ނައިޖީރިއާގެ ރެފިއުޖީ ކޭމްޕަކަށް އޮޅިގެން ދިން ހަމަލާއެއްގައި 52 މީހަކު މަރުވެއްޖެ

ނައިޖީރިއާ އަސްކަރިއްޔާއިން ރެފިއުޖީ ކޭމްޕަށް ދިން ހަމަލާގައި ކޭމްޕަށް ގެއްލުން ލިބިފައި -- ފޮޓޯ: އެމްއެސްއެފް

އަބޫޖާ (ޖެނުއަރީ 18): ނައިޖީރިއާގެ ރެފިއުޖީ ކޭމްޕަކަށް އެ ގައުމުގެ އަސްކަރިއްޔާ އިން އޮޅުމަކުން ދިން ހަމަލާއެއްގައި 52 މީހަކު މަރުވެ ގިނަ އަދަދެއްގެ މީހުންނަށް އަނިޔާވެއްޖެ އެވެ.

ނައިޖީރިއާގެ އިރު އުތުރުގައި ހުންނަ ރަން ނަމަކަށް ކިޔާ ކޭމްޕަށް އަސްކަރިއްޔާގެ ހަމަލާއެއް އަމާޒުވީ އެގައުމާ ކެމެރޫންއާ ގުޅޭ ބޯޑަރު ކައިރީގައި އަސްކަރިއްޔާ އިން ބޯކޯ ހަރާމާ ހަނގުރާމަ ކުރަމުން ދަނިކޮށެވެ.

ނައިޖީރިއާ އަސްކަރިއްޔާގެ ތަރުޖަމާނެއް ކަމަށްވާ ޖެނެރަލް ރަބް އަބޫބަކުރު ބުނި ގޮތުގައި އެ ހަމަލާ ދޭން މަސައްކަތް ކުރީ ކޭމްޕު ކައިރިން ފެނުނު ބޯކޯ ހަރާމްގެ ހަނގުރާމަވެރިންތަކަކަށެވެ.

ނަަމަވެސް ހަމަލާ އެރީ ކޭމްޕަށް ކަން އެނގުމުން ހުރިހާ ސިފައިންނަށް ވެސް ވަރަށް އަސަރު ކުރިކަމަށާއި އެފަދަ އޮޕަރޭޝަންތަކުގައި އެފަދަ ކަންތައްތައް ހިނގި ނަމަވެސް އެއީ އެއްވެސް ހާލަތެއްގައި ގަސްތުގައިދޭ ހަމަލާތައް ނޫން ކަމަށް ޖެނެރަލް އަބޫބަކުރު ވިދާޅުވި އެވެ.

ނައިޖީރިއާގެ އިރުއުތުރުގައި ހަނގުރާމަވެރި ގުރޫޕުތަކާ ދެކޮޅަށް ކުރިއަށް ގެންދާ އޮޕަރޭޝަންތަކުގެ ކޮމާންޑަރު ޖެނެރަލް ލަކީ އިރަބޯރު ވަނީ އެހަމަލާ ތަހުގީގު ކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

އެ ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ރެޑް ކްރޮސްގެ ހަ މުވައްޒަފަކު ހިމެނޭ އިރު، ކޭމްޕުގައި ތިބި މީހުންނަށް ހިލޭ ސާބަހަށް އެހީ ފޯރުކޮށްދޭ ގިނަ ބަޔަކަށް ވެސް އަނިޔާވި ކަމަށް ރެޑް ކްރޮސްއިން ބުންޏެވެ.

ޑޮކްޓާސް ވިތައުޓް ބޯޑާސް (އެމްއެސްއެފް) އިން ބުނި ގޮތުގައި އެ ހާދިސާގައި 200 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވެފައިވެ އެވެ.

އެފްރިކާގައި އެންމެ ބޮޑު އާބާދީއެއް އޮންނަ ނައިޖީރިއާގައި ބޯކޯ ހަރާމުން ދިން ހަމަލާތަކުގައި އެތައް ހާސް މީހަކު މަރުވެފައިވެ އެވެ. (ބީބީސީ)

comment ކޮމެންޓް