ފެހި ގުޅުން ޕްރޮގްރާމް ހިންގުމަށް ވެމްކޯއިން އެކި ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

މިއަދު އެންވަޔަރަންމަންޓް މިނިސްޓްރީގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ފެހި ގުޅުން" މި ނަމުގައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޗަން (ވެމްކޯ) އިން ކުނި މަދުކުރުމުގެ ޕްރޮގްރާމެއް ހިންގައި މީހުން ހޭލުންތެރިކުރުމަށް ތަފާތު ޖަމިއްޔާތަކާއި ވިޔަފާރިތަކާ އެކު އެއްބަސްވުންތަކެއްގައި ސޮއިކޮށްފި އެވެ.

އެ ފަރާތްތަކާ އެކު މިއަދު އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ އެންވަޔަރަންމަންޓް މިނިސްޓްރީގެ އޮޑިޓޯރިއަމްގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ އެއްބަސްވުންތަކުގައި ވެމްކޯގެ ފަރާތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފުއާދު ސޮއިކުރެއްވި އިރު، ޖަމިއްޔާތަކާއި ވިޔަފާރިތަކުން ސޮއިކުރެއްވީ އެ ފަރާތްތަކުގެ އިސްވެރިންނެވެ.

މިއަދު އެންވަޔަރަންމަންޓް މިނިސްޓްރީގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަދު ސޮއިކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި ސޭވް ދަބީޗް އާއި އެމްއާރުސީ ވިލިނގިލި ޔުނިޓް އާއި އައިވައިއެމްއެސް ޕްރައިވެޓް ލިމިޓެޑާއި އިވާންސް އިންޓަނޭޝަނަލް ޓްރޭޑިން އާއި ސެކިއޯ ބޭގް މޯލްޑިވްސް ހިމެނެ އެވެ. އެއީ ސާފުކުރުކުމާއި ރީސައިކަލް ކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކެވެ.

އޭގެ އިތުރުން މިއަދު ވެމްކޯއިން ސޮއިކޮށްފައި ވަނީ ވިޔަފާރިކުރާ ފަރާތްތަކާ އެކުގައެވެ. އެގޮތުން ވެމްކޯއަށް އެއްބާރުލުންދީ ކުނި މެނޭޖް ކުރުމަށް އެއްބަސްވެފައިވާ ފަރާތްތަކުގެ ތެރޭގައި ޓޭސްޓްމީ އާއި ޗިލެކްސް އާއި ފުޑް ބޭންކްގެ އިތުރުން ލެމަންގްރާސް ހިމެނެ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވެމްކޯގެ މެނޭޖިން ޑިރެކްޓަރު ފުއާދު ވިދާޅުވީ، މިއަދު ސޮއިކުރި އެއްބަސްވުންތަކުގެ ދަށުން އެ ފަރާތްތަކުން، ރީސައިކަލް ކުރެވޭނެ ތަކެތި ވަކިން ކުނީގެ ގޮތުގައި ވެމްކޯއާ ހަމައަށް ގެނެސްދޭނެ ކަމަށެވެ. އެގޮތުން ޕްލާސްޓިކް ފުޅި ފަދަ ތަކެތި ވަކިން ގެނެސްދޭނެ ކަމަށް ފުއާދު ވިދާޅުވި އެވެ.

މިއަދު އެންވަޔަރަންމަންޓް މިނިސްޓްރީގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފުއާދު ވިދާޅުވީ ރާއްޖެއަކީ އަދި ރަށްރަށުގެ މަގުތަކަކީ ކުނި މަދުތަނަކަށް ހެދުމަށް މީހުންގެ ދިރިއުޅުމުގެ ބައެއް އާދަކާދަ ތަކަށް ބަދަލުގެންނަން ޖެހޭ ކަމަށެވެ.

"މިސާލަކަށް ސުޕާރީއެއް ކާލާފައި ވެސް މި އެއްލާލެވެނީ މަގުމައްޗަށް. ސިނގިރޭޓެއް ބޮއެފައިވެސް އުރަ އެއްލާލެވެނީ މަގުމައްޗަށް. މިއީ މާލޭގެ މަގުތަކުން އެންމެ ގިނައިން ފެންނަ ކުނީގެ ދެ ބާވަތް. މި ކަންކަން ބަދަލުކޮށްލެވޭނެ އިންސާނާގެ ބިހޭވިއާއަށް ގެންނަ ކުޑަ ބަދަލަކުން،" ފުއާދު ވިދާޅުވި އެވެ.

މިއަދު އެންވަޔަރަންމަންޓް މިނިސްޓްރީގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފުއާދު ވިދަޅުވީ ކުނި މަދުކުރަން ބޭނުންނަމަ އެފަދަ ކަންކަމަށް އިތުރަށް މީހުން ހޭލުންތެރިކުރަން ޖެހޭ ކަމަށެވެ. އެގޮތުން މިއަދު އެއްބަސްވުމުގައި ސޮއިކުރި ފަރާތްތަކާ އެކު ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ވެސް ކުރިއަށްގެންދާނެ ކަމަށް ފުއާދު ވިދާޅުވި އެވެ.

comment ކޮމެންޓް