަލްމާނާ ދެކޮޅަށް ދައުވާ ކުރި ޖޯދުޕޫރުގެ ފޮރެސްޓް ޑިޕާންޓްމެންޓުން ވަނީ މައްސަލަ އިސްތިއުނާފު ކުރާނެ ކަމަށް ބުނެފަ އެވެ.

ސަލްމާން ހާން ދުއްވި ކާރަކުން ޖެހި، މީހަކު މަރުވި މައްސަލާގައި ފަސް އަހަރަށް ޖަލަށް ލާން އޭނާގެ މައްޗަށް ކުރި ހުކުމް ބޮމްބޭ ހައިކޯޓުން ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 10ގައި ބާތިލު ކޮށްފަ އެވެ. ނަމަވެސް އެ ނިންމުން މިހާރު ވަނީ ސުޕްރީމު ކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ. އަދި ސުޕްރީމު ކޯޓުން ވަނީ މައްސަލަ ބަލައިގެންފަ އެވެ.

comment ކޮމެންޓް