ރޭލަކާއެކު ސެލްފީއެއް ނަގަން އުޅުމުގެ ތެރޭގައި އިންޑިއާގެ ދެ ކުއްޖަކު މަރުވެއްޖެ

ރޭލަކާއެކު ސެލްފީއެއް ނަގަން އުޅުމުގެ ތެރޭގައި އިންޑިއާގެ ދެ ކުއްޖަކު ވަނީ މަރުވެފައި -- ފޮޓޯ: ގެޓީ

މުމްބާއީ (ޖެނުއަރީ 18): ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ރޭލަކާއެކު ސެލްފީއެއް ނަގަން މަސައްކަތް ކުރި އިންޑިއާގެ ދެ ކުއްޖަކު ރޭލުގައި ޖެހި މަރުވެއްޖެ އެވެ.

އިންޑިއާގެ ފުލުހުން ބުނި ގޮތުގައި ދިއްލީގައި އިއްޔެ އެހާދިސާ ހިނގީ ދުއްވާފައި ދިޔަ ރޭލު، ފޮޓޯގެ ފަހަތަށް އަރާ ގޮތަށް ސެލްފީއެއް ނަގަން އުޅުމުގެ ތެރޭގައެވެ.

"ފޮޓޯއެއް ނަގަން އުޅެނިކޮށް ރޭލެއް އަންނަ ތަން ފެނުމުން ދެކުދިން އެއް ފަރާތަކަށް ޖެހުނު. ނަމަވެސް އެވަގުތު (ޖެހިގެން އޮތް ޓްރެކުގެ) އަނެއް ފަރާތުންވެސް ރޭލެއް އައީ، އަދި ދެ ކުދިން ދެ ރޭލުގެ މެދުގައި ތާށިވީ. އޭގެ ތެރެއިން އެއް ރޭލުގައި ދެ ކުދިން ޖެހުނީ،" ފުލުހުންނާ ހަވާލާދީ އިންޑިއަން އެކްސްޕްރެސްގައިވެ އެވެ.

އެފޮޓޯތައް ނަގަން ވެގެން އެކުދިން ވަނީ ކެމެރާއެއް ކުއްޔަށް ނަގާފައި ކަމަށްވެސް ރެއިލްވޭ އޮފިޝަލުން ބުންޏެވެ.

"އެފޮޓޯޝޫޓުގައި ބޭނުން ކުރި ކެމެރާ އަޅުގަނޑުމެންނަށް ވަނީ ލިބިފައި. އޭގައި ބައެއް ފޮޓޯތަކާއި ވީޑިއޯތައް ހުރި. އެފޮޓޯތަކުން އެނގޭ އެކުދިން އެއް ޓްރެކުން އަނެއް ޓްރެކަށް އަރަމުން ދިޔަކަން،" ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު ޕަރުވޭޒް އަހުމަދު ވިދާޅުވި އެވެ.

މިދިޔަ އަހަރު އުއްތަރަ ޕްރަދޭޝްގެ ކޯރެއްގައި ސެލްފީއެއް ނަގަން އުޅުމުގެ ތެރޭގައި ދެ ކުއްޖަކު މަރުވެފައިވެ އެވެ. އަދި މުމްބާއީގެ ފުލުހުން ވަނީ ސެލްފީ ނަގަން "ނުރައްކާތެރި" 15 ސަރަހައްދެއް އެސިޓީން ފާހަގަކޮށްފައެވެ.

މިދިޔަ އަހަރު ދިއްލީގެ ދެ ޔުނިވާސިޓީއަކުން ހެދި ދިރާސާއަކުން ދެއްކި ގޮތުގައި އިންޑިއާއަކީ ސެލްފީ އެއް ނަގަން އުޅުމުގެ ތެރޭގައި އެންމެ ގިނަ އަދަދެއްގެ މީހުން މަރުވާ ގައުމެވެ. (ބީބީސީ)

comment ކޮމެންޓް