ޖިންސީ އަނިޔާކުރި މައްސަލައާ ގުޅިގެން ޓްރަމްޕާ ދެކޮޅަށް އަބުރުގެ ދައުވާކޮށްފި

ޑޮނަލްޑް ޓްރަމްޕާ ދެކޮޅަށް ދައުވާ ކުރި ސަމާ ޒާވޯސް (ވ) އޭނާގެ ވަކީލާ އެކު -- ފޮޓޯ: އީޕީއޭ

ވޮޝިންޓަން (ޖެނުއަރީ 18): ޑޮނަލްޑް ޓްރަމްޕް ޖިންސީ އަނިޔާކުރި ކަމަށް ބުނި އަންހެނަކު ޓްރަމްޕާ ދެކޮޅަށް އަބުރުގެ ދައުވާކޮށްފި އެވެ.

ޓްރަމްޕް ހޯސްޓެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އެމެރިކާގެ ޝޯއެއް ކަމަށްވާ އެޕްރެންޓީސްގައި ބައިވެރިވި އަންހެނެއް ކަމަށްވާ، ސަމާ ޒާވޯސް ބުނި ގޮތުގައި ޓްރަމްޕްގެ އަމިއްލަ އުޅުމާ ބެހޭ ގޮތުން އޭނާ ވަނީ އެމެރިކާއަށް އިތުރުފުޅު ހައްދަވާފައެވެ.

ޒާވޯސްއަކީ، 2005 ވަނަ އަހަރު ޓްރަމްޕް އަންހެނުންނާ ބެހޭ ގޮތުން ދެއްކެވި ދަށު ދަރަޖައިގެ ވާހަކަތަކެއްގެ ރިކޯޑިންއެއް މިދިޔަ އޮކްޓޯބަރު މަހު ލީކުވުމާ ގުޅިގެން، ޓްރަމްޕުގެ ޖިންސީ އަނިޔާއާ ބެހޭ ވާހަކަތައް ހިއްސާ ކުރި އަންހެނުންގެ ތެރެއިން އެކަކެވެ.

ޒާވޯސް ބުނި ގޮތުގައި 2007 ވަނަ އަހަރު ބެވާލީ ހިލްސް ހޮޓަލެއްގައި ޓްރަމްޕާ އެކު ބޭއްވި ބައްދަލުވުމެއްގައި ޓްރަމްޕް ވަނީ އޭނާއަށް ޖިންސީ އަނިޔާކޮށްފައެވެ.

ނަމަވެސް ޓްރަމްޕް ވަނީ އެއީ ދޮގު ވާހަކަތަކެއް ކަމަށާއި، އެފަދަ ތުހުމަތުތައް ކުރި އަންހެނުންނާ ދެކޮޅަށް ދައުވާ ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ޒާވޯސް ވަނީ އެފަދައިން ވިދާޅުވުމުން އޭނާ އާއި އެހެން އަންހެނުންގެ އަބުރު ކަތިލެވޭ ކަމަށާއި، ވީމާ އެބަސްފުޅު އަނބުރާ ގެންދެވުމަށް އެދިވަޑައިގެންފައެވެ.

ނަމަވެސް ޓްރަމްޕް ވަނީ ބަސްފުޅު އަނބުރާ ގެންދެވުމަށް ދެކޮޅު ހައްދަވާފައެވެ.

އެހެންކަމުން ޒާވޯސްގެ އަބުރު ރައްކާތެރި ކުރުމަށްޓަކައި ޓްރަމްޕާ ދެކޮޅަށް ދައުވާ ކުރުން ނޫން ގޮތެއް ނެތުމުން މައްސަލަ ކޯޓަށް ގެންދިޔައީ ކަމަށް މީޑިއާއާ ވާހަކަ ދައްކަމުން ޒާވޯސް ބުންޏެވެ. ނަމަވެސް އޭގެ ފަހުންވެސް ޓްރަމްޕްގެ ބަސްފުޅު އަނބުރާ ގެންދަވައިފި ނަމަ ދައުވާ އަނބުރާ ގެންދާނެ ކަމަށް ޒާވޯސް ބުންޏެވެ.

ޓްރަމްޕާ ބެހޭ ގޮތުން ޒާވޯސް ދައްކަނީ ތެދު ވާހަކަކަން 'ލައި ޑިޓެކްޓާ' ޓެސްޓަކުން ހާމަވާ ކަމަށް އޭނާގެ ވަކީލު، ގްލޯރިއާ އޯލްރެޑް ވަނީ ވިދާޅުވެފައެވެ.

މިދިޔަ ނޮވެމްބަރު މަހު އޮތް އެމެރިކާގެ ރިޔާސީ އިންތިހާބާ ގާތްކޮށް ލީކުވި ރިކޯޑިންއާ ގުޅިގެން ޓްރަމްޕް ވަނީ މީގެ ކުރިން އޭނާ ކޮށްފައިވާ އަޚްލާގީ ގޮތުން ދަށު ދަރަޖައިގެ އަމަލުތަކާއި ވިދާޅުވެފައިވާ ބައެއް ބަސްތަކަށް މާފަށް އެދިވަޑައިގެންފައެވެ.

ޓްރަމްޕް ވެރިކަމުގެ ހުވާ ކުރެއްވުން ހުކުރު ދުވަހު އޮންނާނެ އެވެ. (ބީބީސީ)

comment ކޮމެންޓް