"އިތާ މުތް" އެޕާޓްމެންޓުތައް ބުކް ކުރުމުގެ ފުރުސަތު ލިވިން އެކްސްޕޯގައި

ރެނާޓަސް އިން ހުޅުމާލޭގައި އަޅާ "އިތާ މުތް" އެޕާޓްމެންޓު މަޝްރޫއު އިފްތިތާހު ކުރުން -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

އަންނަ މަހު ބާއްވާ މޯލްޑިވްސް ލިވިންގް އެކްސްޕޯގައި، ރާއްޖޭގައި ހަރަކާތްތެރިވާ ކޮންސްޓްރަކްޝަން ކުންފުނި ރެނާޓަސްއިން ބައިވެރިވެއްޖެ އެވެ.

ރެނާޓަސްއަކީ ދެކުނު އިންޑިއާގައި ފުޅާ ދާއިރާގައި ކޮންސްޓްރަކްޝަންގެ މަސައްކަތް ކުރަމުން އަންނަ އާރުޕީޕީ ގްރޫޕުގެ ސަބްސިޑަރީއެކެވެ. އެ ކުންފުނިން ދަނީ ހުޅުމާލޭގައި 72 އެޕާޓްމެންޓް ހިމެނޭ "އިތާ މުތް" އިމާރާތް ގާއިމުކުރަމުންނެވެ.

ރެނާޓަސް ކުންފުނީގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވި ގޮތުގައި، ލިވިން އެކްސްޕޯއިން ރެނާޓަސް "އިތާ މުތް"އިން އެޕާޓްމެންޓް ބުކް ކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެން ދާނެ އެވެ.

ރެނާޓަސް އިތާ މުތް އެޕާޓްމެންޓްގައި، ޖުމްލަ 72 އެޕާޓްމަންޓް ހުންނާނެ އެވެ.

އެއް ކޮޓަރީގެ 12 އެޕާޓްމެންޓު

ދެ ކޮޓަރީގެ 12 އެޕާޓްމެންޓު

ދެ ކޮޓަރި އާއި މެއިޑް ރޫމެއް ހުންނަ 12 އެޕާޓްމެންޓު

ތިން ކޮޓަރި އާއި މެއިޑް ރޫމެއް ހުންނަ 32 އެޕާޓްމެންޓު

ތިން ކޮޓަރި ހުންނަ، ހަތަރު ޕެންޓްހައުސް އެޕާޓްމެންޓު

އަށް ބުރީގެ އިމާރާތެއްގައި ހަދާ ފްލެޓުތަކަކީ ޖާގަ ތަނަވަސް ފްލެޓުތަކަކަށް ވާނެ ކަމަށް ރެނާޓަސް އިން ބުނާ އިރު، އިމާރާތުގެ ކޮރިޑޯތައް ފަރުމާ ކޮށްފައި ވަނީ ގުދުރަތީ އައްޔާއި ވައި ދައުރުވާ ގޮތަކަށް ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

މީގެ އިތުރުން އެ އިމާރާތުގައި ޖިމަކާއި، ސިނަމާ ހޯލެއްގެ އިތުރުން ކުޑަކުދިން ކުޅޭ ސަރަހައްދަކާއި ކާރާއި ސައިކަލު ޕާކު ކުރަން ޚާއްސަ ޕާކިން ސްޕޭސްތައް ހުންނާނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ. އަދި އެ އިމާރާތުގެ ގްރައުންޑް ފްލޯ އާއި ފުރަތަމަ ފްލޯގައި ހުންނާނީ ހައި އެންޑް ޝޮޕިންގް ފެސިލިޓީތަކެކެވެ.

ރެނާޓަސް "އިތާ މުތް" އެޕާޓްމެންޓު ކޮމްޕްލެކްސް ގާއިމު ކުރަނީ ހުޅުމާލޭ ފެރީޓާމިނަލުން ފެށިގެން ދެ މިނެޓު ތެރޭގައި ހިނގާފައި ދެވޭ ހިސާބުގައި، ހުޅުމާލޭގެ ވޯޓާ ފްރަންޓުގަ އެވެ.

މޯލްޑިވްސް ލިވިންގް އެކްސްޕޯ އޮންނާނީ އަންނަ މަހުގެ 16 އިން 18 އަށް، ނޭޝަނަލް އާޓު ގެލެރީގައެވެ.

އެ މައުރަޒު އިންތިޒާމުކުރާ ހައިރައިޒުން މައުލޫމާތު ދޭ ގޮތުގައި، ދިވެހީންނަށް އެޕާޓްމެންޓް ބެލުމާއި، ރެޖިސްޓާކުރުމުގެ ފުރުސަތު ލިވިން އެކްސްޕޯގެ ޒަރިއްޔާއިން ލިބޭނެއެވެ.

މިއަހަރުގެ ލިވިން އެކްސްޕޯ މައުރަޒުގެ މެއިން ސްޕޮންސަރަކީ ސީލައިފް ގްލޯބަލް އެވެ. އަދި ކޯ ސްޕޮންސަރަކީ ޓާޓާ ހައުސިންގްގެ ސަބްސިޑަރީ ކުންފުނި، އެޕެކްސް ރިއަލްޓީ އެވެ. އޮންލައިން މީޑިއާ ޕާޓުނަރަކީ ސަން އޮންލައިނެވެ.

comment ކޮމެންޓް