އެމްއެންޔޫގެ ތިނަދޫ އަދި ކުޅުދުއްފުށީ ކެމްޕަހަށް މެނޭޖަރުން އައްޔަން ކޮށްފި

ތިނަދޫ އާއި ކުޅުދުއްފުށީ ކެމްޕަހަށް މެނޭޖަރުން އައްޔަން ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ހދ. ކުޅުދުއްފުށީ ކެމަޕަހާއި ގދ. ތިނަދޫ ކެމްޕަހަށް މެނޭޖަރުން އައްޔަން ކޮށްފި އެވެ.

އެމްއެންޔޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވަނީ މެނޭޖަރު ކަމަށް ހަމަޖެއްސި ކަމުގެ އެއްބަސްވުމުގައި ދެ ބޭފުޅުން ސޮއިކޮށްފަ އެވެ. އެމްއެންޔޫގެ ފަރާތުން އެއބަސްވުމުގައި ސޮއިކޮށްފައި ވަނީ އެ ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލާ ޑރ. މުއާވިޔަތު މުހައްމަދެވެ.

ހދ. ކުޅުދުއްފުށީ ކެމްޕަހުގެ މެނޭޖަރު ކަމަށް އައްޔަން ކޮށްފައި ވަނީ، އިބްރާހީމް މުހައްމަދެވެ. އިބްރާހީމް މުހައްމަދަކީ ވޭތުވެ ދިޔަ ހަތަރު އަހަރު ވެސް އެ ކެމްޕަހުގެ މެނޭޖަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ގދ. ތިނަދޫ ކެމްޕަހުގެ މެނޭޖަރު ކަމަށް އައްޔަން ކޮށްފައިވާ މުހައްމަދު ޝަމީމް އާދަމް އަކީ ތިނަދޫ ކެމްޕަހުގެ މެނޭޖަރު ކަމުގެ މަގާމުގައި ވޭތުވެ ދިޔަ ހަތަރު އަހަރު ވެސް މަސައްކަތްކޮށްފައިވާ ބޭފުޅެކެވެ.

ތިނަދޫ އާއި ކުޅުދުއްފުށީ ކެމްޕަހަށް މެނޭޖަރުން އައްޔަން ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްއެންޔޫގެ ވައިސް ޗާންސެލާ އަލީ ފަވާޒު ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. އަލީ ފަވާޒް ޝަރީފް ވިދާޅުވީ، އެ ދެ ކެމްޕަހަކީ ވެސް ވޭތުވެ ދިޔަ ތަނުގައި ފާހަގަ ކުރެވޭ ވަރަށް، ރަނގަޅަށް ހިންގަމުން އައި ދެ ކެމްޕަސް ކަމަށެވެ.

އޭނާގެ ވާހަކަފުޅުގައި ޔުނިވާސިޓީ އިން ލިބެމުންދާ ހިދުމަތްތައް ކެމްޕަސްތަކުން ވެސް ލިބޭނެ ގޮތް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށް ވިދާޅުވި އެވެ. އެގޮތުން ޕަވާ ކެމްޕަސް އާއި އިންޓްރާނެޓުގެ ހިދުމަތް ކެމްޕަސްތަކަށް ދެވުމަކީ ވަރަށް ބޮޑު ކުރިއެރުމަކާއި ކެމްޕަސްތަކަށް ހޯދައިދެވުނު ލުއި ފަސޭހަކަމެއް ކަމަށް ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކުޅުދުއްފުށީ ކެމްޕަހުގެ މެނޭޖަރު ކަމަށް އައްޔަން ކުރެއްވި އިބްރާހިމް މުހައްމަދު ވިދާޅުވީ، ޔުނިވާސިޓީގެ ގޮތްޕެއްގެ ގޮތުގައި ކުޅުދުއްފުށީ ކެމްޕަސް ހިނގަމުންދާ އިރު، އެ ކެމްޕަހަކީ ޔުނިވާސިޓީގެ ތައުލީމު އުތުރުގެ ރައްޔިތުންނަށް މިހާރަށް ވުރެ ބޮޑަށް ލިބޭނެ މަރުކަޒެއްގެ ގޮތުގައި ހެދުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރާނެ ކަމަށެވެ.

ކުޅުދުއްފުށީ ކެމްޕަހުގެ މެނޭޖަރު ކަމަށް އައްޔަން ކުރެއްވި އިބްރާހިމް މުހައްމަދު ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

ހިތަދޫ ކެމްޕަހުގެ މެނޭޖަރު ކަމަށް އައްޔަން ކުރި މުހައްމަދު ޝަމީމް ވިދާޅުވީ، ދިރިއުޅުން ރަނގަޅުކުރުމަށް ތަރައްގީ ކުރުމަށް ބޭނުންވާ އިލްމު ފެތުރުމަށް އެމްއެންޔޫ އިން ކުރަމުންދާ މަސައްކަތްތަކުގައި ތިނަދޫ ކެމްޕަހުގެ ޒިންމާ ވެސް ބޮޑު ކަމަށް ގަބޫލު ކުރާ ކަމަށެވެ.

ގދ. ތިނަދޫ ކެމްޕަހުގެ މެނޭޖަރު ކަމަށް އައްޔަން ކުރެއްވި މުހައްމަދު ޝަމީމް ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

އޭނާ ވިދާޅުވީ ކެމްޕަސްތަކުގައި މިހާރު ހިންގާ ކޯސްތައް އިތުރަށް ފުޅާކޮށް އާ ކޯސްތަކެއް ހިންގުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އެގޮތުން މަސައްކަތްތެރިކަމުގެ ކޯސްތައް ތިނަދޫ ކެމްޕަހުގައި އިތުރަށް ފުޅާ ކުރުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެެ.

ތިނަދޫއާއި ކުޅުދުއްފުށީ ކެމްޕަހުގެ މެނޭޖަރު ކަމަށް އައްޔަން ކުރެއްވި ދެ ބޭފުޅުން ވެސް މަގާމާ ހަވާލުވެފައި ވަނީ ފަސް އަހަރު ދުވަހުގެ މުއްދަތަކަށެވެ.

comment ކޮމެންޓް