ވޯކްސް ކޯޕަރޭޝަންގެ ކުރީގެ އެމްޑީ ޖާވިދުގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ ކުރަން ފޮނުވައިފި

ވޯކްސް ކޯޕަރޭޝަނުގެ ކުރީގެ އެމްޑީ އަބްދުﷲ ޖާވިދު(ވ) --- ސަންފައިލް ފޮޓޯ

ވޯކްސް ކޯޕަރޭޝަނުން ދެ އެކްސް ކެވޭޓަރު ގަތުމަށް ކޮށްފައިވާ ފައިސާގެ މުއާމަލާތެއްގައި ކޮރަޕްޝަން އެކުލެވޭ ކަމަށް ބުނެ އެ ކުންފުނީގެ އޭރުގެ މެނޭޖިންގް ޑިރެކްޓަރު އަބްދުﷲ ޖާވިދުގެ މައްޗަށް ދައުވާކުރަން ޕީޖީއަށް ފޮނުވައިފި އެވެ.

ދެ އެކްސް ކެވޭޓަރު ގަތުމުގައި ކޮރަޕްޝަނުގެ އަމަލެއް އެކުލެވޭ ކަމަށް ބުނެ އޭސީސީ އަށް ހުށަހެޅި މައްސަލަ ބަލައި މިއަދު އެ ކޮމިޝަނުން އާންމު ކުރި ރިޕޯޓުގައި ބުނެފައި ވަނީ އެ މުއާމަލާތް ހިނގުމުގައި ކޮރަޕްޝަން އެކުލެވޭ ކަމަށެވެ.

އެމްއެމްއޭ އިން އޭރު ޑޮލަރު ގަތުމަށް ކަނޑައަޅާފައިވާ ރޭޓަކީ 12.85 ރުފިޔާ ކަމަށާއި ނަމަވެސް އަމިއްލަ ކުންފުންޏަކުން އެކްސްކެވޭޓަރު ގަތުމަށް ފައިސާ ދައްކާފައި ވަނީ ޑޮލަރަކަށް 13.75ގެ ރޭޓުން ކަމަށް ވެސް އޭސީސީގެ ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

އެހެންވުމުގެ ސަބަބުން ދެ އެކްސްކެވޭޓަރަށް ހަރަދު ކުރަން ޖެހޭ ފައިސާ އަށް ވުރެ އިތުރަށް 358،200 ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އޭސީސީން ވަނީ ބުނެފަ އެވެ.

އެހެންކަމުން އެއީ އޭރު ވޯކްސް ކޯޕަރޭޝަނުގެ އެމްޑީ ޖާވިދު މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެހެން މީހަކަށް ފައިދާއެއް ހޯދައިދޭން ކުރި ކަމެއް ކަމަށް ތަހުގީގަށް ސާބިތުވާ ކަމަށް ވެސް އޭސީސީން ބުންޏެވެ. އެ މައްސަލަ މިހާރު ޕީޖީ އަށް ފޮނުވާފައިވާ ކަމަށް ވެސް އޭސީސީން ވަނީ ބުނެފަ އެވެ.

އެކްސް ކެވޭޓަރު ގަންނަން ވޯކްސް ކޯޕަރޭޝަނުން ހަވާލުކުރީ ކޮން ކުންފުންޏަކާ ކަމެއް އޭސީސީގެ ރިޕޯޓުގައި ހާމަކޮށްފައެއް ނުވެ އެވެ.

comment ކޮމެންޓް