10 މިލިއަނަށްވުރެ ދަށް ވިޔަފާރިތަކަށް ކޭޝް ބޭސިސް ބޭނުންކުރަން ހުއްދަދީފި

މީރާ އިދާރާއަށް މީހަކު ވަންނަނީ-- ސަންފޮޓޯ/ އަލީ ނަސީރު

އަހަރީ އާމްދަނީ 10 މިލިއަން ރުފިޔާއަށް ވުރެ އިތުރު ނުވާ ވިޔަފާރިތަކުން "ކޭޝް ބޭސިސް" ބޭނުން ކުރުމުގެ އިހްތިޔާރު ޓެކްސްދައްކާ ފަރާތްތަކަށް ދޭގޮތަށް ގަވައިދަށް ބަދަލު ގެނެސްފިއެވެ.

"ކޭޝް ބޭސިސް" ގައި އާމްދަނީ އާއި ހަރަދުތައް ހިމަނަން ޖެހޭނީ ފައިސާ ލިބޭ ނުވަތަ ހޭދަކުރާ ތާރީހެއްގައެވެ. ކުރިން ގަވައިދު ބުނާގޮތުން ކޭޝް ބޭސިސް ބޭނުންކުރެވޭނީ އަހަރަކު ފަސް މިލިޔަނަށްވުރެ މަދުން އާމްދަނީ ލިބޭ ނަމައެވެ.

މީރާއިން މިގޮތަށް ހަމަޖެއްސީ ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސް ނުވަތަ ބީޕީޓީގެ ގަވާއިދަށް އިއްޔެ ގެނައި 11 ވަނަ އިސްލާހުގެ ދަށުންނެވެ.

މީރާއިން ބުނީ މިދިޔަ އަހަރުގެ ހިސާބުތަކުން ފެށިގެން އެވިޔަފާރިތަކަށް އެގޮތަށް ހަމަޖެއްސީ ހިސާބު ބެލެހެއްޓުމުގައި ޓެކްސް ދައްކާ ފަރާތްތަކަށް ލުޔެއް ދިނުމަށް ކަމަށެވެ.

އަހަރަކު އާމްދަނީގެ ގޮތުގައި 10 މިލިއަނަށްވުރެ ގިނައިން ލިބޭ ފަރާތްތަކުން ބޭނުންކުރަންޖެހެނީ ކުރިއެކޭވެސް އެއްގޮތަށް "އެކްރުއަލް ބޭސިސް" އެވެ. "އެކްރުއަލް ބޭސިސް"ގައި އާމްދަނީ އާއި ހަރަދުތައް ހިމަނަން ޖެހޭނީ އެކަމެއް ނިސްބަތްވާ ތާރީހެއްގައެވެ.

މީގެ އިތުރުން ކުންފުންޏެއް އުވާލަން ހުށަހަޅާ ތާރީހުގެ ފަހުން ހިނގާ މުއްދަތުތަކަށް އެއްވެސް ޓެކްސް ބަޔާނެއް ހުށަހަޅަން ނުޖެހޭގޮތަށް ވެސް މީރާއިން ވަނީ ހަމަޖައްސާފައެވެ. މިހާރު އުވާލަން ހުށަހަޅާފައިވާ ހުރިހާ ކުންފުންޏަކަށްވެސް މި ލުއި ލިބޭނެއެވެ.

comment ކޮމެންޓް