ރ. ވާދޫގައި ފީފާއެއް ގޮވައި މީހަކަށް އަނިޔާވެއްޖެ

ރެސިން ހުސްކުރި ފީފާ ގޮވުމުން ޒަހަމްވި މީހާއަށް ފަރުވާދިނުމަށް ގެންދަނީ --- ފޮޓޯ/ ކިޔުންތެރިއެއް

ރެސިން ހުސްކުރި ފީފާއެއް ގޮވައި ރ. ވާދޫގައި މީހަކަށް އަނިޔާވެއްޖެ އެވެ.

ވާދޫ ކައުންސިލްގެ ރައީސް ހުސައިން އަލީ "ސަން" އަށް ވިދާޅުވީ ޒަހަމްވެފައި ވަނީ ދިވެހި ފިރިހެނަކަށް ކަމަށެވެ. އެނގިފައިވާ ގޮތުގައި އެއީ އެ ރަށު މަލަސް، އަބްދުލް މުހްސިން އަލީ އަށެވެ.

ހުސައިން އަލީ ވިދާޅުވީ، ރެސިން ހުސްކުރި އެ ފީފާ ގޮވުމުގެ ސަބަބުން މުހުސިންގެ ކަނާތު ފައިގެ ކުޑަހުޅުގެ ކަށިގަނޑެއްގައި ރެނދުލާފައިވާ ކަމަށެވެ. އަދި ކަށިމައްޗަށް ވެސް ޒަހަމްތަކެއް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހާދިސާ ހިނގިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ސިއްހީ މަރުކަޒަށް ގެންގޮސް އަވަސްފަރުވާ ދީފިން. ދެން މިކޮޅުން ދެވެން ހުރި ފަރުވާ ދިނުމަށްފަހު ގެންދިޔައީ އުނގޫފާރު ހޮސްޕިޓަލަށް. ގެންގޮސް އެކްސްރޭ ނެގުމުން އެނގުނީ ރެނދެއްލާފައި ހުރިކަން،" ހުސެން އަލީ ވިދާޅުވި އެވެ.

ރެސިން ހުސްކުރި ފީފާ ގޮވާފައި --- ފޮޓޯ/ ވާދޫ ކައުންސިލް

އޭނާ ވިދާޅުވީ ރެސިން ހުސްކުރި ފީފާއަކީ އެރަށު ޓާފް ދަނޑުގެ ފެންސް ވެލްޑިން ކުރުމަށް އަށި ހެދުމަށް ބޭނުން ކުރި ފީފާތަކުގެ ތެރެއިން ފީފާއެއް ކަމަށެވެ.

އޭނާ ވިދާޅުވީ ހާދިސާ ހިނގުމުގެ ކުރިން، ފީފާ ފުއްޕާކަން އެނގުމުން ކޯރާޑިން ޖަހައި ފީފާގެ ބައެއް ހިސާބުތައް ފަޅާލާފައިވެސް ހުރި ކަމަށެވެ. ނަމަވެސް ފީފާ ފަޅައިގެން ދިޔައި ވަރަށް ބާރަށް ކަމަށާއި، ފީފާ މަތީގައި ހުރި އަށިވެސް ގާތްގަނޑަކަށް ފޫޓަކަށް މައްޗަށް އެރި ކަމަށް އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް