ޒުވާނުންނަށް ރައީސް ހޯއްދަވައި ދެއްވި ފުރުސަތުތަކާއެކު ކުށްކުރުން މަދުވެއްޖެ: ޑިފެންސް މިނިސްޓަރު

ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު: ރައީސާއި އެމަނިކުފާނުގެ އަނބިކަނބަލުންނަށް ތައުރީފު ކުރެއްވި-- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ޒުވާނުންނަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ހޯއްދަވައި ދެއްވި އެކި ފުރުސަތުތަކުގެ ސަބަބުން ކުށްކުރުން "ބޮޑުތަން" މަދުވެފައިވާ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އެހެން ވިދާޅުވީ، ރައީސް ޔާމީން ދެ ވަނަ ދައުރަކަށް އިންތިހާބު ކުރުމަށް އެމަނިކުފާނުގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް ފެއްޓެވި ކެމްޕެއިންގެ ދަށުން ކާނިވާ ސަރަހައްދުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ތަފާސް ހިސާބުތަކަށް ބަލާއިރު 2013 ވަނަ އަހަރުގެ ފަހުން ރާއްޖޭގައި ކުށްކުރުން މަދުވެއްޖެ ކަމަށެވެ. އަދި އެއީ ޒުވާނުންނަށް ރައީސް ފަހިކޮށްދެއްވި އެކި ފުރުސަތުތަކުގެ ސަބަބުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ޔާމީންގެ ފަރާތްޕުޅުން ވެރިއެއްގެ ފަރާތުން ފެންނަން ޖެހޭ ގިނަ ކަންތައްތަކެއް ފެނިފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ ތައުލީމީ ނިޒާމާއި ސިއްހީ ދާއިރާ ރަނގަޅު ކުރައްވައި އިގްތިސާދީ ބޮޑެތި ތަރައްގީތައް ގެންނަވާފައިވާ ކަމަށް ވިދާޅުވި އެވެ.

"ރަށްރަށުގައި ބަނދަރު ހެދުމާއި ސްކޫލުތައް ހެދުމާއި މާލޭގައި ރީތި ޕާކުތަކެއް މި ވަނީ ހައްދަވާދެއްވާފައި. މިއީ ރަނގަޅު ވެރިއަކު ވެރިކަމަށް ވަޑައިގަތީމަ ފެންނާނެ ކަންތައްތައް،" މިނިސްޓަރު ވިދާޅުވި އެވެ.

ރޭގެ ރަސްމިއްޔާތުގައި ދައުލަތުގެ އެކިއެކި ވަޒީރުންނާއި ޕީޕިއެމްއަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލިސް މެންބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.

comment ކޮމެންޓް